23 ޖުލައި 2023 - 15:50

ބަންގްލަދޭޝަށް ވުރެ ރާއްޖޭގައި ވަސީލަތާއި ހުނަރުވެރި ކުޅުންތެރިން ވެސް ގިނަ ކަމަށް، އެފްއޭއެމްގެ އާ ޓެކްނިކަލް ޑައިރެކްޓާ ޕޯލް ތޯމަސް ސްމޯލީ ބުނެފި އެވެ.

ބަންގްލަދޭޝްގެ ޓެކްނިކަލް ޑައިރެކްޓަރުކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދިނުމަށް ފަހު ރާއްޖޭގެ މަގާމާ ހަވާލުވެ، ރާއްޖޭގެ މީޑީއާ އާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ސްމޯލީ ބުނީ ރާއްޖޭގެ ރަށް ރަށުގައި އަޅައިފައިވާ ދަނޑުތަކާ އެކު ފުޓްބޯޅައިގައި ރަނގަޅު ވަސީލަތްތަކެއް ރާއްޖޭގައި އޮތުމަކީ ރާއްޖޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެކަމުގެ އުންމީދެއް ކަމަށެވެ.
ބަންގްލަދޭޝްގެ އަންހެން ޓީމުގެ ކޯޗުކަން ވެސް ކުރި ސްމޯލީ ބުނީ ވަސީލަތުގެ ގޮތުން ބެލިޔަސް އަދި ކުޅުންތެރިންގެ ހުނަރުވެރިކަމަށް ބެލިޔަސް ބަންގްލަދޭޝްގައި އޮތީ ވަރަށް ލިމިޓެޑް ފުރުސަތުތަކެއް ކަމަށެވެ. އެކަމަކު ރާއްޖޭގައި މަސައްކަތް ކުރިއަސް ގޮންޖެހުންތަކެއް ހުންނާނެ ކަން އޭނާ ފާހަގަ ކުރި އެވެ.
"އަހަންނަށް ހީވަނީ ވަރަށް ގިނަ ގައުމުތަކުގައި ވެސް ފުޓްބޯޅަ އެސޯސިއޭޝަތަކަށް ވެސް އެއްކަހަލަ ގޮންޖެހުންތަކެއް އެބަހުރިހެން. އެ ގޮންޖެހުންތައް މިތާންގައި ވެސް ހުންނާނެ. އަހަރެން 2016 ވަނަ އަހަރު ބަންގްލަދޭޝްގައި މަސައްކަތް ކުރަން ފެށި އިރު އެ ގައުމުގައި ހުރި އެކަހަލަ ގޮންޖެހުންތަކެއް. އެތަނުގައި ހުރި ޓެކްނިކަލް ވަސީލަތްތައް ކަށަވަރުކުރުމުގެ މައްސަލަ. އުމްރާނީ ވަސީލަތްތައް ރާއްޖޭގައި ވަރަށް ބޮޑަށް އެބަހުރި. އެކި ރަށްރަށުގައި ސަރުކާރުން ވަސީލަތްތައް އެބަ ގާއިމުކުރޭ އެއީ ހަގީގަތުގައި ވެސް ތައުރީފު ކުރަންޖެހޭ ވަރުގެ ކަމެއް. އެކަމަކު ބަންގްލަދޭޝްގައި ވަސީލާތްތަކާއި ހުނަރުވެރި ކުޅުންތެރިން ވެސް ވަރަށް ލިމިޓެޑް. ރާއްޖޭގައި ހުނަރު އެބަ އޮތް. ދަނޑުތައް ވެސް އެބަ ހުރި،" ދިވެހި މީޑީއާތަކަށް ސްމޯލީ ބުންޏެވެ.
"އަހަންނަށް ހީވަނީ ރާއްޖޭގައި ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތްހެން. ރާއްޖޭފެ ވިޝަން ވަރަށް ކަމުދޭ. ދުރު ރާސްތާ އަށް އަމާޒުކުރާ ވިސްނުން ގެންގުޅުމަކީ ވަރަށް މުހިންމު ކަމެއް. އަހަރެން މިއައީ މި އުޅަނދުގައި ހުންނަން. އަހަރެން ގަބޫލުކޮށްގެން މިހުރީ އަހަންނަށް އެކަންކަން ހާސިލުކުރެވޭނެ ކަމަށް. އަދި އަހަރެން ޔަގީންވެސް ކުރަން. އަހަރެން އަމިއްލައަށް ވެސް ހުންނަނީ ދުރު ރާސްތާ ޓާގެޓްތައް ހާސިލު ކުރުމަށް އަޒުމް ކަނޑައަޅައިގެން."
ސްމޯލީ ބުނީ، ރާއްޖޭގައި އޭނާ މަސައްކަތް ކުރާ ވާހަކަ އޭއެފްސީ އާއި ފީފާގެ ޓެކްނިކަލް ޑިޕާޓްމެންޓާ ހިއްސާ ކުރުމުން އެ ދެ ޖަމިއްޔާއިން ވެސް އެކަން ހިތްހަމަޖެހުން ފާޅު ކުރި ކަމަށެވެ.
ބަންގްލަދޭޝްގައި އޭނާ މަސައްކަތް ކުރީ، 15،000 ޑޮލަރުގެ މުސާރައަކަށެވެ. ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތްވައި އެ މަގާމު އޭނާ ދޫކޮށްލީ އޭނާގެ މުސާރަ ބޮޑު ކުރަން ބެންގްލަދޭޝްގެ އެފްއޭއިން ބޭނުން ނުވުމުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފައި ވެއެވެ.
ކުރިން ބުރުނާއީގެ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކޯޗުކޮށް ދިން، ސްމޯލީ ބުނީ ބަންގްލަދޭޝްގެ ވަޒީފާ ދޫކޮށްލުމާ ފައިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެކަމަކު އިތުރަށް ކުރިއަށް ދާން ބޭނުންވާ ކަންކަމުގެ އިންތިޒާމު ހަމަޖެއްސުމަށް، މަގާމުތަކާއި އޮނިގަނޑަށް ބަދަލު ގެނައުމުގައި އެންމެ އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު ކަމަށެވެ.
އޭނާގެ ކޯޗު ކަމުގެ ދަށުން ބަންގްލަދޭޝްގެ އަންހެން ޓީމުން ވަނީ 2022 ގެ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބުކޮށްފަ އެވެ. އަދި ބަންގްލަދޭޝްގައި ބޯޑިންއެއް ގޮތަށް ހިންގާ ދެ އެކަޑަމީ އޭނާގެ ދައުރުގައި ކާމިޔާބުކޮށްފައި ވެއެވެ.