19 ޖުލައި 2023 - 15:30

މި ސަރުކާރުގެ މިދިޔަ ފަސް އަހަރަކީ ފަހުގެ ތާރީހެއްގައި އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ހއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތުރާކުނު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވެނީ މުޖްތަމައު އަމާންކޮށް ކުރިއަށް ގެންދެވޭތީ ކަމަށެވެ.
"މި ވޭދުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ފުލުހުން ރިޕޯޓްތަކުން ދައްކާ. ކުރިއަށް އޮތް ފަސް އަހަރުގައި އެ އިންސައްތަ ކުރިއަށްވުރެ ދަށް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެންމެ މުހިންމު ސިޔާސަތަކަށް ވާނީ ރާއްޖެއަކީ އަމާން ތަނަކަށް ހެދުން ކަމަށެވެ.
މި ސަރުކާރުން ކުދި ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މިހާތަނަށް އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނުކޮށް ހުރި ކަމަށެވެ.