"ގޯލްމާލް އެގެއިން"ގެ މުހިއްމު ރޯލެއް ތައްބޫ އަށް
"ގޯލްމާލް އެގެއިން"ގެ މުހިއްމު ރޯލެއް ތައްބޫ އަށް

ތައްބޫ ކަހަލަ ހުނަރުވެރި ބަތަލާއަކު "ގޯލްމާލް" ކަހަލަ ކޮމެޑީ ފިލްމެއްގައި ބައިވެރިވާ ވާހަކަ ބުނުމުން ބައެއް މީހުން ހައިރާންވި އެވެ. ރޯހިތު ޝެޓީގެ މި މަޝްހޫރު ފްރެންޗައިސްގެ އާ ފިލްމު "ގޯލްމާލް އެގެއިން" ގައި ތައްބޫ މުހިއްމު ރޯލެއް އަދާކުރާކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. މި ފިލްމުގައި ބަތަލާގެ ބައި ކުޅެނީ ޕަރިނީތީ ޗޯޕްރާ އެވެ.

ތައްބޫ ބުނީ އޭނާއަކީ "ގޯލްމާލް"ގެ ފިލްމުތަކުގެ ފޭނެއް ކަމަށާއި އަދި އެ ފިލްމުގައި މަސައްކަތްކުރާ އެންމެންނަކީ ވެސް އޭނާގެ އެކުވެރިންނަށް ވާތީ އެ ފިލްމު ގަބޫލުކުރީ ކަމަށެވެ.

"އަހަންނަށް އެ ފިލްމު ކުޅެން ލިބުނީމަ ހައިރާނެއް ނުވޭ. އަހަންނަށް ގޯލްމާލްގެ ހުރިހާ ފިލްމެއް ވެސް ވަރަށް ކަމުދިޔަ. އަދި އަޖޭ ދޭވްގަން އަކީ ކުރިއްސުރެ ވަރަށް ގާތް އެކުވެރިއެއް. އޭނާ ނޫނަސް ފިލްމުގައި އާއްމުކޮށް ތިބީ ވަރަށް ދަންނަ އެކުވެރިންތަކެއް،" ފިލްމު ގަބޫލުކުރި ސަބަބު ކިޔައިދެމުން ތައްބޫ ބުންޏެވެ.

ތައްބޫ މިހާތަނަށް ކުޅެފައިހުރީ ވަރަށް ސީރިއަސް ރޯލުތަކެވެ. ނަމަވެސް ކޮމެޑީ ވެސް ކުޅެން އުނދަގޫ ނުވާނެ ކަމަށާއި ޚުދް އޭނާގެ ކިބައިގައި ވެސް ވަރަށް މަޖާ ސިފަތަކެއް ހުންނަ ކަމަށް ތައްބޫ ބުންޏެވެ. އަދި އޭނާއަކީ ވަރަށް ފަސޭހައިން ހެވޭ މީހެއް ކަމަށް އެކުވެރިން ބުނާ ކަމަށް ވެސް ތައްބޫ ބުންޏެވެ.

"އޯމް ޝާންތީ އޯމް" ބަލަން ސިނަމާއަކަށް ދިޔަ ދުވަހުގެ ހާދިސާއެއް ކިޔައިދެމުން ތައްބޫ ބުނީ އެ ދުވަހު އޭނާގެ ދައްތަ އެ ފިލްމު ބަލަން ސިނަމާ އަށް ގޮސް އިންކަން ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް ފިލްމުގެ މެދުތެރެއިން އޭނާގެ ދައްތަ އަށް އޭނާ އެތަނުގައި އިންކަން އެނގުނެވެ. އެއީ އޭނާ ޖަހާލާ ހިނިގަނޑުގެ އަޑު އިވިގެން ކަމަށް ތައްބޫ ބުންޏެވެ.

އެހެން ނޫނަސް ކޮމެޑީ އަކީ ތައްބޫ އަށް މުޅީން އާ ވައްތަރެއްގެ ފިލްމެއް ވެސް ނޫނެވެ. "ހީރާ ޕޭރީ"ގައި ތައްބޫ ވަރަށް މުހިއްމު ބައެއް ކުޅެފައިވެ އެވެ. އަދި އެ ފިލްމުގައި ތައްބޫ ކުޅުނު ބައި ގިނަބަކަށް ވަރަށް ކަމުވެސް ދިޔަ އެވެ.

ތައްބޫ ބުނީ އޭނާއަކީ ވަކި ވައްތަރެއްގެ ފިލްމެއް ކުޅެން ޚާއްސަ ވެފައިވާ މީހެއް ނޫންކަމަށާއި ކޮންމެ ވައްތަރެއްގެ ފިލްމެއް ވެސް ކުޅެވިދާނެ ކަމަށެވެ. އަދި ޑައިރެކްޓަރު ރޯހިތު ޝެޓީ "ގޯލްމާލް އެގެއިން" އިން އޭނާއަށް ރޯލެއް ދިނީތީ އުފަލުން ހުރިކަމަށް ވެސް ތައްބޫ ބުންޏެވެ.