28 ޖުލައި 2023 - 11:51

ޖަޕާނުގެ ފުކުއޯކާގައި ކުރިއަށްދާ 20 ވަނަ ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ މެރާލް އައިން ލަތީފް އާއި މުހައްމަދު ރިހާން ޝިހާމް، 200 މީޓަރު ބަޓަފްލައި އިވެންޓުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

ދެ އެތުލީޓުންގެ އިންޑިވިޖުއަލް ރެކޮޑްގެ އިތުރުން، މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ހަތަރު އެތުލީޓުން ވަނީ ޓީމް އިވެންޓެއް ކަމަށްވާ، ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
ބަޓަފްލައި ސްޓްރޯކް 200 މީޓަރު އިވެންޓުން މެރާލް ގައުމީ ރެކޯޑް އާކުރީ ތިން މިނިޓް 5.69 ސިކުންތުން ހީޓް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް ކުރިން މެރާޅް އަތުގައި އޮތީ، މިއަހަރު ތައިލެންޑްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަކް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ތިން މިނިޓް 6.78 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.
ރިހާން ވަނީ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ހީޓް، ދެ މިނިޓް 32.93 ސިކުންތުން ނިންމައިފަ އެވެ. މީގެ ކުރިން ރިހާން މި ރެކޯޑް ހެދީ، މިދިޔަ އަހަރު ބޭއްވި އަށްވަނަ ފީނާ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ދެ މިނިޓް 34.06 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މެރާލް އާއި ރިހާންގެ އިތުރުން، ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ދެން ވާދަކުރަނީ އަލީ އިމްއާނާއި ހަމްނާ އަހުމަދެވެ. ހަތަރު އެތުލީޓުން ވެގެން ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭގެ ގައުމީ ރެކޯޑް މުގުރާލީ، ހަތަރު މިނިޓާއި 50.64 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މީގެ ކުރިން ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭގެ ގައުމީ ރެކޯޑް އޮތީ، 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ހަތަރު މިނިޓް 56.79 ސިކުންތުން ރޭސް ފުރިހަމަ ކުރި ޓީމުންނެވެ. އެ ޓީމުގައި ހިމެނެނީ އިމްއާންގެ އިތުރުން މުބާލް އައްޒާމް އިބްރާހިމް އާއި އައިޝަތު ސައުސަން އަދި އައިޝަތު ސާޖިނާ އެވެ.
އަންނަ އާދިއްތަ ދުވަހާ ހަމައަށް ފުކުއޯކާގައި ކުރިއަށްދާ މި މުބާރާތުގައި ހަމްނާ އާއި އިމްއާން ވަނީ، 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.