27 ޖުލައި 2023 - 10:02

އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޔޫކްރޭނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.
ޔޫކްރޭނުގައި ދައުލަތުގެ އޮފިޝަލުން ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރުން އޮންނަނީ މަނާކޮށްފަ އެވެ. އަސްކަރިއްޔާއަށް ޚިދުމަތް ކުރެވޭ އުމުރުގެ މީހުން ގައުމުން ބޭރުވާން ހާއްސަ ހުއްދަ އެއް ހޯދަންޖެހެ އެވެ.
ޔޫކްރޭނުގެ ތަހުގީގީ އިދާރާތަކުން ޔޫރީ އަރިސްޓޯވަށް ކުރަނީ ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތެވެ. އެއީ ގައުމުން ބޭރަށް ދިޔުމުގެ ހުއްދަ ހޯދަން އޭނާ ދޮގު މައުލޫމާތު ދިން ކަމަށް ބެލެވިގެންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ ޖުލައި މަހު އަރިސްޓޯވް އޭނާގެ އާއިލާއާ އެކު އިތާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރީ ބޭސްފަރުވާ ކުރުމަށް ބުނެ ހޯދި ހުއްދައެއްގެ ދަށުން ކަމަށް ތަހުގީގުގެ ފުރަތަމަ މަރުހަލާއިން ވަނީ ފާހަގަވެފަ އެވެ.
ރަޝިއާގެ ސިފައިން ޔޫކްރޭނަށް އަރައިގަތުމުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްނުކުރެވޭ ދައުލަތުގެ އޮފިޝަލުންނަށް ޔޫކްރޭނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އިއްޔެ ވަނީ ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.
ތަހުގީގު ފެށުމާ އެކު އަރިސްޓޯވް ވަނީ މެމްބަރުން ކަމުން އިސްތިއުފާ ދެއްވި ކަން ޔޫކްރޭނުގެ ޕާލިމަންޓަށް ރަސްމީކޮށް އަންގަވައިފަ އެވެ.