ހިޔާލަކަށް އެދުނަސް ރަނިންމޭޓް ކަނޑައެޅުން ޔާމީނަށް ދޫކޮށްލައިފި
ހިޔާލަކަށް އެދުނަސް ރަނިންމޭޓް ކަނޑައެޅުން ޔާމީނަށް ދޫކޮށްލައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަށް ބޭފުޅަކު ހަމަޖެއްސުން އެ މަނިކުފާނަށް ދޫކޮށްލަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން މިރޭ ނިންމައިފި އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ކަނޑައަޅާނީ އެ ކެންޑިޑޭޓެކެވެ.

އެކަމަކު ޔާމީން ބޭނުންފުޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ހިޔާލާ އެކު އެ މަނިކުފާނުގެ ރަނިންމޭޓް ކަނޑައަޅުއްވާށެވެ. އެހެންވެ، ޔާމީން އެދިވަޑައިގަތީ ރަނިންމޭޓް ކަމަށް ރަނގަޅު ބޭފުޅުންތަކެއްގެ ނަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އެ މަނިކުފާނާ ހަައަށް ފޮނުވައި ދިނުމަށެވެ.

ނަމަވެސް މިރޭ ބޭއްވި އެ ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުންގެ އިއްތިފާގުން ފާސްކުރީ ރަނިންމޭޓް ކަނޑައެޅުމުގެ ބާރު ސީދާ ޔާމީނަށް ދޫކޮށްލާށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕާޓީގެ އަސާސީ ގަވައިދުގައި ބުނާ ގޮތަށް ރަނިންމޭޓް ކަނޑައެޅުން ޔާމީނަށް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

"އެއީ އަސާސީ ގަވާއިދުގައި ސީދާ ކެންޑިޑޭޓަށް ދީފައި އޮންނަ ބާރަކަށް ވާތީ އަޅުގަނޑުމެންގެ އިއްތިފާގުން އެ ގޮތަށް ނިންމީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ ރަނިންމޭޓަކަށް އައްޔަން ކުރާނެ ތިން ނަމަކާ ބެހޭ ގޮތުން މިރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އަޑު ފެތުރުނަސް އަބްދުއްރަހީމް އެ ވާހަކަތައް ދޮގުކުރެއްވި އެވެ. މީޑިއާއާ ހަމައަށް ތިލަވީ އަބްދުއްރަހީމްގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫންގެ ނަމެވެ.

އެ ނަންތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އަބްދުއްރަހީމް އެކަން ދޮގު ކުރެއްވި އެވެ.

"އެއީ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން މިއަދު ވަނީ ކެންޑިޑެސީ ފޯމު ފުރުމަށްޓަކައި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޔާމީންގެ ސޮއި ހޯދައިފަ އެވެ.

ނަމަވެސް އެ ފޯމުގައި ރަނިންމޭޓަކަށް ކަނޑައަޅާ ބޭފުޅެއްގެ ނަން ވެސް ހިމަނަން ޖެހެ އެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނަށް ފޯމު ލުމުގެ ކުރިން އެންމެ ފުރަތަމަ ނިންމަންޖެހޭ އެއް ކަމަކީ ރަނިންމޭޓް ކަނޑައެޅުމެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން ނިންމާފައިވީ ނަމަވެސް 11 އަހަރުގެ ޖަލު ހުކުމާ ހެދި އެ މަނިކުފާނަށް މިވަގުތު އޮތީ އެ ފުރުސަތު ގެއްލިފަ އެވެ.

އެކަމަކު، އެހެން ނަމެއް އެ ޕާޓީން ދެއްކުމުގެ ވިސްނުމެއް ޕީޕީއެމްގެ ލީޑަޝިޕުން އަދި ނުގެންގުޅެ އެވެ. ޔާމީނަށް ފުރުސަތު ގެއްލިއްޖެ ނަމަ އެ މަނިކުފާނު ވަކި ކެންޑިޑޭޓަކު ދައްކަވާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.