މަޝްހޫރު ދިލްމާ ބްރޭންޑްގެ ފައުންޑަރު މަރުވެއްޖެ
މަޝްހޫރު ދިލްމާ ބްރޭންޑްގެ ފައުންޑަރު މަރުވެއްޖެ

މަޝްހޫރު ސައިފަތް އުފައްދާ ކުންފުނި ދިލްމާގެ ފައުންޑަރު މެރިލް ޖޭ ފެނާންޑޯ މަރުވެއްޖެ އެވެ.

އުމުރުން 93 އަހަރުގައި އޭނާ މަރުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސްރީލަންކާގެ ކޮލޮމްބޯގަ އެވެ.

މުޅި ދުނިޔޭގައި ވެސް މަޝްހޫރު ދިލްމާ އަކީ، ފެނާންޑޯގެ މުޅި ދިރިއުޅުން ހޭދަކުރި ބްރޭންޑެވެ. އޭނާ ކުޑައިރުއްސުރެ މަރުވުމާ ހަމައަށް ދުވަސްތައް ހޭދަކޮށްފައި ވަނީ ސައިފަތް ހެއްދުމާއި ސައިފަތް އުފެއްދުމުގަ އެވެ. ލަންކާގައި އުފައްދާ ސައިފަތް މުޅި ދުނިޔެ އަށް ފޯރުކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. ދިލްމާގެ ނަމުގައި އޭނާ ސައިފަތް ކުންފުންޏެއް އުފެއްދީ 1985 ވަނަ އަހަރު އެވެ.

ދިލްމާ އަކީ ދުނިޔޭގައި އެންމެ ފުރަތަމަ ސައިފަތް ހައްދާ ދަނޑުން ހޭންޑް ޕިކްކޮށް އަދި ޕެކެޓްކޮށް ސައިފަތް ނެރެ ވިއްކަން ފެށި ކުންފުންޏެވެ. އެ ކުންފުނި ހިންގުމުގެ އިސް މަގާމުތަކުގައި މިހާރު މަސައްކަތްކުރަމުން ދަނީ އޭނާގެ ދެ ފިރިހެން ކުދިންނެވެ.

ދިލްމާ ސައިފަތަކީ ދިވެހިިންގެ މެދުގައި ވެސް މަގުބޫލު ސައިފަތެކެވެ.