23 ޖުލައި 2023 - 15:08

ޕެރިސް (ޖުލައި 23) - ޕްރީ ސީޒަން ޓުއާ އިން ކިލިއަން އެމްބާޕޭ ބާކީކޮށް ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ އަށް މަޖުބޫރުކުރުން ކުށްވެރިކޮށް، ޕީއެސްޖީއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ނެޝަނަލް ޔޫނިއަން އޮފް ޕްރޮފެޝަނަލް ފުޓްބޯލާސް (ޔޫއެންއެފްޕީ) އިން ދީފި އެވެ.
ފްރާންސް ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން އިން ވަރުގަދަ އިންޒާރެއް ޕީއެސްޖީ އަށް ދިނީ އެ ކްލަބުން އެމްބާޕޭއާ މެދު އަމަލުކުރި ގޮތުން ކުޅުންތެރިޔާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމަށް ބުނެ އެވެ.
އާ ސީޒަނަށް ތައްޔާރުވާން ޕީއެސްޖީ އިން ކޭމްޕް ކުރަން ނިންމާފައިވަނީ ޖަޕާނާއި ދެކުނު ކޮރެއާގަ އެވެ. ކޭމްޕަށް ދިއުމުގެ ކުރިން ހުކުރު ދުވަހު ޕީއެސްޖީ އިން ކުޅުނު އެކުވެރިކަމުގެ މެޗުގެ ފަހުކޮޅު އެމްބާޕޭ ކުޅުނެވެ. ޕީއެސްޖީ 0-2 އިން މޮޅުވި މެޗުގެ ފަހު ގޯލު ޖެހީ އެމްބާޕޭ އެވެ.
އެމްބާޕޭ، 24، ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އެބައޮތެވެ. ޕީއެސްޖީ އިން ބޭނުންވީ ކްލަބުގެ ހުށަހެޅުމާއި އެއްގޮތަށް އެމްބާޕޭގެ އެއްބަސްވުން އާކުރާށެވެ. އެއީ އެއްބަސްވުން އާނުކޮށް އެމްބާޕޭ ޕީއެސްޖީގައި ހުރެފި ނަމަ ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބުން އެމްބާޕޭ ދޫކޮށްލަން ޖެހޭނެތީ އެވެ. އެކަމަކު އެމްބާޕޭ ޕީއެސްޖީގެ އެ އެއްބަސްވުމުގައި ސޮއިކޮށްފައެއްނުވެ އެވެ. އެހެންވެ މައްސަލައަށް ހައްލެއް ގެންނަން އެ ކްލަބުން މިހާރު ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ވިއްކާލަން ނިންމާފަ އެވެ.
"ސްކޮޑުގައި ތިބި އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ފަރިތަކުރުންތަކުގައި ބައިވެރިވާން އެމްބާޕޭ އަށް ވެސް ހަމަހަމަ ފުރުސަތެއް ލިބެންޖެހޭނެ،" ޔޫއެންއެފްޕީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޕާބޭ ޕީއެސްޖީ ކެމްޕަހުގައި ފަރިތަކުރަމުން އަންނަނީ އެޓީމުން ބާކީކުރި އެހެން ކުޅުންތެރިންނާއި އެކު އެވެ، އޭގެތެރޭގައި ހޫލިއަން ޑްރެޒްލާ އާއި ޖިއޯޖީނިއޯ ވައިނަލްޑަމް ހިމެނެ އެވެ.
"ކުޅުންތެރިޔާ ބޭނުންވާ ގޮތަށް އިހްތިރާމް ނުކޮށް ކްލަބް ދޫކޮށްލަން މަޖުބޫރުކުރުވުން އެއީ ކުޅުންތެރިޔާ އަށް ކުރިމަތިވާ ފުރައްސާރައެއް. އެއީ ފްރާންސްގެ ގާނޫނުތަކުން ވެސް ކުށްވެރިކުރާ ކަމެއް. އެފަދަ ކަންކަން ކުރާ ކްލަބްތަކާ މެދު މަދަނީ އަދި ޖިނާއީ ދައުވާކުރުމުގެ ހައްގު އެބައޮތް" ޔޫއެންއެފްޕީ ގެ ބަޔާނުގައި ބުނެފައިވެ އެވެ.
މޮނާކޯ އިން ޕީއެސްޖީ އަށް 2017 ވަނަ އަހަރު އެމްބާޕޭ ބަދަލުވީ 212 މިލިއަން ޑޮލަރަށެވެ. އެ ކްލަބުގައި ހޭދަކުރި ހަ އަހަރު އެމްބާޕޭ ވަނީ ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ފަސް ސީޒަނުގައި ހޯދައިފަ އެވެ.
އެމްބާޕޭ އަކީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެ ކްލަބަށް ކުޅުނު 260 މެޗުގައި އެމްބާޕޭ 212 ގޯލު ޖެހި އެވެ.
ޕީއެސްޖީގެ އިތުރުން އެމްބާޕޭ އަކީ ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ. ފްރާންސާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، މިދިޔަ އަހަރު ވޯލްޑް ކަޕްގެ ދެ ވަނަ ހޯދުމުގައި އެމްބާޕޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ޕީއެސްޖީ ދޫކޮށް އެމްބާޕޭ ގުޅޭނެ ކަމަށް ބެލެވެނީ އޭނާ ގެންދަން އަބަދުވެސް ބޭނުންވާ ރެއާލް މެޑްރިޑާ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ އޮތީ ރެއާލްއާ އެކު އެގްރީމެންޓެއް ހަދައިފަ އެވެ.