26 ޖުލައި 2023 - 10:32

އާދިއްތަ ދުވަހާ ގުޅޭ
ފައިސަލްގެ ބާރަކާ ނުލައެވެ. އެ ކަންތައް ހިނގަމުންދިޔައީ ފައިސަލްގެ ލޯ ކުރިމަތީގައެވެ. ފައިސަލްގެ އަމިއްލަ އަތުންނެވެ. އަތުން ފަންސޫރު ދޫކޮށްލާކަށް ވެސް، އަމިއްލަ އަތް ހުއްޓުވާކަށް ވެސް ފައިސަލްގެ ބާރެއް ނެތެވެ. އެއީ ބިރުވެރި، އަޖައިބުކުރަނިވި ވަގުތުކޮޅެކެވެ. ސިހުރުގެ ބާރާއި، އެ މަޅީގައި ފައިސަލް ހައްޔަރުވެފައިވާ މިންވަރު ވަޒަންކޮށްލެވުނު ވަގުތުކޮޅެކެވެ. ގާތުގައި ތިބި ރިންދާއާއި ޒިޔާނަށް ވާނުވާ ވެސް ނޭނގެއެވެ. އެ މީހުން ތިބީ އޮލަ ވާހަކައެއްގައެވެ. ފައިސަލްގެ އަތް ހުއްޓުނު އިރު، ފަންސޫރުގެ ތުނޑު އޮތީ ބިނދިފައެވެ. ކަރުދާސްގަނޑު އޮތީ ފޫގޮސްފައެވެ. ބާރުލެވުނުލެއް ބޮޑުކަމުންނެވެ. ވަކި ސޫރައެއް ކުރެހިފައެއް ނެތެވެ. ކުރެހިފައި ހުރީ ބޭކާރު ރޮނގުތަކެކެވެ. އަތުގެ ހަރަކާތް ހުއްޓުމުން ފައިސަލް އެތައް އިރަކު ގާވެފައި އިނެވެ.
"ޑެޑީ!" ތަންކޮޅެއް ބާރަށް ޒިޔާން ގޮވައިލި އަޑުއިވުނެވެ.
ފައިސަލް ސިއްސައިގެންގޮސްފައި ބަލައިލިއެވެ. އޭރު ޒިޔާން ގޮވާތާ އިރުކޮޅެއްވެއްޖެއެވެ. އެ އަޑު ފައިސަލަށް ނީވުނީއެވެ.
"ނިމުނީހޭ؟" ޒިޔާން ސުވާލުކުރިއެވެ. އަދި ބުންޏެވެ. "ދައްކަބަލަ ބަލައިލަން."
ފައިސަލް ފޮތް ލައްޕައިލިއެވެ. ގޮނޑިން ތެދުވިއެވެ.
"އެބަ އަންނަން." ފައިސަލް ބުންޏެވެ.
ކޮޓަރިއަށް ވަދެފައި، އެނދުމައްޗަށް ފޮތް ހޫރުވައިލައިފައި ފައިސަލް ގުޅީ މަންސޫރަށެވެ. ވީ ގޮތް މަންސޫރަށް ކިޔައިދިނެވެ.
"ފައިސަލް ބިރުގަންނަވާކަށް ބޭނުމެއް ނޫން އެކަމަކު ތި ކަމެއް ކުރާ ބަޔަކު ތި ކުރަނީ ދޭތިން އެކައްޗަށް،" މަންސޫރު ބުންޏެވެ. "ތަނުގަ ހުންނަ ފަރުނީޗަރު ގުޑުވުމާ، މީހާގެ ގުނަވަންތައް ކޮންޓުރޯލުކުރުމާ، ރުގުޔާކުރާ އިރު ފިލާތިބެވޭތީ އޭގެ މާނައަކީ ތީ އާދައިގެ ކަމެއް ނޫނޭ. ބަރުހަތިޔާރު އެ ބޭނުންކުރަނީ. އަހަރުމެން އަތުގަ ވެސް އެ ކަހަލަ ހަތިޔާރު އެބަ ހުރި. ނިމޭ އިރު، ﷲ ގެ މިންވަރުފުޅާއެކީ ކާމިޔާބުވާނީ ވެސް އަހަރުމެންނަށް."
"އެކަމަކު މަންސޫރު ބުނި ހުރިހާ އެއްޗެއް އަހަރެން އެބަ ކިޔަވަން. ދެން ކީއްވެ.." ފައިސަލް ސުވާލުއުފެެއްދިއެވެ.
"ތީ ކުރިން ހިނގާފަހުރި ކަމެއް،" ވަރަށް ޔަގީންކަމާ އެކުގައި މަންސޫރު ބުންޏެވެ. "އެވެރިން އެ ތިބީ ކޮނެގެން އެތެރެއަށް ވަދެ ފިލާ. ހިނގާ ވިދިވިދިގެން ހަފުތާއެއްހައި ދުވަހު ކިޔަވާލަމާ! ވާނެތަ އެ ކަން؟"
"ވާންތާ ޖެހޭނީ! އެހެން ގޮތެއް ނެތެއްނު!" ފައިސަލް ބުންޏެވެ.
"އެހެން ގޮތެއް ނެތް!" މަންސޫރު ވެސް އެއްބަސްވިއެވެ. "އަދި އެބަ އޮތޭ ކަމެއް. ތި ކުރެހުނު އެތީގެ ފޮޓޯއެއް ފޮނުވަބަލަ! ކޮންމެވެސް މެސެޖެއް ތީގަ އޮންނާނެ. ފައިސަލަށް އެ މެސެޖު ނުފެނުނަސް އަހަންނަށް ހީވޭ ފެންނާނެހެން."
ކުރެހުމުގެ ފޮޓޯނެގި އިރު ވެސް ފައިސަލް ނިކަން ރަނގަޅަށް ބެލިއެވެ. ބޭކާރު ރޮނގުތަކެއް ފިޔަވައި އެއަކު އެކައްޗެއް ވެސް ނެތެވެ. އެތައް ގޮތަކަށް ފައިސަލް ބެލިއެވެ. ފޮޓޯނަގައި، މަންސޫރަށް ފޮޓޯ ފޮނުވުމަށް ފަހު އެ ކުރެހުން ވީދައިލައިފައި އުކައިލިއެވެ. ކޮޓަރިން ނުކުތުމުގެ ކުރިން، ރިންދާއަށް ދޭނެ ޖަވާބަކާ މެދު ފައިސަލް ވިސްނިއެވެ. ވިސްނަންހުއްޓައި ރިންދާ ދޮރުގައި ޓަކިޖަހައިލާފައި ދޮރު ހުޅުވައިލިއެވެ. ފައިސަލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ކީއްތިކުރަނީ؟" ރިންދާ އެހިއެވެ.
ކުއްލިއަކަށް ދޭނެ ޖަވާބެއް ފައިސަލަކަށް ނުވިސްނުނެވެ.
"ކަމެއް ނުކުރަން،" ފައިސަލް ބުންޏެވެ. "ދެން ހަމަ ކޮޓަރިއަށް ވަދެލީ."
ރިންދާއަކަށް އެ ވާހަކައެއް ގަބޫލެއް ނުކުރެވުނެވެ. ބަލަން ހުރެވުނީއެވެ. ފައިސަލް ކޮޓަރިން ނުކުމެގެން ގޮސް ޒިޔާން ކައިރީގައި އިށީނެވެ. ރިންދާ ކުރެހި ކުރެހުން ރީތިވެގެން އެ ވާހަކަދައްކަން ފެށިއެވެ. ރިންދާ ވަރަށް ވިސްނިއެވެ. ފައިސަލް ކުއްލިއަކަށް ކޮޓަރިއަށް ވަން ސަބަބު ސިއްރުކުރީ ކީއްވެގެންހެއްޔެވެ؟
ކޮފީތަށީގައި ތުންޖަހަން ނޭނގިފައި ސިރާޖު ބަލަހައްޓައިގެން އިނެވެ. ފައިސަލް ކިޔައިދިނީ ކުރެހުމުގެ ހާދިސާ ހިނގައިދިޔަ ގޮތެވެ. ފައިސަލް ދޮގުހަދަނީ ނޫންކަން ސިރާޖަށް އެނގޭ އިރު ވެސް ސިރާޖަކަށް ގަބޫލެއް ނުކުރެވެއެވެ. ފައިސަލް ކުރެހުމުގެ ފޮޓޯ ވެސް ދެއްކިއެވެ. ފޯނު ދިއްކޮށްލުމުން ސިރާޖަށް ފޮޓޯ ފެނުނީ އެކޮޅުކޮޅުންނެވެ.
"އަނެއްހެން މިއަކު އެއްވެސް މާނައެއް ނެތް،" ފައިސަލް ބުންޏެވެ. "އެއްޗެއް ދޭހައެއް ވެސް ނުވޭ! އެކަމަކު މީ އަހަރެން ކުރެހި އެއްޗެއް ނޫން."
ސިރާޖަށް ފެންނަނީ ބިރުވެރި މޫނެކެވެ. ބޮޑު ދެލޮލާއި، ވަރުގަދަ ނޭފަތަކާއި، އަނގައާއި، ދަތްތައް ވެސް އެނގެއެވެ. ކަންފަތެއް ނެތެވެ. އެ ކަން ފާހަގަކުރަން ހިތަށްއަރާފައި ވެސް ސިރާޖު އެ ކަމެއް ނުކުރެއެވެ. އިތުރަށް ފައިސަލް ހާސްކުރަން ބޭނުން ނުވާތީއެވެ. ފައިސަލް ފޯނު ޖީބަށްލިއެވެ.
"ވަރުގަދަ ކަމެއް މި ޖެހުނީ." ފައިސަލް މަޑުމަޑުން ބުންޏެވެ.
"ތިއަށް ވުރެ މާ ވަރުގަދަ ކަމެކޭ ކިޔައިދޭން މި އުޅެނީ،" ސިރާޖު ބުންޏެވެ. "ޔަގީންތަ އަޑުއަހަން ބޭނުންކަން؟"
"އާނ ކިހިނެކޭވީ؟" ފައިސަލް އެހިއެވެ. "އަޑުއަހަން ބޭނުން. އެހެންވެތާ މި އައީ ވެސް."
"އާމިރާ މެރީކުރާ ވާހަކަ ޔަގީންކުރަން އެ ކޮޅުގަ އުޅޭ އަހަރެންގެ ފްރެންޑަކަށް ގުޅީ. ގުޅައިގެން ބެލި އިރު އެވީ ދޮގަކަށް. މެރީކުރާކަށް ނޫޅޭ! ގާތް ރައްޓެއްސަކު އެބަ އުޅޭ! އޭނަޔާ އެއްކޮށް ތަންތަނަށް ވެސް ދޭ! އެ ވާހަކައިގެ ތެރެއިން މި ކަމެއް މި ބަސްޓުވީ. ރިންދާ އުޅެނީ މީހަކާ އިނދެގެނޯ."
ފައިސަލަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ރިންދާ އެ ވަރު ބޮޑު ކެއްސެއްދީފާނެބާއޭ ހިތަށްއެރިއެވެ.
"ގަބޫލެއް ނުކުރެވޭ! ރިންދާ ތިހާ ބޮޑު މަކަރެއް ނަހަދާނެ." ފައިސަލް ބުންޏެވެ.
"ޔަގީން ކަށަވަރެއްނު! އެކަމަކު މީހެއްގެ ގޮތެއް ހަމަ ނޭނގޭނެ ދޯ!" ފޯނުން އެއްޗެއް ހޯދަން މަސައްކަތްކުރަމުން ސިރާޖު ބުންޏެވެ. "ދެން އަހަރެން އެހީ ސަތޫ ކައިރީގަ. ސަތޫއަށް އެނގެންޖެހޭނެތާ! ބެސްޓުފްރެންޑް. ސަތޫ ވެސް ގަބޫލެއް ނުކުރި. ދެން މި ބުނާ ފްރެންޑު ފޮނުވީ މީތި."
ފައިސަލަށް ސިރާޖު ފޯނު ދައްކައިލިއެވެ. އޭގައި އޮތީ ރިންދާއާއި މީހަކާ ކައިވެނިކުރި ސެޓުފިކެޓުގެ ފޮޓޯއެކެވެ. ބަލާބެލުމަށް ހީވަނީ އެއީ އަސްލު އެއްޗެއްހެންނެވެ.
"މަ ހަމަ މީނީ ޝޮކުގަ!" ސިރާޖު ބުންޏެވެ. "ދެން ދެފިރިއަށްތަ ފައިސަލާ އިންނަން އެ އުޅެނީ؟ އެހެން އިނދެވޭތަ؟ އެއީ ހުއްދަ ކަމެއްތަ؟ އަޅެ މި ފޮޓޯ ނުފެނުނު ނަމަ ދެން.."
"ތިއަކުން ނޭނގޭނެ އެކައްޗެއް ވެސް،" ފޯނު ދުރަށްޖައްސައިލަމުން ފައިސަލް ބުންޏެވެ. "މިހާރު ވީޑިޔޯގަ ވެސް މޫނު ބަދަލުކޮށްލެވޭ! ތި ވާނީ ކޯޗަކަށް؟ ރައްޓެހިވާން އެހީމަ ނޫނެކޭ ބުނީމަ ވެސް ތި ފާޑަށް މީހުން އެއްޗެހި ހަދާ! މީހަކާ އިނދެގެން ހުރެ އަހަންނާ އިންނާކަށް ރިންދާ ނޫޅޭނެއްނު! ސިރާޖަށް ތި ފޮނުވި މީހާއަށް އެނގޭތަ ރިންދާ އިންނަން އުޅެނީ އަހަންނާކަން؟"
"ނޭނގޭނެ! މަ ބުނީ އަހަރެންގެ ފްރެންޑަކާ އިންނާށޭ ރިންދާ އުޅެނީ." ސިރާޖު ބުންޏެވެ.
ފައިސަލް ގޮނޑީގައި ހަމަޖެހިލިއެވެ. ފުން ނޭވައެއް ބޭރުކޮށްލިއެވެ.
"ތި މީހާގެ ނަންބަރު ހޯދާފަ ހިނގާ އޭނައަށް ގުޅަމާ! ސިރާޖުގެ ފްރެންޑަށް ތި މީހާގެ ނަންބަރު ހޯދޭނެތަ؟" ފައިސަލް ސުވާލުކުރިއެވެ.
"ތިބުނީ؟" ސިރާޖު ހައިރާންވެފައި އެހިއެވެ.
"މިބުނީ ތި ސެޓްފިކެޓުގަ ފޮޓޯ ޖަހާފަ އިން މީހާގެ ނަންބަރު ހޯދައިގެން އޭނައަށް ގުޅަން ހިނގާށޭ." ފައިސަލް ބުންޏެވެ.
"މަ މި ކިޔާ އެއްޗެއް ފައިސަލަކަށް އަދި ގެޓެއް ނުވޭ ދޯ؟ އަހަރެންގެ ފްރެންޑަށް ކިޔަނީ މާޖޭ!" ފޯނުން ފޮޓޯދައްކައިފައި ސިރާޖު ބުންޏެވެ. "މިއޭ މާޖޭއަކީ. މިއޮތީނު ޖަހާފަ މަޖީދު. މިޔޭ ރިންދާގެ ހަސްބަންޑަކީ. މީނަޔޭ މި ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދިނީ. އޭނަ މިހާރު ހުރީ އިންޑިޔާގަ."
އެ ފަހަރު ކޮފީތަށި ތުންފަތާ ހަމައިން ހުއްޓައިލަންޖެހުނީ ފައިސަލަށެވެ. އެއް ކަމެއް ނުނިމިގެން އުޅެނިކޮށް އަނެއް ކަމެކެވެ.
"ތި މާޖޭގެ ނަންބަރު ގެނޭ!" ކޮފީތަށި ބަހައްޓައިފައި ފޯނު ނަގަމުން ފައިސަލް ބުންޏެވެ. "އެނގިދާނެތާ!"
ފޯނު ނަންބަރު ދޭކަށް ނުވަތަ ހޯދާކަށް ވެސް ސިރާޖު ނޫޅެއެވެ.
"އަހަންނަކަށް ނުފެނޭ އޭނަޔަށް ގުޅާކަށް. އެއީ ސައިކޯ ގޮލައެއް. ރިންދާ ކައިރީގަ އަހަންވީނު؟" ސިރާޖު އެދުނެވެ. "އަހަރެން މި ފޮޓޯ ފައިސަލަށް ވައިބަކުރާނަން. ރިންދާއަށް ދައްކާފަ އަހާ މީ ކާކުހޭ؟ ނޫނީ ކުރިމަތީ ބަހައްޓާފަ އަހާ! ނިމުނީނު. ނޫނީ ސަތޫ ލައްވާ ވެސް އެ ކަން ކޮށްލެވިދާނެ."
