27 ޖުލައި 2023 - 20:47

އަގުބޮޑު ހަދިޔާއަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކާނިވަލް މާދަމާ ހުޅުމާލޭގައި ބާއްވަން ހަމަޖައްސައިފި އެވެ.
އާބަންކޯއިން ބުނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސެންޓްރަލް ޕާކުގައި ބާއްވާ ކާނިވަލްގައި އާއްމުންނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި، ގޭމް ސްޓޯލާއި ބިރުވެރި ހޮހަޅަ އާއި ފުޑް ސްޓްރީޓް، ސާކަސް ޝޯ އަދި ކަރޯކޭ ބޮކްސް ހިމެނެ އެވެ.
ދިރާގުގެ ފަރާތުން ޑްރޯން ޝޯ އަދި ލޭޒާ ޓެގްގެ ހަރަކާތްތަކެއް ހިމަނާފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބާއްވާ މިނިވަން އުފާ ކާނިވަލް އިންތިޒާމް ކޮށްފައިވަނީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ހަރަކާތްތައް ހިމަނައިގެންނެވެ.
އެކި ގޭމްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން، ކާނިވަލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ހާއްސަ ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ކިއުއާރު ކޯޑެއް މެދުވެރިކޮށް ރަޖިސްޓްރީކޮށް، ގުރުއަތުން ހޮވޭ މީހަކަށް އިންޑޮނޭޝިޔާގެ ބާލީއަށް ދަތުރު ލިބޭނެ އެވެ. އުރީދޫއިން ސްޕޮންސާ ކޮށްފައިވާ ދަތުރުގައި އެ ގައުމުގައި ހަތް ރޭ ހުރުމާއި ދަތުރުގެ ހަރަދުތައް ސްޕޮންސާކޮށްފައި ވެ އެވެ.
އާބަންކޯއިން ބުނީ ކާނިވަލެއް ގޮތަށް މުޅި ޕާކު ޒީނަތްތެރި ކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯނެއް ވެސް އެ ތަނުގައި ހުންނާނެ ކަމަށެވެ. އެހެންވެ، މިއީ ކޮންމެހެން ވެސް ޒިޔާރަތްކުރަންޖެހޭ ތަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.