22 ޖުލައި 2023 - 13:09

މާލޭގައި ހިންގާ ސްޕާއެއްގައި ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އަލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު އިންޓެލިޖެންސް އަށް ލިބިފައިވާ ކަމަށާއި އެ މައްސަލާގައި އެންޓި ޓްރެފިކިން ޑިޕާޓްްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރާއި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
"އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައި ވަނީ ނިވާކަން ކުޑަކޮށް ތިއްބާ،" ފުލުހުން ބުންޏެވެ.
އެ މީހުން ކޯޓަށް ހާޒިރު ކުރުމުން ތިން އަންހެނުންނަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އަދި 38 އަހަރުގެ ދިވެހި މީހާ 10 ދުވަހަށް އަދި 39 އަހަރުގެ މީހާ ފަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.
މާލެ ސަރަހައްދުގައި ހިންގާ ގިނަ މަސާޖު ޕާލަރުތަކުގައި ހަށިވިއްކާ މައްސަލަ ވަރަށް ބޮޑެވެ. އެ ސްޕާތަކުން ބިދޭސީ އަންހެނުން ރާއްޖެ ގެނެސް ސޯޝަލް މީޑިއާގައި ވަރަށް ފާޅުގައި ހަށިވިއްކާ ކަމަށް އިސްތިހާރު ވެސް ކުރެ އެވެ.
މި މައްސަލަތައް އިންތިހާ އަށް ގިނަވެފައިވާ އިރު އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާ އޮވެ އެވެ.