25 ޖުލައި 2023 - 10:00

ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 5-4 އިން ޖޯލި މޯލްޑިވްސް ބަލިކޮށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 2-2 އިން ދެ ޓީމު އެއްވަރު ވުމުންނެވެ. މެޗުގައި ފުރަތަމަ ޖޯލު ޖެހީ ޖޯލި މޯލްޑިވްސް އެވެ. މުސްލިމް މުހައްމަދުގެ ގޯލުން އެޓީމު ލީޑު ނަގައިފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލާ އަށް އެއްވަރު ކޮށްދިނީ އަހުމަދު ފާރިސް އެވެ.
ދެވަނަ ފަހަރަށް ވެސް މެޗުގައި ލީޑު ނެގީ ޖޯލި މޯލްޑިވްސް އެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ދެވަނަ ފަހަރަށް ލީޑު ނެގީ މޫސާ ލަތީފް ޖަހައިދިން ގޯލުންނެވެ. ވެލާ އިން އެއްވަރު ކުރީ ޖޯލި މޯލްޑިވްސްގެ މޫސާ ޝުމޫކް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ޕެނަލްޓީ ޝޫޓައުޓްގައި ޖޯލި މޯލްޑިވްސް އަށް ނާކާމިޔާބުވީ މުހައްމަދު ޖުމާން އަހުމަދުގެ ޕެނަލްޓީ އެވެ. ވެލާގެ ކީޕަރު އަހުމަދު ޝާފިއު ވަނީ އެ ޖުމާން ފޮނުވާލި ޕެނަލްޓީ ދިފާއު ކޮށްފަ އެވެ.
ވެލާ ރިސޯޓްގެ ކޯޗަކީ ރާއްޖޭގެ ކުރީގެ ގައުމީ ފުޜްބޯޅަ ޓީމުގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. ބޮންޑާ އާއެކު ވެލާ ކުއާޓާ އަށް ދިޔައީ ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި، ޅ. އަތޮޅުގެ ޗެމްޕިއަން ކޮކޫން މޯލްޑިވްސް ބަލިކޮށްފަ އެވެ. ވެލާ އިން ނޮކައުޓް ބުރަށް އައީ ނ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.
ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ކުއާޓާ އަށް އައީ، ޕެނަލްޓީ ޖަހައިގެން ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ މޯލްޑިވްސް ބަލިކޮށްފަ އެވެ.
ސެމީ ފައިނަލްގައިވެލާ ނުކުންނާނީ ކ. އަތޮޅުގެ އުތުރު ޒޯންގެ ޗެމްޕިއަންކަން ހޯދާ ޓީމަކާ ދެކޮޅަށެވެ. އުތުރު ޒޯންގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 15 ގައި ކުރުނބާ މޯލްޑިވްސްގަ އެވެ.
ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކ. އަތޮޅު ދެކުނު ޒޯންގެ ޗެމްޕިއަންކަން ހޯދާ ޓީމާއި ދ. އަތޮޅުގެ ޗެމްޕިއަން ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓެވެ. ކ. އަތޮޅު ދެކުނު ޒޯންގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 1 ގައި ކްރޮސްރޯޑްސްގަ އެވެ.