22 ޖުލައި 2023 - 11:25

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހެނދުނު 9:00 އިން ފެށިގެން އޮގަސްޓު 7 ގެ 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ ދަރުބާރު ގޭގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒާއި އީސީއަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ވެސް ބަޔާން ކޮށްފަ އެވެ.
- ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
- މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
- އުމުރުން 35 އަހަރުވެފައިވާ މީހަކު ކަމުގައިވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
- އަދާ ކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ އެ ދަރަނި ހަލާސް ނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައިވުން
- އެ މީހަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތެއް ނަމަ 1500 މީހުންގެ ތާއީދު އޮތް ކަން ހާމަ ކުރާ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
އީސީން ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު 9 ގަ އެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ނިންމާފައި ވަނީ އެ މަހު 15 ގެ ކުރިންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވައިލި އިރު މިހާތަނަށް ރިޔާސީ ޓިކެޓު ހަވާލު ކުރައްވައި ކެމްޕެއިން ފައްޓަވާފައި ވަނީ ހަތަރު ޕާޓީއަކުންނެވެ. އެއީ އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް އިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީން އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އެވެ. މީގެ އިތުރުން ދަ ޑިމޮކްރެކްޓްސް ޕާޓީގެ ފަރާތުން ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލާފައިވާ އިރު އެކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އޭނާގެ ކެމްޕެއިން ފައްޓަވައިފަ އެވެ.
މި ބޭފުޅުންގެ ތެރެއިން ޔާމީނަށް ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތެއް ގެއްލިފަ އެވެ. އެހެން ނަމަވެސް އެ ޕާޓީން ބުނެފައި ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިނުގެންފި ނަމަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުންޏެވެ.