ރަންވީރުގެ "ރޮކީ" ލައިފްސްޓައިލް ދައްކާލައިފި
ރަންވީރުގެ "ރޮކީ" ލައިފްސްޓައިލް ދައްކާލައިފި

ރަންވީރު ސިންގްގެ ކުރިއަށް އޮތް ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ރޯލުގައި އޭނާގެ ލައިފްސްޓައިލް ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އެ ފިލްމުގައި ރަންވީރު ކުޅެނީ ރޮކީ ކިޔާ، ހިޕްސްޓަ ޒުވާނެއްގެ ރޯލެވެ. އޭނާގެ ލައިސްޓައިލް ހުންނާނެ ގޮތުގެ ތައާރަފެއް ދިނުމަށް އިއްޔެ ވަނީ ކުރު ޓީޒާ ވީޑިއޯއެއް ވެސް ނެރެފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ރަންވީރު ސިންގު ލީޑު ރޯލު ކުޅޭ މި ފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އިއްޔެ ވަނީ މި ފިލްމުގެ ތިންވަނަ ލަވަ ވެސް ޔޫޓިއުބުގައި ރިލީޒްކޮށްފަ އެވެ. އެއީ ދަރުޝަން ރަވަން އާއި ބޫމީ ތުރިވޭދީގެ އަޑުން ކިޔާފައިވާ "ޑިންޑޯރާ ބާޖޭ ރޭ" އެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ލޯތްބާއި އާއިލީ މައްސަލަތަކުގެ މައްޗަށް ހަދާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމެކެވެ. މިއީ ހަތް އަހަރު ފަހުން ކަރަން ޑައިރެކްޝަނަށް އެނބުރި އަންނަ ފިލްމު ވެސް މެ އެވެ.

ފިލްމުގެ މުހިންމު ރޯލުތަކުން ބޮލީވުޑްގެ ލެޖެންޑާރީ އެކްޓަރުން ކަމަށްވާ ދަރުމެންދުރާ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ފެންނާނެ އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ރާއްޖޭގައި މި ފިލްމު ޕްރިމިއާކުރަނީ އަންނަ ހުކުރު ދުވަހު އެވެ.