ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަތައް ކަރީނާ ދޮގުކޮށްފި
ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަތައް ކަރީނާ ދޮގުކޮށްފި

ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފް އަލީ ޚާން ދާދިފަހުން ލަންޑަންގައި ހޭދަކުރި ޗުއްޓީއަށްފަހު ކަރީނާ ބަނޑުބޮޑުކަމަށް ވާހަކަ ދެކެވެން ފެށި އެވެ. ކަރީނާ ލަންޑަންގައި ޗުއްޓީ ހޭދަކުރަމުންދިޔައީ ބަލިވެ އިނުމުގެ ސަބަބުން އަރާމުކުރަން ވަގުތުކޮޅެއް ހޯދަންކަމަށް އޭރު ވާހަކަ ދެކެވުނެވެ.

ކަރީނާ އާއި ސައިފް ޗުއްޓީ ނިންމާފައި މުމްބާއީ އަށް އައުމާ އެކު އަނެއްކާ މާ ގަދަޔަށް މި ވާހަކަ މީހުން ދައްކަން ފެށި އެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ކަރީނާ ވަނީ މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އޭނާ އިނީ ބަލިވެ ނޫންކަމަށް ބުނެފަ އެވެ.

ކަރީނާ ބުނި ގޮތުގައި އޭނާއަކީ އެއްވެސް ކަމެއް އެއްވެސް އިރެއްގައި ސިއްރުކުރި މީހެއް ނޫން ކަމަށާއި ބަނޑުބޮޑު ނަމަ އެ ވާހަކަވެސް ސިއްރު ނުކުރާނެ ކަމަށެވެ.

ކަރީނާ ދަރިއަކު ހޯދަން އުޅޭ ވާހަކަތައް ދެކެވޭތީ އެކަމާމެދު ބުނަނީ ކީކޭތޯ އިންޑިއާ ޓައިމްސް ނޫހުން ކަރީނާއާ ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ އިރާދަކުރެއްވިއްޔާ ކުއްޖަކު ލިބޭނެ ކަމަށާއި އެކަމަށް އުންމީދުކުރާ ކަމަށެވެ.

ކަރީނާ ބުނީ އޭނާއަކީ އަންހެނަކަށް ވާތީ ދަރިން ލިބެން ވެސް އެދޭނެ ކަމަށާއި ނަމަވެސް މިވަގުތު އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އޭނާ ބަނޑުބޮޑޭ ކިޔައިގެން ދެކެވޭ ދޮގު ވާހަކަތައް ވަރަށް މަޖާކަމަށް ވެސް ކަރީނާ ބުނެފައިވެ އެވެ.