ސަލްމާންގެ "ޓިއުބުލައިޓް"ގައި ޝާހްރުކް އަކީ ޖާދޫގަރެއް
ސަލްމާންގެ "ޓިއުބުލައިޓް"ގައި ޝާހްރުކް އަކީ ޖާދޫގަރެއް

އެއް ފިލްމެއްގައި އެއްވަރަކަށް މަޝްހޫރު ދެ ތަރިން ބައިވެރި ކުރުމުގައި ޑައިރެކްޓަރު ކަބީރް ޚާން ވަނީ ކާމިޔާބު ހޯދާފަ އެވެ. ސަލްމާން ޚާނާ އެކު "ބަޖްރަންގީ ބައިޖާން" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ކަބީރްގެ އާ ފިލްމު "ޓިއުބުލައިޓް"ގައި ކުޑަ ރޯލެއް ނަމަވެސް ޝާހްރުކް ޚާން ލައްވާ ކުޅުވަން އެއްބަސް ކުރެވުމަކީ ކަބީރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. ޝާހްރުކް މި ފިލްމުގައި ކުޅެނީ ޖާދޫގަރެއްގެ ރޯލެވެ.

ޝާހްރުކް އާއި ސަލްމާނަކީ ގާތް ދެ އެކުވެރިންގެ އިތުރުން ބޮލީވުޑްގައި މިހާރު ތިބި އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންވެ މި ދެ ތަރިންގެ އަލަށް އުފެދުނު ގާތް އެކުވެރިކަމުގެ ފައިދާ ނަގައިގެން އެމީހުން އެއް ފިލްމެއްގައި ބައިވެރިކުރުމަކީ ހިންދީ ފިލްމު އުފައްދާ ކޮންމެ މީހަކު ވެސް ކުރަން ބޭނުންވާ ކަމެކެވެ. ނަމަވެސް "ކަރަން އަރްޖުން" އާއި "ކުޗް ކުޗް ހޯތާހޭ"އަށް ފަހު، ފިލްމު އުފައްދާ އެއްވެސް މީހަކަށް މި ފުރުސަތު ލިބިފައެއް ނުވެ އެވެ.

ފަރާ ޚާންގެ "އޯމް ޝާންތީ އޯމް"ގެ ލަވައެއްގައި މި ދެ ތަރިން ބައިވެރިވި ނަމަވެސް އެކުގައި އެންމެ މަންޒަރެއް ވެސް ކުޅެފައެއް ނުވެ އެވެ.

ދެ ތަރިން އެކުގައި ފިލްމަކުން ފެނުނުތާ 15 އަހަރު ފަހުން އަނެއްކާވެސް ސްކްރީނުން ފެނުމުގެ ފުރުސަތު ލިބޭތޯ ދެ ތަރިންގެ ފޭނުން ތިބީ ވަރަށް އުފަލުންނެވެ. އަދި މި ފިލްމަކީ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ.

ސަލްމާނާއި ޝާހްރުކްގެ އިތުރުން "ޓިއުބުލައިޓް"ގައި ބައިވެރިވަނީ ސުހައިލް ޚާނާއި ޗައިނާގެ ބަތަލާ ޒޫ ޒޫ އެވެ.

އަންނަ ޖޫން މަހުގެ 25 ވަނަ ދުވަހު (ކުޑަ އީދު ދުވަހު) ރިލީޒްކުރަން ތައްޔާރުކުރަމުންދާ މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 ގައި ހިނގި ހަނގުރާމައިގެ ދުވަސްވަރަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން ކުޅެނީ ކުޑަކުއްޖެއްގެ ވިސްނުން ހުންނަ ބޮޑު މީހެއްގެ ބައި ކަމަށްވެ އެވެ.