23 ޖުލައި 2023 - 06:30

ބުދަ ދުވަހާ ގުޅޭ
"އޭ! ކަލޭ ކީއްވެ ސިހުރުހަދަނީ؟" ސިރާޖު ވަރަށް ބާރަށް ގޮވައިލިއެވެ.
ސީމާ ދިޔައީ ސިއްސައިގެންނެވެ. އެހައި ހާމަ ތަނެއްގައި، މީހުންނަށް އިވޭ ވަރަށް ސިރާޖު އެހެން ބުނެފާނެކަމަކަށް ސީމާ ހިޔެއްނުކުރެއެވެ. ސީމާ ހުއްޓިފައި، ސިރާޖަށް ކަޅިއަޅައިލައިފައި ހިނގައިގަތުމުން ސިރާޖު ކުރިބެއްދިއެވެ. ފައިސަލް ހުރީ ސައިކަލު ކައިރީގައި ކުޅިބަލާށެވެ. ހުއްޓުވަން ހިތަށްއެރިއެވެ. ދެވަނަ ސިކުންތުގައި ހިޔާލުބަދަލުވީއެވެ.
"ކަލޭ ތި ހީކުރަނީ ކަލެއަށް އެކަނިކަމަށްތަ ސިހުރުހެދޭނީ؟" ސިރާޖު ރުޅިއައިސްފައި ބުންޏެވެ.
"އަހަރެން ސިހުރެއް ނަހަދަން." ސީމާ މަޑުމަޑުން ބުންޏެވެ.
އޭރު ދެތިން މީހަކު ހުއްޓިގެން މަންޒަރުބަލަން ތިއްބެވެ. އެކަކު ވެސް ކަމުގެ ތެރެއަށް ވަންނާކަށް ނޫޅެއެވެ. ބައެއް މީހުން ބަލަމުންބަލަމުން ދަނީއެވެ. ފޯނު ދިއްކޮށްގެން ވެސް ދެ މީހަކު ތިއްބެވެ.
"އާނ ކަލޭ ސިހުރެއް ނަހަދާނެ. ކަލޭ ވައްކަމެއް ވެސް ނުކުރާނެ،" ސިރާޖުގެ ރުޅިމަޑެއްނުވެއެވެ. "އޭނަގެ ރަނގަޅުކަމުން ކަލެއަށް ދައުވާއެއް ނުކޮށް، ކަލޭ ލަދުގަންނަވާނުލާ ދޫކޮށްލީމަ ކަލޭ ގޮސް ދައްތަ ލައްވާ ކިހާ ސިހުރެއް ތި ހަދަނީ އޭނ؟ ތިހިރީ ކަލޭގެ ފެންވަރު. މަ ނުދެކެން ތިހާ ކަޑަ މީހެއް. މީހެއްގެ މުޅި ދިރިއުޅުމޭ ތި ފުނޑާލަނީ."
"އަހަރެން ސިހުރެއް ނަހަދަމާ ނަހަދަމޭ!" ސީމާ ތަންކޮޅެއް ބާރަށް ބުންޏެވެ. "ހުވާކޮށްފަ މި ބުނީ އަހަރެން މީހަކު ލައްވައެއް ވެސް ސިހުރެއް ނަހަދަން. ކުރާނެ ކަންތައް ހުސްވެގެންތަ މި އުޅެނީ؟ އަހަރެން ކަމެއް ކުރާ ނަމަ ކޮން ކަމެއް ނުކުރެވޭނީ؟ ކިތައް އަހަރު އެ ގޭގަ އަހަރެން އުޅެފިން؟ އެއްޗެއް ބުނާ އިރު ވިސްނާލާފަ ބުނެބަލަ!"
"ސިރާޖު! ހިނގާދަމާ!" ފައިސަލް ބުންޏެވެ.
"ކަލޭ މިއަދުން މިއަދަށް އެ ކަން ހުއްޓާނުލައިފިއްޔާ ޕޮލިހަށް އަންގާނަން. ހަމަ ހުވާ!" ސިރާޖު ރައްދުދިނެވެ. "ވޯނިން މި ދެނީ. ގުރޫޕެއް ގޮވައިގެން ތި ގެއަށް ވަދެ ތަންތަން ފުނޑާނުލަނީސް ތި ކަން ހުއްޓާލާ!"
"ސިރާޖު!" އަނެއްކާ ވެސް ފައިސަލް ގޮވައިލިއެވެ. "ގަޑިޖެހެނީ!"
