21 ޖުލައި 2023 - 09:02

މިއަދު ނުކުންނަ ހޮލީވުޑްގެ "ބާބީ" ފިލްމަށް އޮތް ފޯރި ވަރަށް ގަދަ އެވެ؛ ރާއްޖޭގައި ވެސް މެ އެވެ.

ޓިކްޓޮކުން ވިދާލައި ދިވެހި ސިމަނާގެ އުދަރެހުގައި ވިދަމުން އަންނަ ތަރި، އާމިނަތު ރަޝްފާ (އާޝާ)ގެ އެންމެފަހުގެ ފޮޓޯޝޫޓުން ވެސް މި ފޯރި އެބަ ފެނެ އެވެ. އާޝާ ވެސް "ބާބީ" އަކަށް ވީ އެވެ.

ބައިސްކޯފް ސްޓޫޑިއޯގައި ބޭއްވި މި ފޮޓޯޝޫޓްގެ ފޮޓޯތައް އާޝާ ވަނީ މިއަދު އިންސްޓަގްރާމް ކޮށްފަ އެވެ.
މިއީ "ބާބީ" އަށް އޮތް ލޯތްބާއެކު، އެންމެ ދުވަހަކުން ނިންމާލި މަސައްކަތެކެވެ.
މި ފޮޓޯޝޫޓްގައި އާޝާގެ "ބާބީ" އައުޓްފިޓް ޑިޒައިން ކުރި، ފެޝަން ޑިޒައިނަރު ނޫރާ ރަޝީދު ބުނި ގޮތުގައި އެއީ އެންމެ ހަތަރު ގަޑިއިރު އޭނާ ޑިޒައިންކުރި ހެދުމެކެވެ. އަދި އެ ސެޓް ހަދަން ނެގީ ތިން ގަޑިއެއްހާއިރެވެ.
"ބާބީ ޕްރިމިއާކުރާތީ ހަމަޖެއްސި ޝޫޓެއް ހަމަ،" އޭނާ ބުންޏެވެ.
އާޝާގެ މޭކަޕް ކޮށްދިނީ ހަސަން އާދަމް (މޭކަޕް ހަސަން) އެވެ. ސެޓް ޑިޒައިންކުރީ ނޫރާއާ އެކު، ނާއިޝާ ނާޝިދު އަދި ހަސަނެވެ. ފޮޓޯތައް ނެގީ، ފޮޓޯގްރާފަރު އަހްމަދު ސުހައިލެވެ.
ގްރޭޓާ ގާވިގް ޑައިރެކްޓުކޮށް ގެނެސްދޭ "ބާބީ" ފިލްމަށް ކްރިޓިކުން ތައުރީފު އޮތީ އޮއްސާލައިފަ އެވެ. މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާކުރި ހޮލީވުޑް ފިލްމަށް ވެސް އޮތީ ވެފަ އެވެ.
"ބާބީ"ގެ ލީޑު ރޯލު ނުވަތަ ބާބީގެ ރޯލު ކުޅެނީ މާގޯ ރޯބީ އެވެ. އަދި ކެންގެ ރޯލު ކުޅެނީ ރަޔަން ގޯސްލިން އެވެ.