26 ޖުލައި 2023 - 12:24

ފްލޮރިޑާ (ޖުލައި 26) - ލިއޮނެލް މެސީ ފުރަތަމަ ހާފުގައި 22 މިނިޓު ތެރޭ ކާމިޔާބު ކުރި ދެ ގޯލާއެކު އެޓްލާންޓާ ޔުނައިޓެޑް 4-0 އިން ބަލިކޮށް އިންޓަ މަޔާމީ، ލީގްސް ކަޕްގެ ނޮކައުޓް ބުރަށް ދަތުރު ކޮށްފި އެވެ.
ކެޕްޓަން މެސީ ވަނީ އިންޓަ މަޔާމީ އަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި، މިދިޔަ ހޮނިހިރު ދުވަހު ބެންޗުން އަރައި ފަހު ވަގުތު ލިބުނު ހިލޭ ޖެހުމަކުން މެކްސިކޯގެ ކްރޫޒް އަޒުލް އަތުން ޓީމު މޮޅު ކޮށްދީފަ އެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގައި މަޔާމީގެ ފުރަތަމަ ގޯލު މެސީ ޖެހީ އަށްވަނަ މިނިޓުގަ އެވެ. އަދި 22 ވަނަ މިނިޓުގައި މެސީ ޖަހައިދިން ގޯލާއި ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ރޮބާޓޤ ޓޭލާ ކާމިޔާބު ކޮށްދިން ގޯލާ އެކު ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑެއްގަ އެވެ. ފަހު ހާފުގެ އަށްވަނަ މިނިޓުގައި އެޓީމުގެ ހަތަރުވަނަ ގޯލު ޓޭލާ ޖެހީ މެސީގެ އެހީތެރިކަމާ އެކު އެވެ.
މި މެޗުގައި ސާޖިއޯ ބުސްކެޓްސް ވެސް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. މި މެޗުގައި އިންޓަ މަޔާމީ އިން ލީޑު ނެގި ގޯލު މެސީ ކާމިޔާބު ކުރީ ބުސްކެޓްސް ތަނަވަސް ކޮށްދިން ފުރިސަތަކުންނެވެ.
"އޭނާ [މެސީ] އަށް ބޯޅަ ހިފައިގެން ހުރިހާ ކަމެއް ކުރެވޭ. އޭނާ އަބަދުވެސް 100 ޕަސެންޓު އެންމެ ފުރިހަމަ ނިންމުން ނިންމާލާނެ. އޭނާ ހުރުމުން ޓީމު ވަރަށް ކޮލިޓީ ވެއްޖެ، އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ،" މެޗުގައި ދެ ގޯލު ޖެހި ޓޭލާ، މެޗަށް ފަހު މެސީއާ ގުޅޭގޮތުން ބުންޏެވެ.
"މިއީ އޭނާގެ މަސައްކަތަކީ. ފުރަތަމަ މެޗުގައި ގޯލެއް ޖެހި. މި މަޗުގައި ދެ ގޯލު ޖަހައި އެސިސްޓެއް ވެސް ކޮށްދިން. އޭނާއާ އެކު ކުޅުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން."
އެޓަލާންޓާ ޔުނައިޓެޑް ބަލި ކުރުމާ އެކު އިންޓަ މަޔާމީ ވަނީ، އެމެރިކާ އާއި މެކްސިކޯ ލީގުގެ ކްލަބްތައް ކުޅޭ ލީގްސް ކަޕްގެ ނޮކައުޓް ބުރަށް ދަތުރު ކޮށްފަ އެވެ. ގަދަ 32 ޓީމުގެ މެދުގައި ކުޅޭ ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި އިންޓަ މަޔާމީ ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.
އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގައި ކުޅޭ އިންޓަ މަޔާމީ އަށް، މެސީ އައުމުގެ ކުރިން ލީގުގައި ކުޅުނު 11 މެޗުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އަދި އެޓީމު އޮތީ ވެސް ލީގުގެ ފުލުގަ އެވެ. ލީގުގެ ކުޅުން ދެން ފެށޭނީ، ލީގްސް ކަޕަށް ފަހު، އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.