ސިރާޖު އައިސް ސައިކަލަށް އަރައިގެން ނައްޓައިލިއެވެ. ފައިސަލަށް މައްސަލައަކީ އެ މަންޒަރުތައް ވީޑިޔޯކުރީމައެވެ. އިސާހިތަކު މީސްމީޑިޔާއަށް މަންޒަރުތައް ތިލަވާނެއެވެ. ސީމާ ސިހުރުހަދާކަމަށް ފައިސަލަށް ދެއްކޭނެ ހެއްކެއް ނެތެވެ. އެ ކަން ސާބިތެއް ނުކުރެވޭނެއެވެ.
"ކަލޭ ކީއްވެ އެއްޗެއް ނުބުނެ ތި އިންނަނީ؟" ސިރާޖު މަޑުމަޑުން އެހިއެވެ. "އަހަރެން ދެކެ ނައްޓާފަތަ ތިއިނީ؟"
"ސީމާ ސިހުރުހަދާކަން ޔަގީންވާ އިރު ވެސް، ސިރާޖު ތި ކުރި ކަހަލަ ކަމެއް އަހަންނެއް ނުކުރާނަން،" ފައިސަލް ބުންޏެވެ. "ޕުރޫފް ނެތީމަ މައްސަލައަކީ. އެކަމަކު، ކުރަންވެފަ އޮތް ކަމެއް ތި ކުރީ. އެތިފަހަރެއް ޖެހި ނަމަވެސް އަހަރެން ނުހުއްޓުވީމުސް. ކަލެއަށް އެނގޭތަ؟ މިހާރު ވެސް އަހަރެން މި އިންނަނީ އެއްކަލަ ފާޑަށް މެޔަށް ވާންވެފަ. ކަލޭ ބޮލަށްކަން ނޭނގެ ހޮޑުދުއްވާލެވޭނީ."
ދެމީހުން ހެމުންހެމުން ގޮސް ބައްދަލުވުން އޮތް ތަނަށް މަޑުކޮށްލިއެވެ.
"އަންނާނަން ސައިކު ޕާކުކޮށްފަ." ސިރާޖު ބުންޏެވެ.
"ބައްޕަ އަންނާނެކަމެއް ނެތް،" ސަމާސާ ރާގެއްގައި ފައިސަލް ބުންޏެވެ. "ކޮއްކޮއަށް މި ކަން ކުރެވޭނެ. އިމަޖެންސީއެއް ދިމާވެއްޖެއްޔާ ބައްޕައަށް ގުޅާނަމޭ!"
ހީނގެންފައި ސިރާޖު ނައްޓައިލިއެވެ. އިމާރާތުގެ ތެރެއަށް ވަން އިރު ވެސް ފައިސަލް ހިތަށްއެރިއެވެ. މި ކުރެވެނީ ރަނގަޅުކަމެއްބާއެވެ؟ ޖަލްސާ ވަގުތުން ދުރަށް ދައްކައެވެ. ކަމެއް ދިމާވެއްޖެއްޔާ އެތައް ހާސް ބަޔަކަށް އެ މަންޒަރު ފެންނާނެއެވެ. ސީމާއަށް ވެސް ފެންނާނެއެވެ. އޭނަ ޓީވީ ބަލާނެކަން ފައިސަލަށް ކަށަވަރެވެ. ކޮންމެ އަހަރެއްގެ ވެސް އެ ޖަލްސާއަށް ފައިސަލް ދާކަން ސީމާއަށް އެނގޭނެއެވެ.
ގެއަށް އައިސް ސީމާ އެ ވާހަކަ ކިޔައިދިނުމުން ދައްތަގެ ލޭ އިހުނަށް ވުރެ މައްޗަށްދިޔައެވެ.
"އޭނަޔާ ބެހޭ މައުލޫމާތު އެނގޭތަ؟" ދައްތަ ސުވާލުކުރިއެވެ.
"އުހުނ! އޭނަޔަށް ކަމެއް ކުރާނެކަމެއް ނެތް!" ސީމާ ބުންޏެވެ. "ރުޅިއައިއްސަ ހުންނާކަށްނު ޖެހޭނީ! އަހަންނަށް ކީއް؟ ދެން އޭނަ އެ ކަހަލަ ކަމެއް ކުރާ ފަހަރަކު ހިތަށްއަރާނެ ނުކުރެވުނު ނަމައޭ! ހިނގާ ޓީވީބަލަން. މިހާރު ފަށާފާނެ. އަހަންނަށް ވަރަށް ހީވޭ އޭނަ އެ ދިޔައީ އެ ތަނަށްހެން."
