130 އަނބިން ގެންގުޅުނު ނައިޖީރިޔާ މީހާ މަރުވެއްޖެ
130 އަނބިން ގެންގުޅުނު ނައިޖީރިޔާ މީހާ މަރުވެއްޖެ

ނައިޖީރިއާގައި އިލްމު ވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ، 130 އަނބިން ގެންގުޅު މުހައްމަދު ބެއްލޯ އަބޫބަކުރު އުމުރުން 93 އަހަރުގައި މިދިޔަ ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.

130 އަނބިން ގެންގުޅުނު ނައިޖީރިޔާ މީހާ މަރުވެއްޖެ
130 އަނބިން ގެންގުޅުނު ނައިޖީރިޔާ މީހާ މަރުވެއްޖެ

ބެއްލޯ މަރުވިއިރު 200 އަށް ވުރެ ގިނަ ދަރިން އެބަތިއްބެވެ.

ނައިޖަރު ސްޓޭޓްގައި އާދިއްތަ ދުވަހު ބޭއްވި ބެއްލޯގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އެ ގައުމުގެ ބައެއް ނޫސްތަކުން ބުނަނީ ބެއްލޯ މަރުވިއިރު ވެސް އޭނާގެ ބައެއް އަނބިން ބަނޑު ބޮޑު ކަމަށެވެ.

ބެއްލޯ މާގިނަ އަނބިން ގެންގުޅޭތީ 2008 ގައި ނައިޖީރިޔާގެ ބައެއް މުސްލިމް އިލްމުވެރިންގެ ފަރާތުން އޭނާއަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި އޭރު އޭނާގެ ތިބި 86 އަނބިންގެ ތެރެއިން 82 އަނބިން 48 ގަޑިއިރު ތެރޭ ވަރިކުރަން ބެއްލޯ އަށް ދީނީ އިލްމުވެރިން އެންގެވި އެވެ. ނަމަވެސް އޭނާ އެއްވެސް މީހަކު ދެއްކި އެއްވެސް ވާހަކައެއް އަޑުނާހާ އިތުރަށް މީހުންނާ އިންނަމުން ގެންދިޔަ އެވެ.

ބެއްލޯ 130 ކައިވެނި ކުރި އެވެ. އޭގެ ތެރެއިން 10 މީހަކު ވަނީ ވަރިކޮށްފަ އެވެ. އޭނާ 2008 ވަނަ އަހަރު ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ހުރިހާ އަނބިން ކޮންޓްރޯލްކުރުމުގެ ގާބިލްކަން އޭނާއަށް ވަނީ ދެއްވާފަ އެވެ.

ބެއްލޯ ގިނައިން ކައިވެނިކޮށްފައި ވަނީ އޭނާ ކައިރިއަށް އެކި ބަލިބައްޔަށް ފަރުވާ ހޯދަން ދިޔަ މީހުންނާ އެވެ.

މާ ގިނަ އަނބިން ގެންގުޅޭތީ އެއްފަހަރަކު އޭނާ ހައްޔަރުކޮށް ޖަލަށް ވެސް ލި އެވެ. އެފަހަރުވެސް އޭނާގެ ހުރިހާ އަނބިން ވެސް ބުނީ ބެއްލޯ އަކީ އަނބިންނަށާއި ދަރިންނަށް ހެޔޮ މީހެއް ކަމަށެވެ.

ބެއްލޯ މިހާ ގިނަ މީހުންނާ ކައިވެނި ކުރިޔަސް އެހެން މީހުން އެހާ ގިނަ މީހުންނާ ކައިވެނި ނުކުރަން ބެއްލޯ ފަތުވާ ދެ އެވެ. އަދި އެއީ އޭނާއަށް ޚާއްސަ ކަމެއް ކަމަށް ބުނެ އެވެ.