23 ޖުލައި 2023 - 10:30

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތުގެ މައްސަލަ ރަނގަޅުކުރަން، ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ޕޭސްމަކެރެއް ލައްވަން ނިންމައިފި އެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ ޕޭސްމޭކަރު ލެއްވުމުގެ ޕްރޮސީޖަރަށް، އުމުރުން 73 އަހަރުގެ ނަތަންޔާހޫ ހޭނައްތާނެތީ، މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން އަދާކުރާނީ ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިންއާ ކަމަށެވެ.
ނަތަންޔާހޫ ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް އެޑްމިޓްކޮށްފަ އެވެ. އެ ފަހަރު އެޑްމިޓް ކުރަން ޖެހުނީ ހަށިގަނޑުގައި މާބޮޑަށް ފެންމަދުވެގެން ކަމަށް ބުނެފައި ވެ އެވެ.
ނަތަންޔާހޫގެ ހިތަށް ޕޭސްމޭކަރެއް ލެއްވުމަށް އެޑްމިޓް ކޮށްފައި މި ވަނީ، ޝަރުއީ ދާއިރާ އަށް ގެންނަން ހުށަހަޅާފައިވާ ބޮޑެތި އިސްލާހުތަކާ މެދު ހިތްހަމަނުޖެހިގެން އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުގެ ނިންމުތައް ތަންފީޒުކުރުން ހުއްޓުވުމުގެ ބާރު ފަނޑިޔާރުންނަށް ލިބޭ ގޮތަށް ނަތަންޔާހޫ އިސްވެ ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް އެތަކެއް ހާސް މީހުން އިއްޔެ ވެސް ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން އެ އިސްލާހު ފާސްކުރުމުގެ ކުރިން ނަތަންޔާހޫ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ ތާރީހުގައި ބޮޑުވަޒީރުގެ މަގާމު އެންމެ ދިގު މުއްދަތަކަށް އަދާކުރުމުގެ ރެކޯޑު އޮންނަ ނަތަންޔާހޫއާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ހިނގަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާ އަށް އިސްލާހު ހުށަހެޅީ، ކޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.