ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މެޖިސްޓްރޭޓް ވަކިކޮށްދޭން މަޖިލީހަށް ހުށަހަޅަނީ
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މެޖިސްޓްރޭޓް ވަކިކޮށްދޭން މަޖިލީހަށް ހުށަހަޅަނީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ މައްސަލާގައި ޖޭއެސްސީން ހޯދިފައިވާ މައުލޫމާތުތަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްތަކަށް ރިއާޔަތްކޮށް، އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކުރީ މިދިޔަ މެއި މަހު އެވެ.

އެކަމާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ޖޭއެސްސީން ބުނީ އަލީ އާދަމް، މައްސަލައިގެ ހަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހެޅުމާއި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތާއި އެ ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، އެ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މުއާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުން އެނގޭ ކަމަށެވެ.

އެކަމަށް އަލީ އާދަމް އިއުތިރާފު ވެސް ވެފައިވާ ކަމަށާއި އެ މެސެޖްތައް ހުރިގޮތަށް ބަލާއިރު އެއީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން، އެ ހަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ކުރި މެސެޖްތަކެއް ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންވެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ މާއްދާތަކާ ހިލާފު އަމަލުތަކެއްކަން ސާބިތުވާތީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

މީގެކުރިން ވެސް އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަތަކެއް ޖޭއެސްސީން ބަލާފައިވެ އެވެ.