ފައިސަލް އިނީ ކުރިން ތިންވަނަ ބަރީގައެވެ. މީހުންތައް ދައްކައިލާ އިރު ފައިސަލް ރީތިކޮށް ފެނެއެވެ. ފައިސަލް ބައްދަލުކުރަން ބޭނުންވާ ދެމީހުން ތިބީ އިސްޓޭޖު މަތީގައެވެ. އެ މީހުންނާ ބައްދަލުކުރަން ބޭނުން ނަމަ، ޖަލްސާ ނިމެންދެން ފައިސަލް އިންނަން ޖެހޭނެއެވެ. އެއީ ވަރުގަދަ ގޮންޖެހުމެކެވެ. ތަނުގެ ފިނިކަން އިހުސާސްކުރެވޭ އިރު ވެސް، ދާހިތްލައިގެން ފައިސަލް ކެކެނީއެވެ. ބޮލުގެ އިސްތަށިގަނޑާއި، ބުރަކަށި ފޯވެއްޖެކަން ފައިސަލަށް ޔަގީނެވެ. މޫނު ވެސް އިރުއިރުކޮޅާ އަތުން ފުހެންޖެހެއެވެ. ދެން ވާނީ ކިހިނެއްކަމެއް ފައިސަލަަކަށް ނޭނގެއެވެ. އޮތީ ދެ ގޮތެވެ. ވާނެ އެއްޗެއް ވަންދެން އިނުމެވެ. ނުވަތަ އޭގެ ކުރިން ނުކުތުމެވެ. ފައިސަލްގެ ފައިގައި ރިއްސަން ފެށިއެވެ. ހިތްއަވަސްވާން ފެށިއެވެ. ނޭވާ ކުރުވެ، ކަރުހިއްކަން ފެށިއެވެ. ކެއްސަން އުޅޭހެން ހީވިއެވެ. ހައްތާ ވެސް އަލާމާތްތަކެވެ. އެހެނަސް ތަން ދޫކޮށްލާފައި ފައިސަލް ހިނގައްޖެ ނަމަ ކާމިޔާބުވާނީ ސީމާއަށެވެ. އެހެންވާކަށް ފައިސަލް ބޭނުމެއް ނޫނެވެ.
"ދައްތަ އެބަ އަންނަން ކޮޓަރިއަށް ވަދެލާފަ!" ދައްތަ ތެދުވަމުން ބުންޏެވެ. "ޓީވީ ބަލަން އިންނާތި!"
ސީމާ އިނީ ޓީވީބަލާށެވެ. އެކަމަކު ޓީވީން ފެންނަނީ ވާހަކަދައްކާމީހާއެވެ. ފައިސަލް ވީ ތަނެއް، އެ ތަނުން ދިޔައީކަމެއް ސީމާއަކަށް ނޭނގެއެވެ. ސިކުނޑި ހަމަޖައްސައިލުމަށް ޓަކައި ފައިސަލްގެ ވިސްނުން ހޯލުން ބޭރަށް ނެރެން މަސައްކަތްކުރިއެވެ. ކުއްލިއަކަށް ހީވީ ބުރަކަށިން ނާރެއް ދަމައި ގޮށްޖަހައިލިހެންނެވެ. އިސްއުފުލުނުލެއް ބޮޑުކަމުން ކުރިމަތިބަލާކަށް ވެސް ފައިސަލަށް ފަސޭހައެއް ނުވިއެވެ. އެ ނާރުގެ ވާންކަން ދިޔައީ، މަޑުމަޑުން އިތުރުވަމުންނެވެ. ކަށިން މަދު ނެރެގެން ފައިސަލް ތެދުވިއެވެ. ނުކުންނަ ދޮރު ހުރީ މާ ދުރަކު ނޫނެވެ. މިނެޓެއް ތެރޭގައި ދޮރާ ހަމައަށް ފައިސަލް ފޯރާނެއެވެ. އެންމެ މަޑުން ހިނގިޔަސްވެހެވެ. އެކަމަކު، ފައިސަލަށް ދޮރު ފެންނަނީ މޭލެއްހައި ހިސާބު ދުރުންނެވެ. އޭރު ދައްކަމުންދިޔަ ވާހަކަ މަޖާކަމުން މުޅި