27 ޖުލައި 2023 - 07:16

ހަތަރު އަންހެނުންގެ ދިރިއުޅުމުގައި ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ ބޮލީވުޑްގެ ފިލްމު "ވީރޭ ދި ވެޑިން"ގެ ސީކުއެލްއެއް ގެނެސްދޭން ނިންމައިފި އެވެ.
މީގެ ފަސް އަހަރު ކުރިން، 2018 ގައި ގެނެސްދިން "ވީރޭ ދި ވެޑިން"ގެ ލީޑު ރޯލުތައް ކުޅުނީ ކަރީނާ ކަޕޫރު ހާން، ސޯނަމް ކަޕޫރު، ސްވަރާ ބާސްކަރު އަދި ޝިހާ ތަލްސާނިއާ އެވެ. އެއީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވެސް ހޯދި ފިލްމެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް ފަށައި ސްކްރިޕް ވެސް މިހާރު އޮތީ ލިޔެ ނިމެން ކައިރިވެފަ އެވެ. އަދި ވަރަށް އަވަހަށް ޝޫޓިން ވެސް ފަށާނެ އެވެ.
މި ފިލްމުގެ ކާސްޓުގައި ކުރީގެ ހުރިހާ ތަރިން ތިބޭނެ ކަމެއް އަދި ޔަގީންނުވެ އެވެ.
"ވީރޭ ދި ވެޑިން"ގައި އުޅުނު ސޯނަމްއަށް ކުއްޖަކު ލިބުނު ފަހުން އޭނާ މިހާރު ދިރިއުޅެނީ ލަންޑަންގަ އެވެ. މިފަހުން ދިން އިންޓަވިއެއްގައި އޭނާ ބުނީ ފިލްމީ މަސައްކަތަށް މާ އަވަހަށް އެނބުރި ދިއުމުގެ ހިޔާލެއް އަދި ނެތް ކަމަށެވެ. އެ ފިލްމުގައި އުޅުނު ސްވަރާ ބާސްކަރު ވެސް އިނީ ބަލިވެ އެވެ.
މި ފިލްމަކީ ސޯނަމްގެ ކޮއްކޮ، ރިއާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ރިއާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާ ޕްރޮޑިއުސްކުރާ އެހެން ފިލްމެއް ކަމަށްވާ "ދަ ކްރޫ"ގަ އެވެ.
"ވީރޭ ދި ވެޑިން 2" ސިނަމާއަށް ގެންނާނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.