އިންޓަ މަޔާމީގައި މެސީ އަށް ހޮލީވުޑް ސްޓައިލްގެ ފެށުމެއް
އިންޓަ މަޔާމީގައި މެސީ އަށް ހޮލީވުޑް ސްޓައިލްގެ ފެށުމެއް

ފްލޮރިޑާ (ޖުލައި 22) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެމެރިކާގެ އެމްއެލްއެސް ކްލަބް އިންޓަ މަޔާމީ އަށް ކުޅުނު ފުރަތަމަ މެޗުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭގައި ލިބުނު ހިލޭޖެހުމަކުން ގޯލު ޖަހައި އެމެރިކާގައި ހޮލީވުޑް ސްޓައިލް ފަދަ ހުވަފެނީ ފެށުމަކުން ފަށައިފި އެވެ.

އެމެރިކާ އާއި މެކްސިކޯ ލީގުގެ ކްލަބްތައް ކުޅޭ ލީގްސް ކަޕްގައި މިއަދު ހެނދުނު ކުޅުނު އިންޓަ މިއާމީގެ ފުރަތަމަ މެޗުގައި ކުޅުނީ މެކްސިކޯގެ ކްރޫޒް އަޒުލް އާދެކޮޅަށެވެ. ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ރޮބާޓް ޓޭލާ އިންޓަ މިއާމީ އަށް ލީޑު ނަގައިދީފައި ވަނިކޮށް، ދެވަނަ ހާފު ފެށިގެން 10 މިނިޓު ތެރޭ ކޯޗު ޖެރާޑް މާޓީނޯ ވަނީ މެސީ އާއި ސާޖިއޯ ބުސްކެޓްސް ވެސް ކުޅެން އަރުވައިފަ އެވެ.

ކްރޫޒް އަޒުލް އިން ނަތީޖާ އެއްވަރު ކުރީ މެސީ އާއި ބުސްކެޓްސް ކުޅެން ނުކުތްތާ 11 ވަނަ މިނިޓުގައި އޫރިއެލް އަންޓުނާ ކާމިޔާބު ކޮށްދިން ގޯލުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭޖެހުން މެސީ ވަނީ އޭނާގެ މަޝްހޫރު ވާތުފައިން ޖަހައި ބޯޅަ މަތީ ކަނަށް ފޮނުވާލައިގެން، މުބާރާތުގެ ފުރަތަމަ މެޗުން އިންޓަ މަޔާމީ އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފަ އެވެ.

ރެކޯޑް ހަތް ފަހަރު ބެލޮންޑިއޯ ކާމިޔާބު ކޮށްފައިވާ މެސީ، މިއާމީގެ ކެޕްޓަން ބޭންޑް އަޅައިގެން މެޗުން މޮޅުކޮށްދިން ގޯލު ޖެހުމާ އެކު އެ ކްލަބްގެ ޑީއާރުވީ ޕީއެންކޭ ސްޓޭޑީއަމްގައި މެޗުބަލަން އެއްވެ ތިބި ވިއްސަކަށް ހާސް ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާޅު ކޮށްފަ އެވެ.

"އަހަރެމެން ބޭނުންވީ މިހެން ފަށަން، މޮޅަކާ އެކު ސަޕޯޓަރުން އުފާކޮށްދެމުން. މޮޅަކުން މި މުބާރާތް ފެށުން އެއީ ކްލަބަށް އެންމެ މުހިއްމު ކަންތައް މިވަގުތު، ނަސީބާ ވެސް އެކު އަހަރެމެންނަށް މިކަން ކުރެވުމުން މިހުރީ ވަރަށް އުފަލުން،" މެޗަށް ފަހު މެސީ ބުންޏެވެ.

"ލީގުގައި ޓީމު މިހާރު އޮތް ހާލަތަށް ބަލާއިރު މި މެޗުން މޮޅުވުމުން ކްލަބްގެ ކުޅުންތެރިންނަށް އިިތުބާރެއް ލިބޭނެ ލީގު މެޗަށް ދާއިރު."

މި މެޗުގެ ކުރިން ލީގުގައި އިންޓަ މިއާމީ އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް މޮޅެއް ނުވެ އެވެ. އޭގެ ތެރެއިން އަށް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

އިންޓަ މިއާމީގެ ވެރިޔާ އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިތުރުން، އެންބީއޭ ލެޖެންޑް ލެބްރޯން ޖޭމްސް އާއި އަންހެން ޓެނިސް ލެޖެންޑް ސެރީނާ ވިލިއަމްސް އާއި މީޑިއާ ޕާސަނާލިޓީ ކިމް ކާޑޭޝިއަން ވެސް ވަނީ އިންޓަ މިއާމީގެ މި މެޗް ބަލަން ދަނޑަށް ވަދެފަ އެވެ.

"ހަގީގަތުގައި ހިލޭޖެހުން ލިބުނު ހިސާބުން އަހަރެންނަށް ވިސްނުނީ މިއީ އޭ މެޗު ނިންމަންވީ ގޮތަކީ. ހާއްސަކޮށް ދަނޑުމަތީގައި ލިއޯ [މެސީ] އާއި ސާޖިއޯ [ބުސްކެޓްސް] ފަދަ ކުޅުންތެރިން ތިބީމައި،" ކުރީގެ މިޑްފީލްޑަރު ބެކަމް އުފަލުން ފެންކަޅި ވެފައި ހުރެ ބުންޏެވެ.

"ސަޕޯޓަރުންނާ މެދު ވަރަށް އުފަލުން މިހުރީ، އެންމެން ދަނޑަށް އައިސް ތިބީ ލިއޯ [މެސީ] ގެ ކުޅުން ބަލަން. އޭނާ މިތިބަ ސަޕޯޓަރުންގެ ހުވަފެނެއް ހަގީގަތަކަށް ހަދައިދީފި. މިއީ މި ގައުމަށާއި ލީގަށް ވެސް އައި މުހިއްމު ވަގުތުކޮޅެއް."

އެންމެ ފާހަގަ ކޮށްލެވުނީ، ފާއިތުވި އަހަރެއްހާ ދުވަސް ވަންދެން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރެއްގެ ގޮތުގައި ހުރި ޔޫޓިއުބް ޕާސަނާލިޓީ އައިޝޯސްޕީޑް ވެސް ދަނޑުގައި މެޗު ބަލަން ހުރި ކަމެވެ. ރޮނާލްޑޯގެ ޕޯޗުގަލް ޖޯޒީގައި މެޗު ބަލަން ހުރި އައިޝޯސްޕީޑް ވަނީ މެސީ ގޯލު ޖެހުމާ އެކު ރޮނާލްޑޯގެ ޖޯޒީ ބާލައިފަ އެވެ. އޭނާ ހުރީ އެ ޖޯޒީގެ ދަށުން މެސީގެ އިންޓަ މިއާމީ ޖޯޒީއެއް ލައިގެންނެވެ.