ހޯލު ތަރުހީބުގެ އަތްތިލަބަޑިން ގުގުމަމުންދިޔައެވެ. ފައިސަލް އެއް ފިޔަވަޅުއެޅިއެވެ. ނަސީބަކުން ނުއެއް ވެއްޓެއެވެ. ދެވަނަ ފިޔަވަޅުއެޅިއެވެ. އަރިއަޅައިލިއެވެ. އެ ފަހަރަކު ވެސް ނުއެއް ވެއްޓެއެވެ. ނަސީބަކުން، އެއްވެސް މީހެއްގެ ސަމާލުކަން ފައިސަލަކަށް ނެތެވެ. ފާރުގައި އަތް ޖައްސަމުން، ބައެއް ގޮނޑީގައި އަތްޖައްސަމުން ފައިސަލް ހޯލުން ނުކުތެވެ. ދުއާކިޔަން މަސައްކަތްކުރަމުން، ޝުކުރުއަދާކުރަމުންނެވެ. ވައިތެރެއަށް ނުކުތުމުން ފައިސަލްގެ ހާސްކަން ފިލިއެވެ. ހިތަށްއެރިއެވެ. އުމުރުދުވަހު ވެސް ފައިސަލް އުޅެންޖެހޭނީ އެހެންހެއްޔެވެ؟ މުޅި ދިރިއުޅުން އެފުށްމިފުށަށްޖެހުނީހެއްޔެވެ؟ ބޭރަށް ނުކުމެފައި ފައިސަލް ފޯނު ނެގީ ސިރާޖަށް ގުޅުމަށެވެ. ފޯނު ބަލައިލި އިރު ރިންދާ ތިން ކޯލުކޮށްފައި އޮތެވެ. ރަނގަބީލުގެ އަޑުނީވޭ ގޮތަށް އޮތުމުން ފައިސަލަށް ނޭނގުނީއެވެ. ފައިސަލް ވަގުތުން ރިންދާއަށް ގުޅިއެވެ. ކަނދުރާއަށް އަރާފައިހުރި ވާންގަނޑު އޭރު ލުއިވާން ފަށައިފިއެވެ. އެކަމަކު ނުބައި ތަދެއް ހުއްޓެވެ.
"ރުޅިގަނޑު މައިތިރިވީތަ؟" ވަރަށް އާދައިގެ ރާގެއްގައި ފައިސަލް ބުންޏެވެ.
"ސޮރީ!" ރިންދާ ފުރަތަމަ ވެސް ބުނީ އެހެންނެވެ. "އަހަރެން އަސްލު އެ ގޮތަށް ގޮސްގެން ނުވާނެ. އެނގޭތަ ވީޑިޔޯއެއް ވައިރަލްވެގެން އުޅޭކަން؟ އަހަރެން މީ ފައިސަލް ނަމަ އޭނަ ނޮޅާލީމުސް."
"އަހަންނަށް މުހިންމީ އޭނައެއް ނޫނޭ،" ފައިސަލް ބުންޏެވެ. "އަހަންނަށް މުހިންމު މީހަކީ ތީ! މި ސިޗްއޭޝަންގަ ރިންދާ ރުޅިވެއްޖެއްޔާ.. އެނގޭތަ މިހާރު ވެސް އަހަރެން މިހިރީ މީޓިންއަކަށް އައިސް، މީޓިންގަ ނީނދެވިގެން ބޭރަށް ނުކުމެކަން؟"
"ހުރި ތަން ބުނޭ!" ރިންދާ އެދުނެވެ.
ޓީވީބަލަން އިން ސީމާއަށް ފައިސަލް ގެއްލުނީއެވެ. ސީމާ ހީކުރީ ކެމެރާއަށް އެ ދިމާ ނުދެއްކެނީކަމަށެވެ. ރިންދާ އައީ ކާރުގައެވެ. ފައިސަލާއި ރިންދާ ދަތުރު ފެށީ ފައިމަގުގައެވެ. އެތައް ވާހަކައެއް ރިންދާ ދެއްކީމައި ވެސް ފައިސަލަކަށް އެ ވާހަކައިގެ ތެރެއަކަށް ނުވަދެވެއެވެ. ބޯޖެހުން ނޫންކަމެއް ނުކުރެވެއެވެ.
