20 ޖުލައި 2023 - 07:17

ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމަކާއި ކެޓްރީނާ ކައިފްގެ ލީޑު ރޯލު ކުޅޭ ފިލްމެއް އެއް ދުވަހަކު ރިލީޒްކުރާ ގޮތަށް ހަމަޖެއްސުމުން ކަރަން ހިތްހަމަނުޖެހިއްޖެ އެވެ.
ކެޓްރީނާ ކައިފް އާއި ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު ތަރި ވިޖޭ ސެތުޕަތީގެ ކްރައިމް ތުރިލާ ފިލްމު "މެރީ ކްރިސްމަސް" ފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ ޑިސެމްބަރު 23 ގަ އެވެ. ނަމަވެސް، މި ހަފުތާގައި ފިލްމު އަޅުވާ ދުވަސް ޑިސެމްބަރު 15 އަށް ވަނީ އަވަސްކޮށްފަ އެވެ.
އެއީ ކަރަން ޕްރޮޑިއުސްކުރާ އަދި ސިދާތު މަލްހޯތުރާ ލީޑު ރޯލު ކުޅޭ ފިލްމު "ޔޯދާ" ވެސް ރިލީޒްކުރާ ދުވަހެވެ. އެހެންވެ، ބޮޑު ދެ ފިލްމު އެއް ދުވަހަކު ޕްރިމިއާކުރާތީ ކަރަން ހިތްހަމަނުޖެހުނީ އެވެ.
"ފޯނު ކޯލެއް ވެސް ކޮށް ނުލައި އެއް ދުވަހަކަށް ފިލްމުތައް އަޅުވަން އުޅުމަކީ ސްޓޫޑިއޯތަކާއި ޕްރޮޑިއުސަރުންނަށް ކުރިއަށް ދެވޭނެ ގޮތެއް ނޫން. ފިލްމު ތިއޭޓަރުތަކަށް ދަތި އަދި ގޮންޖެހުން ބޮޑު މިކަހަލަ ދުވަސްވަރެއްގައި އެގޮތަށް ކަންތައް ކުރުމަކީ އެކުގައި މަސައްކަތްކުރުމަށް އޮތް ހުރަހެއް،" ކަރަންގެ ތުރެޑްސްގައި ބުންޏެވެ.
އެކްޝަން ފިލްމެއް ކަމަށްވާ "ޔޯދާ"ގައި ސިދާތުއާ އެކު މުހިންމު ރޯލުތައް ކުޅެނީ ދިޝާ ޕަޓަނީ އަދި ރާޝީ ކަންނާ އެވެ.