މުސްލިމުން މަނާކުރުމުގެ އަމުރާ ދެކޮޅަށް ތެދުވުމަށް އޮބާމާ ގޮވާލައްވައިފި
މުސްލިމުން މަނާކުރުމުގެ އަމުރާ ދެކޮޅަށް ތެދުވުމަށް އޮބާމާ ގޮވާލައްވައިފި

ވޮޝިންޓަން (ޖެނުއަރީ 31) - މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަތް ގައުމުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ތެދުމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.

ރައީސްކަމުން ވަކިވެވަޑައިގަތުމަށް ފަހު މިހާރު ޗުއްޓީގައި ހުންނެވި އޮބާމާގެ ތަރުޖަމާން މެދުވެރިކުރައްވާ ނެރުއްވި ބަޔާނުގައި ވަނީ ޓްރަމްޕުގެ އަމުރު ބިނާކޮށްފައި ވަނީ އޮބާމާ ސަރުކާރުގެ ބައެއް ނިންމުންތަކުގެ މައްޗަށް ކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

ވައިޓްހައުސް އިން ބުނެފައި ވަނީ އޮބާމާގެ ވެރިކަމުގައި، 2011 ވަނަ އަހަރު ވެސް ވަނީ އިރާގު މީހުން އެމެރިކާ އަށް އެތެރެވުން ހަ މަސް ދުވަހަށް މަނާކޮށްފައި ކަމަށެވެ.

"އަގީދާ އަށް ނުވަތަ ދީނަށް ބަލައިގެން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރުމަކީ ރައީސް އޮބާމާ އުސޫލެއްގެ ގޮތުން ގަބޫލް ކުރައްވާ ކަމެއް ނޫން،" ތަރުޖަމާން ކެވިން ލުއިސް ވިދާޅުވި އެވެ.

މިއީ މީގެ 10 ދުވަސްކުރިން ވެރިކަން ދޫކުރެއްވި އޮބާމާ، ޓްރަމްޕުގެ ސިޔާސަތަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެމެރިކާގެ ކުރީގެ ރައީސުން ފާޑުވިދާޅުވުމަކީ އާއްމު އުސޫލުން ކުރައްވާ ކަމެއް ނޫން ނަމަވެސް އޮބާމާ ވަނީ އެމެރިކާ އަށް ގެއްލުންވާ ފަދަ ކަމެއް ޓްރަމްޕް ކުރައްވާ ނަމަ އެމެރިކާގެ އާދައިގެ ރައްޔިތެއްގެ ހައިސިއްޔަތުން ނަމަވެސް އެކަމާ ދެކޮޅަށް އަޑު އުފުއްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޮބާމާގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ޓްރަމްޕް ގޯސްކޮށް ކަމެއް ކުރައްވައިފި ނަމަ ފާޑުވިދާޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރެފިއުޖީ ޕްރޮގްރާމް ހުއްޓާލުމުގެ އިތުރުން ޓްރަމްޕް ވަނީ އިރާގު، އީރާން، ސީރިއާ، ސޫދާން، ލީބިއާ، ޔަމަން އަދި ސޮމާލިއާ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރައްވައިފަ އެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކާއި އެއާޕޯޓްތަކުގައި މުޒާހަރާ ކުރި ނަމަވެސް އެ ސިޔާސަތު ދިފާއު ކުރައްވާ ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ އޭނާގެ ބޭނުމަކީ އެމެރިކާ މީހުން ހިމާޔަތް ކުރުން ކަމަށެވެ.