ޗައިނާގެ ހާރިޖީ ވަޒީރު "ގެއްލިގެން" އުޅެނިކޮށް މަގާމުން ވަކިކޮށް
ޗައިނާގެ ހާރިޖީ ވަޒީރު "ގެއްލިގެން" އުޅެނިކޮށް މަގާމުން ވަކިކޮށް

ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގަންގް އާންމުންނަށް ނުފެނި "ގެއްލިގެން" ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، އޭނާ މަގާމުން ވަކިކޮށްފައިވާ ކަން ޗައިނާގެ ސަރުކާރުން އިއުލާނުކޮށްފި އެވެ.

އުމުރުން 57 އަހަރުގެ ޗިން، އާންމު އެއްވެސް ހަރަކާތަކުން ނުފެންނަތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. އޭނާ އެންމެ ފަހުން އާންމުންނަށް ފެނުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ގަންގްއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކޮށް ތިބުމަށްފަހު، އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު، ފޮރިން މިނިސްޓަރުކަމަށް ކުރިން އެ މަގާމުގައި ހުންނެވި ވަންގް ޔީ އައްޔަނުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

ޚާރިޖީ ދާއިރާގެ ތަޖުރިބާރެއް ކަމަށްވާ، ޔީ އަކީ 2013 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އެގައުމުގެ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

އެކަމަކު ގަންގް އެ މަގާމުން ވަކި ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި ޗިން އަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެކެވެ.

ޗިން ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، ބޭރު ގައުމުތަކުގެ ހާރިޖީ ބޭފުޅުންގެ އިތުރުން ޗައިނާގެ އާންމުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ވީ ގޮތެއް ނޭނގި ކުއްލި ގޮތަކަށް ގެއްލުމަކީ އެ ގައުމުގައި އާ ކަމެއް ނޫނެވެ. އާންމުކޮށް މިގޮތަށް ގެއްލޭ ބޭފުޅުން، އާންމުންނަށް ފެނުމަށް ފަހު، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ވެސް ހިންގާފައި އެބަހުއްޓެވެ.

ޗައިނާގެ ރައީސް ޝީ ވެސް 2012 ވަނަ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ދެ ހަފުތާ އަށް ގެއްލުނެވެ. އެ ފަހަރު އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ދެރަވުމުގެ އިތުރުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި މައްސަލަ ޖެހިފައިވާ ކަމުގެ ވާހަކަތަކެއް ވެސް އަޑުއިވުނެވެ.