19 ޖުލައި 2023 - 09:20

ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގަންގް އާންމުންނަށް ނުފެނި "ގެއްލިގެން" ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި އެވެ.
އުމުރުން 57 އަހަރުގެ ޗިން، އާންމު އެއްވެސް ހަރަކާތަކުން ނުފެންނަތާ 23 ދުވަސް ވަނީ ވެފަ އެވެ. އޭނާ އެންމެ ފަހުން އާންމުންނަށް ފެނުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި ޗިން އަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެކެވެ.
ޗިން ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، ބޭރު ގައުމުތަކުގެ ހާރިޖީ ބޭފުޅުންގެ އިތުރުން ޗައިނާގެ އާންމުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
ޗިންއާ ގުޅޭ މައުލޫމާތެއް ދޭން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާއޯ ނިންގް އަރިހުގައި މިދިޔަ ހޯމަ ދުވަހު ނޫސްވެރިން އެދުމުން ވިދާޅުވީ، އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.
ޗައިނާގެ ދައުލަތް ހިންގުމުގެ ނިޒާމު އޮންނަ ގޮތުން، ސަރުކާރުގެ އޮފިޝަލަކު މިފަދަ ގޮތަކަށް "ގެއްލުމަކީ" ނުރައްކާތެރި ސިގްނަލެކެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާއޯ ދެއްވި ފަނޑު ޖަވާބުގެ ސަބަބުން ޗިންގެ ހާލަތާ މެދު އޮތް ޝައްކުތައް ވަނީ އިތުރުވެފަ އެވެ.
ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ވީ ގޮތެއް ނޭނގި ކުއްލި ގޮތަކަށް ގެއްލުމަކީ އެ ގައުމުގައި އާ ކަމެއް ނޫނެވެ. އާންމުކޮށް މިގޮތަށް ގެއްލޭ ބޭފުޅުން، އާންމުންނަށް ފެނުމަށް ފަހު، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ވެސް ހިންގާފައި އެބަހުއްޓެވެ.
ޗައިނާގެ ރައީސް ޝީ ވެސް 2012 ވަނަ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ދެ ހަފުތާ އަށް ގެއްލުނެވެ. އެ ފަހަރު އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ދެރަވުމުގެ އިތުރުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި މައްސަލަ ޖެހިފައިވާ ކަމުގެ ވާހަކަތަކެއް ވެސް އަޑުއިވުނެވެ.
މިދިޔަ ހަފުތާގައި ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ، އިންޑޮނޭޝިއާގައި ބާއްވާ ޑިޕްލޮމެޓިކް ޖަލްސާއެއްގައި ޗިން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިއުލާންކޮށްފަ އެވެ.
އޭގެ ފަހުން ޗައިނާގެ ފޮރިން މިނިސްޓަރާއި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެޕް ބޮރެލްގެ މަޝްވަރާތައް ވެސް ފަސްކުރީ ސީދާ ސަބަބެއް ނުދީ އެވެ.
އެކަން ބޮރެލްގެ ޓީމަށް ޗައިނާ ސަރުކާރުން އެންގީ އެ މަނިކުފާނު ޗައިނާ އަށް ވަޑައިގެންނެވުމަށް އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށެވެ.
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑޫޓާޓޭ އާއި ރައީސް ޝީގެ މިދިޔަ ހޯމަ ދުވަހުގެ ބައްދަލުވުމުން ވެސް ޗިން ފެނިފައެއް ނުވެ އެވެ.