ދުނިޔޭގެ ޗަކަބިމާއި ކުޅީގެ ދުވަސް ފުވައްމުލަކުގައި
ދުނިޔޭގެ ޗަކަބިމާއި ކުޅީގެ ދުވަސް ފުވައްމުލަކުގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ، ދުނިޔޭގެ ޗަކަބިމާއި ކުޅީގެ ދުވަސް ފުވައްމުލަކުގައި ފާހަގަކުރާ ގޮތަށް ނިންމައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނިގޮތުގައި ފެބުރުއަރީ މަހުގެ ދެ ވަނަދުވަހު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މި ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރުދުވަހާއި އާދިއްތަދުވަހު އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ފަޅާއި ކުޅި އާއި ޗަސްބިން ރާއްޖޭގައި ގިނައިރު، އެތަންތަނާ ބެހޭގޮތުން އެކަށީގެންވާ މައުލޫމާތު ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ. އެހެންވެ، ފުވައްމުލަކުގައި ބާއްވާ ހަރަކާތްތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ތަންތަނާ ގުޅޭ މައުލޫމާތު ޒުވާނުންނަށް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗަކަބިމާއި ކުޅީގެ ދުވަސް ފާހަގަ ކުރުމަށް ފުވައްމުލަކު ބަންޑާރަ ކިޅި އާއި ދަނޑިމަގު ކިޅީގެ ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕުގައި، އެ ތަންތަނުގައިވާ ދިރުންތަކާއި ކުޅި ބަލަހައްޓާނެ ގޮތާ ގުޅޭގޮތުން މައުލޫމާތުދީ، ހޭލުންތެރިކުރުވާނެ އެވެ.

މި ކޭމްޕުގައި 30 ޒުވާނަކު ބައިވެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި މި ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ނިންމީ ރާއްޖޭގެ އެންމެ ބޮޑު ކުޅިތައް އޮންނަނީ އެ ރަށުގައި އާއި ފުވައްމުލަކުގައި ކަމަށް ވާތީ އެވެ.

ކޭމްޕަށް ފަހު، ދުވަހާ ގުޅޭގޮތުން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. މި ޖަލްސާގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ނިންމައިފަ އެވެ.