އާ އަހަރު 100 ކްރޯޑު ހޯދި ފުރަތަމަ ފިލްމަކަށް "ރައީސް"
އާ އަހަރު 100 ކްރޯޑު ހޯދި ފުރަތަމަ ފިލްމަކަށް "ރައީސް"

ޝާހްރުކް ޚާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް"ގެ މެދުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ ފިލްމީ ހަނގުރާމައަށް ހަފުތާއެއްވީއިރު ކުރީގައި އުޅެނީ "ރައީސް" އެވެ. އެ ފިލްމު ވަނީ ހަ ދުވަހުގެ ތެރޭގައި 106.14 ކްރޯޑު (1 ބިލިއަން ރުޕީސް) ހޯދައިގެން އާ އަހަރު 100 ކްރޯޑު ހޯދި ކްލަބުގައި ހިމެނުނު ފުރަތަމަ ފިލްމަށް ވެފަ އެވެ.

އާ އަހަރު 100 ކްރޯޑު ހޯދި ފުރަތަމަ ފިލްމަކަށް "ރައީސް"
އާ އަހަރު 100 ކްރޯޑު ހޯދި ފުރަތަމަ ފިލްމަކަށް "ރައީސް"

ރިތިކް އާއިި ޔާމީ ގޯތަމްގެ "ގާބިލް" އުޅެނީ ތަންކޮޅެއް ފަހަތުގަ އެވެ. އެއީ ރިތިކްގެ ފިލްމު ހުތުރުކަމުން ނުވަތަ ނުހިނގާތީ އެއް ނޫނެވެ.

"ގާބިލް" އަށް ވުރެ "ރައީސް" އަޅުވަން ލިބުނު ސްކްރީންތައް ގިނަވުމަކީ ދެ ފިލްމަށް ލިބޭ އަދަދު ފަރަގު ވުމަށް މެދުވެރިވި މުހިއްމު ސަބަބެކެވެ. އިންޑިއާގެ ހުރިހާ ހިސާބެއްގައި ވެސް ސްކްރީންތައް ބަހާފައިވަނީ "ރައީސް" އަށް 60 ޕަސެންޓް "ގާބިލް" އަށް 40 ޕަސެންޓެވެ. އެހެންކަމުން "ރައީސް" އާ އަރާ ހަމަކުރަން "ގާބިލް" އަށް ވަގުތު ނަގަނީ އެވެ.

ސިނަމާތަކުގެ ވެރިންގެ ފަރާތުން އެންމެ ފަހު ވަގުތު "ރައީސް"އަށް ގިނަ ސިނަމާތައް ދޭން ނިންމި ނިންމުމަށް ފުރަތަމަ ދުވަހު ވެސް "ގާބިލް"ގެ ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެއީ ބަޔަކު ރާވައިގެން ދީފައިވާ ލަނޑެއް ކަމަށް ރާކޭޝް ރޯޝަން ސިފަ ކޮށްފައި ވެއެވެ.

ނަމަވެސް ޕާކިސްތާނުގައި "ރައީސް" އަށް ވުރެ އެއް ހަފުތާ ކުރިން "ގާބިލް" ރިލީޒްކުރަން މިހާރު ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން އެ ގައުމުން ފުދޭ ވަރެއްގެ ފައިދާއެއް މި ފިލްމަށް ނެގިދާނެކަމަށް ބެލެވެ އެވެ.

ޖެނުއަރީ 30 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ ބޮކްސް އޮފީސް ރިޕޯޓަށް ބަލާއިރު ހަ ދުވަސް ތެރޭ "ރައީސް" އަށް 1 ބިލިއަން ރުޕީސް ވަނީ ލިބިފަ އެވެ. "ގާބިލް" އަށް އެ މުއްދަތުގެ ތެރޭ ލިބުނީ 796 މިލިއަން ރުޕީސް އެވެ.

ރާހޫލް ޑޯލަކިޔާ ޑައިރެކްޓްކޮށްފައިވާ، ޝާހްރުކާއި މާހިރާ ޚާންގެ "ރައީސް" އަކީ 80 ގެ އަހަރުތަކުގައި ގުޖްރާތުގައި އުޅުނު ރަލުގެ ވިޔަފާރިކުރާ މީހެއްގެ ވާހަކަ އެވެ. މި ފިލްމަށް ކްރިޓިކްސްގެ ޚިޔާލު މަސްހުނިވެފައި ވިޔަސް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދެ އެވެ. ފިލްމުގައި އެންމެ މޮޅު ޕާފޯމަންސެއް ދައްކާފައި ވަނީ ނަވާޒުއްދީން ސިއްދީގީ ކަމަށް ގިނަ ބަޔަކު ބުނެ އެވެ އަދި ޝާހްރުކްގެ ރޯލު ވެސް ވަރަށް މޮޅުކަމަށް ވެއެވެ. ނަމަވެސް ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން އަށް އޭނާގެ ޖާދޫ ދައްކާ ލެވޭ ގޮތެއް ނުވި އެވެ. ގިނަ ބަޔަކު އޭނާގެ ޕާފޯމަންސާ ހިތްހަމައެއް ނުޖެހެ އެވެ.

އަނެއްކޮޅުން "ގާބިލް"ގައި ރިތިކް އާއި ޔާމީ ގޯތަމް ދައްކާފައިވާ ލޯފަން ބައެއްގެ ޕާފޯމަންސަށް، ފިލްމު ބެލި އެންމެންވެސް ތައުރީފު ކުރި އެވެ. ކާންޓޭ، މުސާފިރް އަދި ޝޫޓްއައުޓް އެޓް ވަޑާލާ ފަދަ މޮޅު ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު ސަންޖޭ ގުޕްތާ އުފެއްދި މިފިލްމަކީ އަނބިމީހާ ރޭޕްކުރި ބައެއްގެ ކިބައިން ބަދަލުހިފުމަށް ލޯ އަނދިރިމީހަކު ކުރާ ކުޅަދާނަ އަދި ހިތްވަރުގަދަ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ޝާހްރުކް އާއި "ރައީސް"ގެ ޓީމުން އެ ފިލްމުގެ ކާމިޔާބު ފާހަގަކުރުމަށް ބޮޑެތި ޕާޓީތައް ދަނީ ބާއްވަމުންނެވެ. ހަމަ އެގޮތަށް ރިތިކް އާއި އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ވެސް "ގާބިލް"ގެ ކާމިޔާބު ފާހަގަކުރުމަށް ތަފާތު ކަންތައްތައް ދަނީ ކުރަމުންނެވެ.