19 ޖުލައި 2023 - 18:06

ބަންގްލަދޭޝްގެ ފުޓްބޯލް ފެޑެރޭޝަންގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ ޕޯލް ތޯމަސް ސްމޯލީ އެފްއޭއެމްގައި މަސައްކަތް ކުރަން ފަށައިފި އެވެ.
އިންގްލެންޑަށް ނިސްބަތްވާ، ސްމޯލީ ރަސްމީކޮށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ އަދި އައްޔަނެއް ނުކުރެ އެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެ އައިސް މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ފުޓްބޯޅައިގައި މަސައްކަތް ކުރާ ތަޖުރިބާކާރުންނާ އެކު އޭނާ ވަނީ އިއްޔެ ބައްދަލުވުންތަކެއް ބާއްވާފަ އެވެ.
ބަންގްލަދޭޝްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރި، ސްމޯލީ، އެ ގައުމުގެ އެފްއޭއެގެ މަގާމުން އިސްތިއުފާ ދިނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އިންގްލެންޑްގެ ނޮޓިންހަމް އަށް އުފަން ސްމޯލީ ވަނީ އެ ގައުމުގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކުޅެފަ އެވެ. ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ބުރުނާއީ ދާރުއްސަލާމާއި ބަންގްލަދޭޝްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި އެ ގައުމުގެ 20 އަހަރުން ދަށުގެ ޓީމަށް ކޯޗު ކޮށްދީފަ އެވެ.
ބަންގްލަދޭޝްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އޭނާ ފުރީ އަންހެން ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންނެވެ.
ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ބުނަނީ، އޭނާ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ އެނާގެ މުސާރަ ބޮޑުކޮށްދޭން ބަންގްލަދޭޝްގެ އެފްއޭއިން ބޭނުން ނުވުމުން ކަމަށެވެ. އެކަމަކު ބަންގްލަދޭޝްގެ މީޑިއާ އާ ވާހަކަ ދައްކަމުން އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. ބަންގްލަދޭޝްގެ އެފްއޭއިން އޭނާ އަށް މުސާރައިގެ ގޮތުގައި ދިނީ މަހަކު ގާތްގަނޑަކަށް 15،000 ޑޮލަރު (231،300 ރުފިޔާ) އެވެ.
ބަންގްލަދޭޝްގެ މީޑިއާތަކަށް އޭނާ ބުނީ މަގާމުން އިސްތިއުފާ ދޭން ނިންމީ އޭނާގެ ހުށަހެޅި ކަންކަން ރަނގަޅު ކުރަން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން ކަމަށެވެ.
"މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބީއެފްއެފް [ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަން] ގެ ރައީސާ އެކު އަހަރެން ކުރި މަޝްވަރާތަކުގައި އެދުނިން ބީއެފްއެފްގެ އޮޕަރޭޝަންތަކަށް ބަދަލުގެންނަން. ހާއްސަކޮށް ބައެއް ޑިޕާޓްމަންޓްތަކުގެ މަގާމުތަކަށް ބަދަލުތައް ގެންނަން އަހަރެން ބޭނުންވި. އެ ކަންކަން ތަންފީޒު ކުރުމަށް ވަގުތު ދިނުމަށް އޭނާ އެދުނު. ނަމަވެސް އެ މައްސަލަތައް އަދި މިހާތަނަށް ވެސް ހައްލު ނުވާތީ އިސްތިއުފާ ދޭން ނިންމީ،" ބަންގްލަދޭޝްގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ސްމޯލީއަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ތިންވަނަ ޓެކްނިކަލް ޑައިރެކްޓަރެވެ. ބައްސާމްގެ ފުރަތަމަ ދައުރުގައި ތުރުކީގެ ޖޭން ވަންލީ އެ މަގާމު ފުރި އެވެ. އެ ދައުރުގެ ފަހުކޮޅުގައި އިންގްލެންޑް ޖުދާން އަލީ ވެސް ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާކުރި އެވެ.
ނަމަވެސް އެއިން އެއްވެސް ތަޖުރިބާކާރަކަށް އެކަށީގެންވާ މަސައްކަތެއް ރާއްޖޭގައި ނުކުރެވުނެވެ.