"ހިނގާ ކޮފީއެއް ބޯލަމާ!" ރިންދާ އެދުނެވެ.
އޭރުން ހޮޑުލެވިދާނޭ ފައިސަލް ބުނީ އަތުގެ އިޝާރާތުންނެވެ. ދިޔަ ގޮތަށް ދެ މީހުން ދިޔައީ ފައިސަލްގެ ގެއަށެވެ. އޭރު އަދި ޒިޔާން ނުނިދައެވެ. ރިންދާ ވަނުމާއެކު ޒިޔާން ކަރުދާސްތަކެއް ހިފައިގެން އައެވެ.
"ދެން މި ގަޑީގަ ރިންތަ ކިހިނެއް ކުރަހާނީ ދަރިފުޅާ؟" ވެފައިހުރި އުނދަގޫ ފޮރުވަމުން ފައިސަލް ބުންޏެވެ. "ދޭ ނިދަން."
"އެކަތި ކުރަހާލާފަ ދޯ ޒިޔާން." ރިންދާ ބުންޏެވެ.
އެއްޗެހިބަދަލުކުރަން ފައިސަލް ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެލިއެވެ. ލޯމަރާލައިގެން، ފުން ނޭވާލުމުގައި އިރުކޮޅަކު އޮތެވެ. އެހެން އޮތުމުން އިތުރަށް ރަނގަޅުވިއެވެ. ވީމާ މޫނުދޮވެލައިގެން، ނިދާއެއްޗެހި ލައިގެން ނުކުތެވެ. އޭރު އެއް ކަރުދާހުގައި ރިންދާ ނަރޫޓޯގެ މޫނުގެ ބޮޑުބައި ކުރަހައި ނިމިއްޖެއެވެ. ފައިސަލް ނިކަން ކައިރިން އެ ކުރެހުމަށް ބަލައިލިއެވެ.
"އައްދެ! ޑެޑީ ވެސް ހަަމަ އެހެން ކުރަހާލަފާނަން. ތީ ކާކަށް ނުވާނެކަމެއް؟" ފައިސަލް އެހެން ބުނުމުން ރިންދާއާއި ޒިޔާން ހީނގަތެވެ. "ދަރިފުޅު ހީކުރީ ސަމާސަޔަކަށް ކަމަށްތަ؟ ޕޭޕަރއާ ޕެންސިލަކާ ގެނޭ! ޑެޑީ ކުރަހާލާނީ ރިންތަ."
ލާނެތް ގޮތަކަށް ރިންދާ ހީނގަތެވެ. ޒިޔާން ކުރަހާ ފޮތް ގެނައުމުން ފައިސަލް ކުރަހަންފެށިއެވެ. ރިންދާ އަރިވެފައި ބަލަން އުޅުނެވެ.
"ނިމެންދެން މަޑުކުރޭ!" ފައިސަލް އެދުނެވެ. "ތި ދެ ކުދިން ކުރިޔަށް ގެންދޭ!"
ކުރެހި އެތި ނިންމުމުގެ މަސައްކަތް ރިންދާ ފެށިއެވެ. ފައިސަލް އިނީ ފައިސަލްގެ މޫނު ފޮރުވޭ ވަރަށް ފޮތް ހުރަސްކޮށްގެންނެވެ.
"ރިންތަ ކިހިނެއް ތިހާ މޮޅަށް ކުރަހަން ދަސްކުރީ؟" ޒިޔާން އިނގެރޭސިން އެހިއެވެ.
"ރިންތަ ކިޔަވަން އުޅުނު އިރު، މުޅި ކްލާހުގަ ވެސް ނުހުންނާނެ ރިންތަހާ ރީތިކޮށް ކުރަހާ ކުއްޖެއް،" ރިންދާ ދިވެހިން ޖަވާބުދިނެވެ. "ބައެއް ކުދިން އަންނާނެ ކުރަހަން ދަސްކުރަން ވެސް."
ކުއްލިއަކަށް ފައިސަލްގެ އަތަށް ބާރުގަނޑެއް އެރިއެވެ. ހީވީ މީހަކު އަތުގައި ހިފިހެންނެވެ. ފަންސޫރުގައި ހިފުނީ ކުޑަ އިރު ހިފާހެންނެވެ. އަތް ހަރަކާތްކުރަން ފެށިއެވެ. ފައިސަލްގެ ބާރަކާ ނުލައެވެ.
ނުނިމޭ