އެފްޖޭއެސްއިން ބޮޑު ގްލޯބަލް ނެޓްވޯކް "ނެކްސިއާ" ރާއްޖެ ގެނެސްފި
އެފްޖޭއެސްއިން ބޮޑު ގްލޯބަލް ނެޓްވޯކް "ނެކްސިއާ" ރާއްޖެ ގެނެސްފި

ރާއްޖޭގެ ކޮންސަލްޓިން ހިދުމަތްތައް ދޭ ކުންފުނި އެފްޖޭއެސްއިން މިނިވަން އެކައުންޓިން އަދި ކޮންސަލްޓިން ކުންފުނިތަކުގެ ބައިނަލްއަގުވާމީ ނެޓްވޯކު "ނެކްސިއާ"ގެ މެމްބަރުކަން ހޯދައިފި އެވެ.

މި މެމްބާޝިޕުގެ ދަށުން އެ ކުންފުންޏަށް މި ނެޓްވޯކުން ދާއިރާއާ ގުޅުން ހުރި މައުލޫމާތުތަކާއި ތަމްރީނުތައް ހޯދޭނެ އެވެ. އަދި ކަމާބެހޭ މާހިރުންނާ އެކު، ދާއިރާގެ އެކި ކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ގާބިލު މުވައްޒަފުންތަކެއް ބިނާ ކުރެވޭނެ އެވެ.

ސަތޭކަ ފަންސަވީހަށް ވުރެ ގިނަ ގައުމުގައި ހަރަކާތްތެރިވާ މި ނެޓްވޯކަކީ 270އަށް ވުރެ ގިނަ މެމްބަރު ކުންފުނި ހިމެނޭ ނެޓްވޯކެކެވެ. އެފްޖޭއެސްއިން ގާއިމުކުރި މެމްބާޝިޕުގެ ސަބަބުން، މި ނެޓްވޯކު ހަރަކާތްތެރިވާ ގައުމުތަކުގައި ތިބި ފަންނީ، ކަމާބެހޭ މާހިރުންނާ ރާއްޖެ ގުޅިގެން ދާނެ އެވެ. މިއީ ކޮންސަލްޓަންސީގެ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ލިބޭ ފަހި ފުރުސަތެއްގެ ގޮތުގައި އެފްޖޭއެސްއިން ސިފަކުރެ އެވެ.

އެފްޖޭއެސްއިން ބުނީ "ނެކްސިއާ"ގެ މެމްބަރެއްގެ ގޮތުގައި އޮވެ، އެ ކުންފުނީގެ ހިދުމަތްތައް ދިނުމުގައި ފަންނީ ފަރާތްތަކުގެ އިރުޝާދާއި މީގެކުރިން ނެތް އެތައް ރިސޯސްތަކެއްގެ އެހީތެރިކަން ހޯދޭނެ ކަމަށެވެ.

އެފްޖޭއެސްގެ މެނޭޖިން ޕާޓްނަރު ފަރީހާ ޝަރީފު ވިދާޅުވީ އެ ޕާޓްނާޝިޕަކީ "ނެކްސިއާ"ގެ ގްލޯބަލް އެކްސްޕަޓީޒް ހޯދުމުގެ ފުރުސަތު ހިމެނޭގޮތަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ޕާޓްނާޝިޕެއް ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެ އަކީ ދުނިޔޭގެ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއް. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ވަކާލާތުކުރާ ގައުމަކަށް ވާއިރު އީއެސްޖީގެ މެމްބަރުންނާ އެކު ކުރީ ސަފުގައި އަޅުގަނޑުމެންގެ ތަޖުރިބާވެސް ބޭނުންކުރަން މި ތިބީ،" ފަރީހާ ވިދާޅުވި އެވެ.

ފަރީހާ ވިދާޅުވީ އެ ނެޓްވޯކުގެ މެމްބަރު ކުންފުންޏަކަށް އެފްޖޭއެސްވުމަކީ ކުންފުނީގެ މުސްތަގުބަލު އިތުރަށް އުޖާލާވި ކަމެއްކަމަށެވެ.

އެފްޖޭއެސް އަކީ 2007 ވަނަ އަހަރުން ފެށިގެން އޮޑިޓްކުރުމާއި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމުގެ ކޮންސަލްޓަންސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.