ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕް: ހަމްނާ އާއި އިމްއާން، 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް މުގުރާލައިފި
ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕް: ހަމްނާ އާއި އިމްއާން، 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް މުގުރާލައިފި

ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަލީ އިމްއާނާއި ހަމްނާ އަހުމަދު، 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ހަމްނާ ގައުމީ ރެކޯޑް ހެދީ، ހީޓުގައި އެއް މިނިޓް 18.17 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އިމްއާން ރެކޯޑް ހެދީ، ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި އެއް މިނިޓް 4.98 ސިކުންތުން ހީޓް ފުރިހަމަ ކޮށްގެންނެވެ.

މި ދެ ރެކޯޑް ވެސް އެންމެ ފަހުން އާކޮށްފައި ވަނީ މިދިޔަ އަހަރު ހަންގޭރީގެ ބުދަޕެސްޓުގައި ކުރިއަަށްދިޔަ ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި ރާއްޖޭން ވަނީ ޖުމްލަ 10 ގައުމީ ރެކޯޑް އާކޮށްފަ އެވެ.

ހަމްނާ އާކުރި ރެކޯޑަކީ މިދިޔަ އަހަރުގެ މުބާރާތުގައި އެއް މިނިޓް 18.58 ސިކުންތުން ހީޓް ނިންމައިގެން އައިޝަތު ސައުސަން އާކުރި ރެކޯޑެކެވެ. އަދި އިމްއާން އާކުރީ މިދިޔަ އަހަރުގެ މުބާރާތުގައި އެއް މިނިޓް 5.77 ސިކުންތުން ހީޓް ނިންމައިގެން މުހައްމަދު އާން ހުސެއިން އާކުރި ރެކޯޑެކެވެ.

އަންނަ އާދިއްތަ ދުވަހާ ހަމައަށް ފުކުއޯކާގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންގެ ތެރޭގައި ހަމްނާ އާއި އިމްއާންގެ އިތުރުން ދެން ހިމެނެނީ މެރާލް އައިން ލަތީފް އަދި މުހައްމަދު ރިހާން ޝިހާމެވެ.

ރާއްޖޭގެ އެތުލީޓުން މިހާތަނަށް ވާދަކުރި އިވެންޓް ތަކަށް ބަލައިލާއިރު، ހަމްނާ ވަނީ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވެސް ފަތައިފަ އެވެ. އޭނާ ހީޓް ނިންމީ 35.11 ސިކުންތުންނެވެ. އަންހެން ފެތުންތެރިޔާ މެރާލް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ހީޓް ނިންމީ ތިން މިނިޓް 5.69 ސިކުންތުންނެވެ. އަދި ރިހާން 200 މީޓަރު ބަޓަފްލައި އިވެންޓުގެ ހީޓް ނިންމީ ދެ މިނިޓް 32.93 ސިކުންތުންނެވެ.

ހަތަރެއް ގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގައި ހަމްނާ އާއި މެރާލް އަދި އިމްއާން އާއި ރިހާން ވާދަކުރި އެވެ. މި އިވެންޓުން ހީޓް ނިންމީ ހަތަރު މިނިޓާއި 50.64 ސިކުންތުންނެވެ.