24 ޖުލައި 2023 - 16:58

ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކުގައި ސޮއިކުރައްވައި އެ ލިޔުންތައް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް މިހާރު ލިބިފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ވެރިކަމުގައި ހުންނެވި އިރު ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލާފައި ވިޔަސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބުނަމުން ދަނީ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ ކެންޑިޑޭޓަކީ އެއީ ކަމަށެވެ.
ޖަލު ހުކުމުގައި ތިބޭ މީހުން ފޮނުވާ ލިޔުންތަކަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން، ވަކި އުސޫލަކުން ފޮނުވޭ އެއްޗިއްސަށް ވާތީ ކެންޑިޑެސީ ފޯމާއި އެކަމާ ގުޅޭ ލިޔުންތަކުގައި ޔާމީން ލައްވައި ސޮއިކުރުވައި ފޮނުވައިދިނުމަށް ޕީޕީއެމުން ކުރިން އޮތީ ކަރެކްޝަންސްގައި އެދިފަ އެވެ.
"ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެ މަނިކުފާނު ސޮއިކުރައްވައި ކަރެކްޝަންސް މެދުވެރިކޮށް އަނބުރާ ޕާޓީ އޮފީހަށް ވަނީ ލިބިފައި،" ޕީޕީއެމް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިއްޔެ ހުޅުވާލާފައި ވާއިރު މި މުއްދަތު އަންނަ މަހުގެ 7 ގައި ހަމަވާނެ އެވެ. ރައީސްކަމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާތާ 48 ގަޑިއިރު ތެރޭ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެސީއާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.
ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ. އެކަމަކު މިއީ އަދި ސުޕްރީމް ކޯޓާ ހިސާބުން ނިމި ނިހާއީ ހުކުމަކަށް ނުވާތީ ޔާމީނަށް ވާދަކުރެއްވޭނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
އެކަމަކު ޔާމީނަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި މަޑުޖެހިފައި އޮތުމުން އިދިކޮޅުން ގެންދަނީ އެއީ ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފަ އެވެ.