20 ޖުލައި 2023 - 18:42

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ޖުމްހޫރީ މައިދާނުގައި މުޒާހަރާކުރި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގްރީން ޒޯނަށް އެއްވި ބަޔަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި ކަމެއް ނުބުނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭފުޅުންގެ ތެރޭގައި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ހިމެނިވަޑައިގަންނަވަ އެވެ.
އެ ބޭފުޅުންގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
"އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ މުޒާހަރާކޮށް އަދި ފުލުހުންގެ ގާނުނީ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ޖުމްހޫރީ މައިދާނުން ހަތް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ. އޭގެ ތެރޭގައި މަޖިލީހުގެ ހަތަރު މެންބަރުން ހިމެނޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
ގާނޫނުގައިވާ ގޮތުން، ގްރީން ޒޯނަކީ އެއްވުން މަނާ ސަރަހައްދެެކެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަން ވަގުތު ކުޑަތަން ވެފައި ވާއިރު ޕީޕީއެމް/ޕީއެންސީން ބުނަމުން ދަނީ ކެންޑިޑޭޓަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ކަމަށެވެ. އެ މަނިކުފާނުގެ މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވިޔަސް އަންނަ މަހުގެ ހަތް ވަނަ ދުވަހު، އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އެ މައްސަލަ ނިމެނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަދި ކްރިމިނަލް ކޯޓުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ އެހެން ދައުވާއެއް ޔާމީންގެ މައްޗަށް އުފުލައި އެ މައްސަލަ މިހާރު ވަނީ ނިމުމަކާ ހަމަޔަށް ގޮސްފަ އެވެ.