ފެއިލްވީ ކަމަކަށް ގަބޫލެއް ނުކުރޭ، އެކަމަކު ވިދާޅުވީ ގޯލް އަދި ޖެހޭނީ ބައިކޮޅަށްކަމަށް
ފެއިލްވީ ކަމަކަށް ގަބޫލެއް ނުކުރޭ، އެކަމަކު ވިދާޅުވީ ގޯލް އަދި ޖެހޭނީ ބައިކޮޅަށްކަމަށް

މާލީ ގޮތުން އެފްއޭއެމް ވެއްޓިފައިވާ ހާލަތުން ނެގުމަށް ކުރާ މަސައްކަތުގައި އޭނާގެ ލީޑާޝިޕަށް އަދި ގޯލް ޖެހެނީ ބައިކޮޅަށް ކަމަށް، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ޖޫން މަހު ބޭއްވި ކޮންގްރެސްގައި ބައްސާމް ވިދާޅުވެފައި ވަނީ އޭގެ ހަފުތާއެއް ފަހުން، އެފްއޭއެމް މާލީ ތަނަވަސް ހާލަތަކަށް ދާނެ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ހާލަތަށް ނުގޮސް އެފްއޭއެމް ދިޔައީ އަޑިއަށެވެ.

ބައްސާމް ވިދާޅުވީ، ހަފުތާއެއްގެ ތެރެއިން މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ވިދާޅުވީ އޭރު ކުރަމުން ދިޔަ މަސައްކަތްތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އެކަމަކު މާލީ ގޮތުން ހާލަތު ރަނގަޅު ކުރަން އުޅުނަސް އެކަމަށް ކުރިއެރުމެއް އަދި ނުލިބެނީ އޭގެ ފަހަތުން ފައިސާ ބޭނުންވާ އެހެން ކަންކަން ކުރިމަތިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބަދުވެސް ބެކް ލޮގެއްގައޭ މަސައްކަތް މި ކުރެވެނީ. އެހެންވީމަ އަސްލު ހަގީގަތުގައި އަޅުގަނޑުމެން ކުރިއަށް ކުޅެން ފުރުސަތު ނުލިބިގެންނޭ މި އުޅެނީ. މުޅިން ވެސް ބައިކޮޅު ގޯލާ ދިމާލަށޭ ގޯލް މި ޖެހެނީ. އިދިކޮޅު ގޯލާ ދިމާލަށް ޖެހޭ ވަގުތު އަޅުގަނޑު ދަންނަވާނީ ދެން މި އަންނަނީއޭ،" ބައްސާމް ވިދާޅުވި އެވެ.

"މީ ފޮނި ވާހަކައެއް ނޫން. (މާލީ ގޮތުން ތަނަވަސް ހާލަތަކަށް އެފްއޭއެމް) އަންނަ ކަމަށް އަޅުގަނޑުމެންގެ މަސައްކަތުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ. އެހެންވީމަ ކުރިއަށް އޮތް ތާންގައި އެކަން ފެނިގެންދާނެ."

ސާފް ޗެމްޕިއަންޝިޕްގެ ގޫރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ މި އަހަރު ކެޓުމާއި އެފްއޭއެމް އަޑިއަޅައިލައިފައިވުމުން، އޭނާ ފެއިލްވެއްޖެ ކަމަށް ގަބޫލު ކުރަންތޯ ސުވާލު ކުރުމުން ބައްސާމް ވާހަކަ ފެއްޓެވީ އޭނާގެ ފުރަތަމަ ދައުރުގައި ގައުމީ ފުޓްބޯޅަ ޓީމުތަކުން ހޯދި ކާމިޔާބާ ހިސާބުންނެވެ.

ސީނިއާ ޓީމުން ސާފް ޗެމްޕިއަންޝިޕް 2018 ގެ މުބާރާތް ކާމިޔާބު ކުރުމާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ތިންވަނަ ހޯދުމާއި އަންހެން ފުޓްބޯޅައިގައި އިންޓަނޭޝަނަލް ދެ މުބާރާތުން ހޯދި ލޯ މެޑަލްއަކީ ބައްސާމްގެ ފުރަތަމަ ދައުރުގައި ރާއްޖެއިން ހޯދި ކާމިޔާބުތަކެވެ.

އެކަމަކު އަންނަ އަހަރު ޖުލައިގައި ހަމަވާ އޭނާގެ ދެވަނަ ދައުރުގައި ކަމެއް ނުކުރެވޭ ކަމަށް ބުނަން އަދި ވަގުތު ނުޖެހޭ ކަމަށް ބައްސާމް ވިދާޅުވި އެވެ. ދެވަނަ ދައުގުގައި ކަންކަން ހާސިލު ކުރަން ހުރި ހުރަސްތަކުގެ ތެރޭގައި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދެ އަހަރު އުނދަގޫ ހާލަތު އޭނާ ފާހަގަ ކުރެ އެވެ.

"ހިނގާ މިދިