ޓްރަމްޕް އިނގިރޭސި ވިލާތަށް ވަނުމާ ދެކޮޅަށް 1.5 މިލިއަން ސޮއި
ޓްރަމްޕް އިނގިރޭސި ވިލާތަށް ވަނުމާ ދެކޮޅަށް 1.5 މިލިއަން ސޮއި

ލަންޑަން (ޖެނުއަރީ 31) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސި ވިލާތަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރުމަށް އެދި ސަރުކާރަށް ހުށަހަޅާ ޕެޓިޝަނުގައި 1.5 މިލިއަނަށް ވުރެ ގިނަ މީހުން މިހާތަނަށް ސޮއިކޮށްފި އެވެ.

ޓްރަމްޕް އިނގިރޭސި ވިލާތަށް ވަނުމާ ދެކޮޅަށް 1.5 މިލިއަން ސޮއި
ޓްރަމްޕް އިނގިރޭސި ވިލާތަށް ވަނުމާ ދެކޮޅަށް 1.5 މިލިއަން ސޮއި

އެކަމަކު ޑޯނިން ސްޓްރީޓުން ބުނެފައިވަނީ ޓްރަމްޕުގެ ދަތުރު ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ބޮޑު ވަޒީރު ތެރޭސާ މެއި ތައްޔާރަށް ހުންނެވި ކަމަށެވެ.

ޓްރަމްޕް އިނގިރޭސި ވިލާތަށް ވަނުމާ ދެކޮޅަށް 1.5 މިލިއަން ސޮއި
ޓްރަމްޕް އިނގިރޭސި ވިލާތަށް ވަނުމާ ދެކޮޅަށް 1.5 މިލިއަން ސޮއި

ޓްރަމްޕުގެ ދަތުރާ އިނގިރޭސިން ދެކޮޅު ހަދަމުންދާ އިރު އެމެރިކާ އަށް ބައެއް ގައުމުތަކުގެ މީހުން ވަނުން މަނާކުރި އަމުރާ ގުޅިގެން ދެ ގައުމުގެ ޕާސްޕޯޓް އޮންނަ އިނގިރޭސި ރައްވެހިން ވެސް އެމެރިކާ އަށް ވަނުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ފޮރިން އޮފީހުން ބުނެފައި ވަނީ މަނާކުރި ހަތް ގައުމުގެ މީހުންގެ ތެރޭން އިނގިރޭސި ޕާސްޕޯޓް އޮންނަ މީހުން އެމެރިކާ އަށް ދިއުމުގައި މައްސަލައެއް ދިމާނުވާނެ ކަމަށެވެ. ނަމަވެސް ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާ އިން މަނާކުރި ހަތް ގައުމުގެ މީހުންގެ ތެރޭގައި އިނގިރޭސި ޕާސްޕޯޓް ގެންގުޅޭ މީހުން މިދަނޑިވަޅު އެމެރިކާ ވިސާ އަށް އެދުން މަޑުޖައްސާލުމަށް އެދިފަ އެވެ.

ޓްރަމްޕް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ދައުވަތު ދެއްވީ ބޮޑު ވަޒީރު މެއި ދާދި ފަހުން އެމެރިކާ އަށް ކުރެއްވި ދަތުރުގަ އެވެ. ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ ޓްރަމްޕަށް ދައުވަތު ދެއްވާފައި ވަނީ އިނގިރޭސި ރާނީގެ ފަރާތްޕުޅުން ކަމަށެވެ.

އޮންލައިން ޕެޓިޝަނުގައި ބުނެފައި ވަނީ އެމެރިކާގެ ރައީސްގެ ހައިސިއްޕޔަތުން ޓްރަމްޕަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވިދާނެ ކަމަށާއި އެކަމަކު އިނގިރޭސި ސަރުކާރުން އޭނާ އަށް ދައުވަތު ދީގެން ނުވާނެ ކަމަށެވެ.

ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވިދާޅުވީ މުސްލިމުންނާއި ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާކޮށް އަންހެނުންގެ ހައްގުތަކަށް ފާޑު ވިދާޅުވެފައިވާތީ ޓްރަމްޕަށް އިނގިރޭސި ވިލާތުން މަރުހަބާ ކިޔައިގެން ނުވާނެ ކަމަށެވެ.

އިނގިރޭސި ވިލާތަށް ޓްރަމްޕް ވަނުން މަނާކުރާ ޕެޓިޝަނުގައި ހޮނިހިރު ދުވަހު މެންދުރާ ހަމައަށް ސޮއިކޮށްފައި ވަނީ 60 މީހުންނެވެ. ނަމަވެސް އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް ވަނީ، ޕާލަމެންޓުގައި ބަހުސް ކުރެވޭ ވަރަށް، 100،000 މީހުންގެ ސޮއި ހަމަކޮށްފަ އެވެ.

އިނގިރޭސިން ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް މިިދިޔަ އަހަރު ނެގި ވޯޓަށް ފަހު ދެ ވަނަ ވޯޓެއް ނެގުމަށް ގޮވާލާ ޕެޓިޝަނުގައި ވަނީ ހަތަރު މިލިއަން މީހުން ސޮއިކޮށްފަ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އުޅުއްވި އިރު ޓްރަމްޕް އިނގިރޭސި ވިލާތަށް ވަނުން މަނާކުރަށް ތައްޔާރުކުރި ޕެޓިޝަނުގައި ވަނީ ބައި މިލިއަން މީހުން ސޮއިކޮށްފަ އެވެ.

ޓްރަމްޕުގެ އާ އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް އިނގިރޭސި ވިލާތުގެ އެކި ހިސާބުތަކުގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.