20 ޖުލައި 2023 - 13:04

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށާއި މޮނިޓާކުރުމަށް ޝައުގުވެރިވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހު 13 އެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. ފޯމު އީމެއިލް ކުރާނީ[email protected]އަށެވެ. އީސީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ވޯޓުލާ މީހުންގެ ރީ-ރެޖިސްޓްރޭޝަނަށް ވެސް ހުޅުވާލައިފައިވެ އެވެ. އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ރީ-ރެޖިސްޓަރީ ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.
ރިޔާސީ އިންތިހާބަށް އެ ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު، އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ އެވެ. އެ ފޯމު ބަލައިގަތުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތެކެވެ.