25 ޖުލައި 2023 - 11:16

އެފްއޭއެމްގެ އާ ޓެކްނިކަލް ޑައިރެކްޓާ ޕޯލް ތޯމަސް ސްމޯލީ އަށް އެފްއޭއެމުންދޭ މުސާރަ، ހާމަކުރަން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ބޭނުންނުވާކަން ހާމަ ކޮށްފި އެވެ.

ބަންގްލަދޭޝްގެ ޓެކްނިކަލް ޑައިރެކްޓަރަކަން ކުރި އިންގްލެންޑްގެ ތަޖުރިބާކާރު ރާއްޖޭގެ މަގާމަށް ހަމަޖެއްސީ ފަސް އަހަރުގެ އެއްބަސްވުމުގެ ދަށުންނެވެ. ބަންގްލަދޭޝްގެ އެފްއޭ އާއެކު ސްމޯލީ ހަދައިފައިވާ ކޮންޓްރެކްޓްގައި ބާކީ އަހަރެއްހާ ދުވަސް އޮއްވައި އެ މަގާމުން އޭނާ އިސްތިއުފާ ދިނީ އޭނާގެ މުސާރަ ބޮޑުކޮށްދޭން ބަންގްލަދޭޝްގެ އެފްއޭއިން ބޭނުން ނުވުމުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ތުހުމަތު ކުރެ އެވެ. ނަމަވެސް ސްމޯލީ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ރާއްޖެއިން އޭނާ އަށް ދޭ މުސާރަ ހާމަކުރައްވަން ބައްސާމް ބޭނުންފުޅު ނުވީ ގަތަރުގެ އެފްއޭގެ ސްޕޮންސާޝިޕެއް ކަމަށް ވިދާޅުވެ އެ ގައުމުގެ އެފްއޭ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ އަދަދު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވެ އެވެ.
ބައްސާމް ވިދާޅުވީ ސްމޯލީ އާ އެކު އެއްބަސްވުން ހެދިފައި ވަނީ ގަތަރުގެ އެފްއޭ އާއެކު ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އޭނާ ރާއްޖޭގައި މަސައްކަތް ކުރަން ގަތަރުގެ އެފްއޭއިން ދޫކޮށްފައިވާ ކަމަށެވެ. އޭނާ އަށް ދެނީ 25،000 ޑޮލަރުގެ މުސާރައެއްތޯ، ސުވާލުން ކުރުމުން ބައްސާމް ވިދާޅުވީ އެ އަށް ވުރެ ކުޑަ އަދަދެއް ކަމަށެވެ.
"އަޅުގަނޑުމެންނާ ގަތަރު ފެޑެރޭޝަނާ މިއޮތީ އަސްލު އަގު ހިއްސާ ނުކުރާ ގޮތަށް މަޝްވަރާ ކުރެވިފަ. އެހެންވީމަ އެއީ އަޅުގަނޑުމެން ނުބުނާ އެއްޗެއްގެ ގޮތުގައި ބޭއްވުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،" ބައްސާމް ވިދާޅުވި އެވެ.
ސްމޯލީ އަށް ބަންގްލަދޭޝްގެ އެފްއޭއިން ދިނީ މަހަކު 15،000 ޑޮލަރު (231،300 ރ.) އެވެ.
"އެއްވެސް މީހެއްގެ މުސާރަ ކުޑަކޮށެއް ނާންނާނެ. ނުވަތަ މާ ބޮޑުތަން ކުޑަކޮށެއް. ތި ރޭންޖް [15،000 ޑޮލަރު] ތެރޭގައި ނުވަތަ ކުޑަކުޑަކޮށް ބޮޑު. އެއަށް ވުރެ ކުޑަވެފަ ކަންނޭނގެ އިންނާނީ. ޕްލަސް އޯ މައިނަސް 10 ޕަސަންޓް ކަމަށް ބަލަމާ އުޅޭނީ. ސީދާ މުސާރަ އެ ބޭފުޅުންނާއި [ގަތަރުގެ އެފްއޭ] އަޅުގަނޑުމެންނާ (އެއްބަސްވެ) ޑިސްކްލޯޒް ނުކުރާ އެއްޗެއްގެ ގޮތުގައި އޮތީމަ. އޭތި އެ ގޮތުގައި ބޭއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން."
އެފްއޭއެމްގެ އިދާރީ އަދި ޓެކްނިކަލް މުވައްޒަފުންނާއި ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކޯޗުނަށް ގަވާއިދު މުސާރަ ނުދޭ މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އެކަމަކު އާ ޓެކްނިކަލް ޑައިރެކްޓަރުގެ މުސާރަ ގަތަރުގެ އެފްއޭއިން ދޭތީ މުސާރައިގެ މައްސަލަ ދިމާ ނުވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭގެ މަގާމާ ހަވާލުވެ، މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ މީޑީއާތަކާ ވާހަކަ ދައްކަމުން ސްމޯލީ ބުނީ ބަންގްލަދޭޝްގެ މަގާމު ދޫކޮށް ރާއްޖެ ބަދަލުވުމާ ފައިސާގެ އެއްވެސް ކަމަކާ ގުޅުމެއް ނެތް ކަމަށެވެ. އޭނާ ބުނި ގޮތުގައި ރާއްޖޭގެ މަގާމު އޭނާ ގަބޫލު ކުރީ ބަންގްލަދޭޝްގެ ޕްރޮޖެކްޓަށް ވުރެ ރާއްޖޭގެ ޕްރޮޖެކްޓް އޭނާ އަށް ޝައުގުވެރިވާތީ އެވެ.
އޭނާ ބުނީ ރާއްޖޭގައި އޮތް ފުޓްބޯޅައިގެ ވަސީލަތްތަކާއި ކުޅުންތެރިންގެ ހުނަރުވެރިކަމަށް ބަލާއިރު ރާއްޖޭގެ ފުރުސަތުތައް މާ ބޮޑަށް ވެސް ފުރިހަމަ ކަމަށެވެ. އެކަމަކު ބަންގްލަދޭޝްގައި ހުނަރުވެރި ކުޅުންތެރިންނަށް ބެލިޔަސް އަދި ވަސީލަތްތަކަށް ބެލިޔަސް ވަރަށް ލިމިޓެޑް ކަމަށް އޭނާ ބުންޏެވެ.