ފައިސަލް ވިސްނައިލިއެވެ. ރިންދާ ގާތުގައި އެ ވާހަކަދެއްކުމަކީ ފައިސަލަށް ފަސޭހަކަމަކަށް ނުވާނެއެވެ.
"މީހަކަށް ދޫކުރާނެ މީހެއް ނެތެއްނު!" މަޑުމަޑުން ފައިސަލް ބުންޏެވެ.
ރިންދާގެ ފޯނު އޮތީ ސޯފާ މަތީގައެވެ. އެ ފޯނު ރަނގަބީލުވަމުންދިޔައެވެ. އިސްޕީކަރަށް ލައިފައި އޮތުމުން، އެ އަޑު ވެސް ވަރަށް ގަދައެވެ. ރިންދާ ގުޅީ ފައިސަލަށެވެ. ފައިސަލް ފޯނެއް ނުނަގައެވެ. ރިންދާ ކުޑަކޮށް ހައިރާންވިއެވެ. ފައިސަލަކީ ރިންދާ ގުޅާ އިރަށް ފޯނުނަގާ މީހެކެވެ. އިރުކޮޅަކުން ސަތޫ ކޮޓަރިން ނުކުމެގެން އައެވެ.
"އަހަރެން ނަމާދަށް އެރިކަން ޔަގީންކޮށްފަ ދޯ ތި އައީ؟ މާ ވަރެއް ދައްކާފަ ކާކަށް ތި ގުޅަނީ؟" ސަތޫ އެހިއެވެ.
"މިއުޅޭ ފައިސަލަކަށްނު!" ފޯނުކަނޑާލަމުން ރިންދާ ބުންޏެވެ. "ހެނދުނުއް ސުރެ އޭނަ ފޯނެއް ނުނަގާ! ނުވެސް ގުޅާ! ކިހިނެއްބާ ވީ؟ އެހެންޏާ ސިކުންތަކު ފަންސާސް ފަހަރު ގުޅާ މީހެއް. ސިރާޖު ވެސް ހަމަ އެހެން. މީހަކު އަޅެ ރުޅިއެއް ނާންނާނެ؟"
"އަހަރެން ވެސް މިހިރީ ވަރަށް ރުޅިއައިއްސައޭ،" ސޯފާގައި، ރިންދާޔާ ޖެހިގެން އިށީންނަމުން ސަތޫ ބުންޏެވެ. "ފައިސަލް ފޯނުތާ ނުނަގަނީ. އަހަރެން ނަމަ ފޯނުން ތި ނަން ވެސް ޑިލީޓްކޮށްލީމުސް."
ރިންދާ ހައިރާންވެފައި ސަތޫއަށް ބަލަހައްޓައިގެން އިނެވެ.
"އަހަންނަކަށް ނޫނޭ ބަލަންވީ! މި ބަލާބަލަ!" ފޯނު ދައްކައިލަމުން ސަތޫ ބުންޏެވެ. "މީ ކޮން ފަދަ ކަމެއް؟"
ސަތޫ ފޯނުން ދެއްކީ ރިންދާއާއި މާޖިދުގެ ކައިވެނީގެ ސެޓުފިކެޓުގެ ފޮޓޯއެވެ. ރިންދާ ރުޅިއެއްނާދެއެވެ. އިނީ މާޔޫސްވެފައެވެ.
"އެހެންވެތަ ފައިސަލް ފޯނު ނުނަގަނީ؟" ރިންދާ މަޑުމަޑުން ބުންޏެވެ.
"ލައްބަ ކަމަނާ! ފައިސަލް ރުޅިމަޑެއް ނޫންތޯ! ތީތޯ ބެސްޓްފްރެންޑުން ކަންތައް ކުރާ ގޮތަކީ؟ ދެން ބުނޭ ތީ ފޭކުއެއްޗެކޭ!" ސަތޫ ބުންޏެވެ.
"ތީ ފޭކު އެއްޗެއް ނޫން!" ރިންދާ ބުންޏެވެ.
ނުނިމޭ