އެމްނެސްޓީގެ 2003ގެ ރިޕޯޓް: ހައްގުތައް ހޯދަން 20 އަހަރުން ކުރި ދަތުރުގެ މައްޗަށް ޕެނަލެއް ބާއްވަނީ
އެމްނެސްޓީގެ 2003ގެ ރިޕޯޓް: ހައްގުތައް ހޯދަން 20 އަހަރުން ކުރި ދަތުރުގެ މައްޗަށް ޕެނަލެއް ބާއްވަނީ

މީގެ 20 އަހަރު ކުރިން، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނަޝޭނަލުން ނެރުނު ރިޕޯޓަށް ފަހު މިވީ މުއްދަތުގައި ރާއްޖޭގައި އަސާސީ ހައްގުތައް ކަށަވަރުވެފައިވާ ވަރާއި މިހާރު ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ކަމާ ގުޅޭ ބައިނަލްއަގުވާމީ މާހިރުންގެ ޕެނަލެއް ބާއްވަން ނިންމައިފި އެވެ.

އިނގިރޭސި ވިލާތުގެ އެސެކްސް ޔުނިވާސިޓީން އިންތިޒާމު ކޮށްގެން އަންނަ ހޯމަ ދުވަހު ޒޫމް މެދުވެރިކޮށް ބާއްވާ އޮންލައިން ޕެނަލްގައި 2003 ވަނަ އަހަރު ރާއްޖެއާ ގުޅޭގޮތުން އެމްނެސްޓީން ނެރުނު ރިޕޯޓަށް ފަހު މިހާތަނަށް އަސާސީ ހައްގުތައް ހޯދަން ކުރި ދަތުރުގެ މައްޗަށް މާހިރުން މަޝްވަރާ ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ ގަޑިން ހަވީރު 4:30 ގައި ފަށާ އެ ޕެނަލްގައި އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.

ޖެނުއަރީ 2002 އިން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގި ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ މައްޗަށް ވިދިގެން އައި އަހަރު އެމްނެސްޓީން ނެރުނު ރިޕޯޓުން، ރާއްޖޭގައި އޮތް ދެރަވަރު ހާލަތަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި އަސާސީ ހައްގުތައް ކަށަވަރު ކޮށްދޭން ބޭރުގެ އެކި ފަރާތްތަކުން އެއިރުގެ މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށް، އޭގެ ފަސް އަހަރު ފަހުން 2008 ގައި ވަނަ އަހަރު ގިނަ ޕާޓީތައް އެކުލެވިގެން ފުރަތަމަ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ފަހަތުގައި އެ ރިޕޯޓު މުހިންމު ދައުރެއް އަދާކުރި އެވެ.

އެމްނެސްޓީގެ އެ ރިޕޯޓްގައި ސިޔާސީ ޕާޓީތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ހަނިކޮށް، އެމްޑީޕީ ރަޖިސްޓްރީކޮށްދޭން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދެކޮޅު ހަދަމުން ދިޔަކަށް ފާހަގަކޮށްފައި ވެ އެވެ. އަދި ސިޔާސީ ގޮތުން އެއިރު ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވި އެކި ބޭފުޅުން ޖަލުގައި ބަންދުކޮށްގެން ގެންގުޅުނުކަން އެ ރިޕޯޓުން ސަމާލުކަމަށް ގެނެސްފައި ވެ އެވެ.

އޭގެ ތެރޭގައި 2001 ވަނަ އަހަރު ފޮތްތަކެއް ވަގަށް ނެގި ކަމަށް ބުނެ، މުހައްމަދު ނަޝީދަށް ކުރި ހުކުމްގެ އިސްތިއުނާފު 2002 ވަނަ އަހަރުގެ ނާކާމިޔާބުވުމުން އެ މަނިކުފާނުގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލި ކަން ވަނީ ފާހަގަކޮށްފަ އެވެ. އެ މައްސަލާގައި ނަޝީދު އަރުވާލައި، ފަހުން ގޭބަންދަށް ބަދަލު ކުރި އެވެ. އެ އަހަރުގެ އޮގަސްޓު މަހު ނަޝީދު މިނިވަން ކުރި ނަމަވެސް، އެ މަނިކުފާނު ފުރުއްވަމުން ގެންދެވި މަޖިލީހުގެ ގޮނޑި އަނބުރާ ދީފައެއް ނުވެ އެވެ.

އެއިރު އޮންލައިންކޮށް ނެރެމުން ދިޔަ ސަންދާނު މަޖައްލާގައި ސަރުކާރާ ދެކޮޅަށް ދޮގު ޚަބަރު ލިޔާ ކަމަށް ތުހުމަތުކޮށް ހަތަރު މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް މޫސާ ލުތުފީ (ސަންދާން ލުތުފީ) އާއި އިބްރާހިމް މުހައްމަދު ދީދީ (ސަންދާން އަހައްމައިދީ) އަދި ފާތިމަތު ނިސްރީން ހިމެނުނެވެ. އޭގެ ތެރެއިން ތިން ބޭފުޅުންނަށް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކުޑައިމިސްވާގޮތަށް ލިޔުމާއި ދޮގު މައުލޫމާތު ފަތުރައިގެން ސަރުކާރާ މެދު ނަފްރަތު އުފައްދައިގެން ސަރުކާރު ވައްޓާލަން ގޮވައިލި ކަމަށް ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކުރި މައްސަލަ ވެސް އެ ރިޕޯޓުގައި ހިމަނާފައި ވެ އެވެ.