އެމެރިކާއިން އުފައްދާ ޗިޕް ރަޝިއާއަށް ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ
އެމެރިކާއިން އުފައްދާ ޗިޕް ރަޝިއާއަށް ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ

އެމެރިކާއިން އެޅި ހަރުކަށި ފިޔަވަޅުތަކާ ހެދި، ޗިޕް ނުވަތަ ސެމީކޮންޑަކްޓަރު ރަޝިޔާއަށް އެކްސްޕޯޓު ކުރުން ހުއްޓާލުމާ އެކު ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް އެ ތަކެތި ގިނަ އަދަދަކަށް ފޮނުވަން ފަށައިފި އެވެ.

ބޭރުގެ ބައެއް މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އެމެރިކާގައި އުފައްދާ ޗިފް ރަޝިއާއަށް އެތެރެ ކުރާ ޓްރާންސިޓް ގައުމަކަށް މިހާރު ރާއްޖެ ވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިޔާއަށް ގާތްގަނޑަކަށް ހަތަރު ލައްކަ ސެމީކޮންޑަކްޓަރު ރާއްޖެ މެދުވެރިކޮށް ފޮނުވާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) ގެ މުދަލެވެ.

މިދިޔަ އަހަރު ރާއްޖެއިން ވަނީ 280 މިލިއަން ޑޮލަރު (4.3 ބިލިއަން ރުފިޔާ) ގެ މުދާ އެކްސްޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން 20 ޕަސެންޓަކީ ރަޝިޔާއަށް އެކްސްޕޯޓު ކުރި ސެމީކޮންޑަކްޓަރެވެ. ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓު ކުރި ސެމީކޮންޑަކްޓަރުގެ އަދަދު ވަނީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ވަނީ ރަޝިޔާގެ ގައުމީ އެއާލައިން އޭރޯފްލޮޓް އިން މާލެ އާއި މޮސްކޯއާ ދެމެދު ދަތުރުތައް ވެސް ފެށި އެވެ. އެ ދަތުރުތައް ފެށީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން ރަޝިޔާއަށް ސެމީކޮންޑަކްޓާ ފޮނުވުމުގައި ބޭރުގެ 14 އެކްސްޕޯޓަރަކު ހަރަކާތްތެރިވެ އެވެ. އޭގެ ތެރެއިން 80 ޕަސެންޓު ސެމީކޮންޑަކްޓަރު ފޮނުވަނީ ލަަންޑަންގެ މައިކައިންސް ކޯޕް އިންނެވެ. އެ ކުންފުނިން ވަނީ 40 މިލިއަން ޑޮލަރުގެ ސެމީކޮންޑަކްޓަރު ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް އެކްސްޕޯޓުކޮށްފަ އެވެ.

މައިކައިންސް އިން ވަނީ ރަޝިޔާއަށް މިދިޔަ އޭޕްރީލް މަހު ވެސް 1.2 ބިލިއަން ޑޮލަރުގެ އިލެކްޓްރޯނިކް އިކުއިޕްމެންޓް ފޯރުކޮށްދީފަ އެވެ. ދެވަނައަށް ސެމީކޮންޑަކްޓަރު ފޯރުކޮށްދެނީ ހޮންގްކޮންގްގެ ކުންފުންޏެއް ކަމުގައިވާ ޕިކްސަލް ޑިވައިސަސް އިންނެވެ.

ރާއްޖެއިން ރަޝިޔާއަށް ރީއެކްސްޕޯޓު ކޮށްގެންނާއި ޓްރާންސްޝިޕްމެންޓް ކޮށް ވެސް މުދާ ފޮނުވަ އެވެ. ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުން ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ގެ މުދާ ރަޝިޔާއަށް ފޮނުވާފައިވަނީ ރީއެކްސްޕޯޓު މުދަލުގެ ގޮތުގަ އެވެ. އަދި ބާކީ މުދާ ފޮނުވަނީ ޓްރާންޝިޕްމެންޓްގެ ގޮތުގަ އެވެ. ޓްރާންސްޝިޕްމެންޓްގެ ގޮތުގައި ފޮނުވާ މުދަލުގެ ކްލިއަރެންސްގެ މަސައްކަތް ރާއްޖޭގެ ކަސްޓަމްސް އިން ނުކުރާނެ އެވެ.