24 ޖުލައި 2023 - 00:01

މާލެ އާއި ހުޅުމާލެ ހައިވޭގެ ލައިޓްތައް ނިވި، އެ ސަރަހައްދުން އުޅަނދު ދުއްވާ ފަރާތްތައް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ ސިނަމާލޭ ބްރިޖަކީ ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ވެސް ހިނގާފައިވާ ތަނެކެވެ. އެހެންވެ ލައިޓްތައް ނިވި، އެތަނުގައި އަލިކަމެއް ނެތްއިރު އުޅަނދު ދުއްވުމުގައި އިތުރަށް ސަމާލުވާން ފުލުހުން އެދެ އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާ ކަމަށެވެ. ދިމާވީ ކޮން ކަހަލަ މައްސަލައަކާއި އެކަން ހައްލުވާނެ އިރެއް ފުލުހުން ނުބުނެ އެވެ.
އެކަމަކު ލައިޓްތައް ނިވިފައިވާތީ އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް އިލްތިމާސްކުރެ އެވެ.