24 ޖުލައި 2023 - 19:49

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އޮންނަ ދުވަހު އެ ޕާޓީ އަށް ވަންނަ މީހުންނަށް ވެސް އެ އިންތިހާބުގައި ވޯޓު ދެވޭނެ ކަމަށް އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓެއް ނެރުމަށް އެ ޕާޓީން ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތި ލެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެކަންޏެވެ.
ޑިމޮކްރެޓްސްގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ ޕްރައިމަރީ އަށް އެއް ކެންޑިޑޭޓަކު ކުރިމަތިލައިފި ނަމަ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. އަދި މެންބަރުންގެ 10 ޕަސެންޓު ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެ މީހަކީ ރިޔާސީ ކެންޑިޑޭޓު ކަމުގައި ކަނޑައަޅަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ.
އެ ޕާޓީން މިއަދު ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕްރައިމަރީއާ ގުޅޭ މުހިންމު ނިންމުންތައް ނިންމައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް އަކީ ވަރަށް ފަހުން އުފެއްދި ޕާޓީއަކަށް ވެފައި ޕްރައިމަރީ އަކީ ވާދަވެރި އިންތިހާބަކަށް ނުވާތީ އެ ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދަން ކައުންސިލުން ލަފާ ދީފައިވާ ކަމަށެވެ.
އަންނަ ހުކުރު ދުވަހު މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދާއިރު މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެ ކަމަށާއި ޕާޓީ އާ އެ ދުވަހު ގުޅޭ މެންބަރުންނަށް ވެސް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
"ވާދަވެރި އިންތިހާބެއް ނޫން މިއީ. އެންމެ ކެނޑިޑޭޓެއް ހުންނެވީ އެހެންވެ ވީހާވެސް ގިނަ ވޯޓު ހޯދުމަށް ޕާޓީން ވެސް މަސައްކަތް ކުރުމަކީ އަމާޒެއް." އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދާށެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި އޮންލައިންކޮށް ވޯޓު ލެވޭނެ އިންތިޒާމް ވެސް އެ ޕާޓީން ހަމަޖައްސާނެ އެވެ. ނަމަވެސް އީ ވޯޓިން ނިޒާމުގެ ތެރެއިން އެކަކަށް ދެ ފަހަރަށް ވޯޓު ލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.