ކިނޮޅަހުގައި ބާއްވަން އޮތް ސާފިން ލީގުގެ މުބާރާތް ތުލުސްދުއަށް
ކިނޮޅަހުގައި ބާއްވަން އޮތް ސާފިން ލީގުގެ މުބާރާތް ތުލުސްދުއަށް

ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމް ކޮށްގެން ރ. ކިނޮޅަހުގައި ބާއްވަން އޮތް ދިވެހި ސާފް ލީގުގެ ހަތަރުވަނަ މުބާރާތް ކަމަށްވާ ހުރާކޮޅު ރާޅުގަނޑު މުބާރާތް ކ. ތުލުސްދޫގެ ރަންދާ ރާޅުގަނޑުގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

މި މަހު 8 އިން 17 އަށް ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބޭއްވީ އާ ގުޅިގެން ތުލުސްދޫގައި އެވެ. މިއީ ރަންދާ ރާޅުގަނޑުގައި ދިވެހި ސާފް ލީގުގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ލީގު މުބާރާތް ރަންދާ ރާޅުގަނޑުގައި ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ފުވަހުން ފެށިގެން އޮގަސްޓް މަހުގެ 1 އާ ހަމައަށެވެ.

ރަންދާ ރާޅުގަނޑު މުބާރާތަކީ ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖަށް ކޮލިފައި ވުމުގެ ގޮތުން، ރޭންކިންގައި ކުރި ހޯދަން ކޮންމެ ރާޅާއެޅުންތެރިއަކަށް ވެސް މުހިއްމު މުބާރާތެކެވެ.

ލީގުގެ ފުރަތަމަ ތިން މުބާރާތް ވަނީ ބާއްވާފަ އެވެ. ބަދަލުތަކަކާ އެކު ކުރިއަށްދާ މި އަހަރުގެ ލީގުގެ ފުރަތަމަ ހަތަރު މުބާރާތަށް ވަކިވަކިން ރަޖިސްޓްރީ ވެގެން ބައިވެރި ވާން ޖެހުނުކަމުގައި ވިއަސް، ރަންނަމާރި ޗެލެންޖަށް ޖެހޭނީ ކޮލިފައި ވާށެވެ.

ރަންނަމާރި ޗެލެންޖަށް ކޮލިފައި ވާނީ ލީގުގެ ފުރަތަމަ ހަތަރު އިވެންޓަށް ފަހު ރޭންކިންގެ އެންމެ ކުރީގައި އުޅޭ 22 ރާޅާއެޅުންތެރިންނެވެ. ކޮލިފައި ވާން ރޭންކު ކުރުމުގައި ޕޮއިންޓް ގުނާނީ ނަތީޖާ އެންމެ މަތިން ޕޮއިންޓް ހޯދާ ތިން އިވެންޓްގެ ނަތީޖާ އެވެ.

ލީގު ޗެމްޕިއަންކަން ހޮވަން ގުނާނީ ރަންނަމާރި ޗެލެންޖް ހިމެނޭ ގޮތަށް، އެންމެ ނަތީޖާ ރަނގަޅު ހަތަރު އިވެންޓެއްގެ ޕޮއިންޓެވެ. އެންމެ ރަނގަޅު ހަތަރު އިވެންޓްގެ ޕޮއިންޓާއެކު ރޭންކް ކުރެވި، އަންނަ އަހަރުގެ ގައުމީ ޓީމުގެ ޖާގަ ލިބޭނީ އެންމެ މަތިން ޕޮއިންޓް ހޯދާ ފަސް ރާޅާއެޅުންތެރިންނަށެވެ.

ފުރަތަމަ ތިން އިވެންޓަށް ފަހު، އެންމެ ފަހުގެ ރޭންކިން އަށް ބަލައިލާއިރު، އެއްވަނައިގައި އޮތީ ހުސެއިން އަރީފް (އިބޫ) އެވެ. ދެވަނައިގައި ހޫދު އަހުމަދު (ހޫބްޒް) އޮތްއިރު، އަހުމަދު އާގިލް (އަންމަޑޭ) އާއި ހަސަން ނާސހު (ޗިކާ) ވެސް ގަދަ ހަތަރެއްގައި އެބަ އޮތެވެ. މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދި ނަޖާހު މުހައްމަދު (ކަބޯ) އޮތީ ފަސްވަނައިގަ އެވެ.

ރަންނަމާރި ޗެލެންޖުގައި ޖޫނިއާ ޑިވިޝަން ނުހިމެނެ އެވެ. ނަމަވެސް ލީގުގައި ޖޫނިއާ ޗެމްޕިއަންކަން މިއަހަރު ހޮވަން ހަމަޖެހިފައި ވާއިރު، ޗެމްޕިއަންކަން ކަނޑައަޅަން ރޭންކިން އަށް ގުނާނީ އެންމެ މަތިން ޕޮއިންޓް ހޯދާ ތިން މުބާރާތުގެ ނަތީޖާ އެވެ. ނަމަވެސް އަންނަ އަހަރުގެ ޖޫނިއާ ގައުމީ ޓީމަށް ކުދިން ހޮވާނީ، މިދިޔަ އަހަރެކޭ އެއްފަދައިން، ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕުންނެވެ.

ޖޫނިއާ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތީ ކަޔާން އަބްދުﷲ އަރީފް އެވެ. އޯޕަން ޑިވިޝަނުގައި ވެސް ވާދަކުރަމުން އަންނަ ކަޔާން އަރީފް އަކީ މިވަގުތު ސީނިއާ ރޭންކިންގެ ހަތްވަނައިގައި އޮތް އެތުލީޓެވެ. ޔަސީން އަހުމަދު ނާޝިދު ޖޫނިއާ ރޭންކިންގެ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ސީނިއާ ރޭންކިންގެ 10 ވަނައިގައި އޮތް މުހައްމަދު އިނާން އަބްދުލް ހަންނާން އޮތީ އިންވަނައިގަ އެވެ.

ހަތަރު ވަނައިގައި އޮތީ ޝާނިފް ޝަފީގެވެ. ޔޫސުފް ކަޔާން ހަމްދާން ޒަކީ ފަސްވަނައިގައި އޮތްއިރު، ހަވަނައިގައި އޮތީ ސައްޔިދު ސަލާހުއްދީނެވެ. ލީގުގެ ފުރަތަމަ މުބާރާތް ގައްދޫގައި ކާމިޔާބު ކުރި މުހައްމަދު ޒަޔާން އޮތީ ހަތްވަނައިގަ އެވެ.