ނަޕޯލީގެ ގަބިއަޑިނީ ސައުތުހެމްޓަން އަށް
ނަޕޯލީގެ ގަބިއަޑިނީ ސައުތުހެމްޓަން އަށް

ނޭޕްލްސް (ޖެނުއަރީ 31) – އިޓަލީ ފޯވާޑް މަނޯލޯ ގަބިއަޑިނީ ޕްރިމިއާ ލީގުގެ ސައުތުހެމްޓަން އަށް 14 މިލިއަން ޕައުންޑަށް ވިއްކާލަން ނަޕޯލީން އެއްބަސްވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ މިއަދުގެ ވަގުތެއްގައި ސައުތުހެމްޓަންގެ މެޑިކަލް ޓެސްޓް ހެދުމަށް ފަހު އެ ކްލަބުގެ ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ.

ސަމްޕްޑޯރިއާ އިން 2015 ވަނަ އަހަރު ނަޕޯލީއާ ގުޅުނު ފޯވާޑް ވަނީ އެ ޓީމަށް އިޓާލިއަން ލީގުގައި 55 މެޗުން 15 ގޯލް ޖަހައިދީފަ އެވެ. އެކަމަކު ފަހަކަށް އައިސް އޭނާ އަށް ނަޕޯލީ ޓީމުން ފުރުސަތެއް ނުލިބެ އެވެ.

އެޓަލާންޓާ އިން ކެރިއަރު ފެށުމަށް ފަހު ޔުވެންޓަސް އަށް ވެސް ކުޅުނު ގަބިއަޑިނީ ވަނީ އިޓަލީ ގައުމީ ޓީމަށް ހަ މެޗު ކުޅެދީ އެއް ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ ފޯވާޑެއްގެ އިތުރުން އެޓޭކިން މިޑްފީލްޑަރަކަށް އަދި އަރިމަތިން ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ.

ޕްރިމިއާ ލީގުގެ 11 ވަނައިގައި އޮތް ސައުތުހެމްޓަން އިން ފޯވާޑެއް މި ގެނައީ އެ ޓީމުގެ ޗާލީ އޮސްޓިންގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ތިން މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. ލީގުގެ 14 ވަނައިގައި އޮތް ވަޓްފޯޑް އިން ވަނީ ވަނީ އޭސީ މިލާނުގެ ފްރާންސް ފޯވާޑް އެމްބަޔޭ ނިއަންގް ލޯނެއްގެ ދަށުން ގެނެސްފަ އެވެ.