27 ޖުލައި 2023 - 09:48

އިންޑިޔާގެ މަނިޕޫރު ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ޕާލިމަންޓަށް ވައްދައިފި އެވެ.
މޯދީގެ ސަރުކާރަށް އިތުބާރު ނެތް ކަމަށް ބުނެ މައްސަލައެއް އިއްޔެ ހުށަހެޅީ އިދިކޮޅު ކޮންގްރެސް ޕާޓީގެ މެމްބަރަކެވެ.
އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ކޯލިޝަން ޕާޓީތަކާ އެކު މޯދީގެ ޕާޓީގެ ސާފު އަޣުލަބިއްޔަތު އޮންނާތީ އެ މައްސަލަ ކާމިޔާބުނުވިޔަސް، މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މަޖިލީހުގައި މޯދީ ވާހަލަ ދައްކަވަންޖެހޭނެ ކަމަށް އިދިކޮޅު ޕާޓީން ބުނެ އެވެ.
މިދިޔަ މެއި މަހުން ފެށިގެން އެ ސްޓޭޓުގައި ދިރިއުޅޭ މެއިޓެއި ގްރޫޕާއި ކޫކީ ގަބީލާއާ ދެމެދު ބޮޑެތި ކުރިމަތިލުންތައް އަންނަނީ ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 130 މީހުން މަރުވެ، އެތަކެއް ހާސް ބަޔެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.
މިދިޔަ ހަފުތާގައި މަނިޕޫރުގައި ދެ އަންހެނަކު ބަރަހަނާކޮށް، މަގުމަތީގައި ހިންގުވާ ވީޑިއޯއެއް އާންމުވެ، އެކަމާ ދެކޮޅަށް ބޭރުގެ ފަރާތްތަކުން ވެސް ވަނީ ނުރުހުންފާޅު ކޮށްފަ އެވެ.
އެ ވީޑިއޯ އާންމުވުމުން ޕްރެޝަރު ބޮޑުވެ، މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މޯދީ ވަނީ ފުރަތަމަ ފަހަރަށް އެއްޗެއް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ހާދިސާއަކީ އިންޑިޔާއަށް ވަރަށް ލަދުވެތި ކަމެއް ކަމަށާއި އެ އަމަލު ހިންގި މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.
މިއީ 2014 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ މޯދީގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ މައްސަލައަކާ ކުރިމަތިވި ދެ ވަނަ ފަހަރެވެ. ދެހާސްއަށާރަ ވަނަ އަހަރު އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ އަންދްރަ ޕްރަދޭޝް ސްޓޭޓަށް ހާއްސަ ދަރަޖައެއް ދިނުމުންނެވެ. އެކަމަކު 12 ގަޑިއިރުގެ ބަހުސަކަށްފަހު އެ މައްސަލަ ފާހެއް ނުވި އެވެ.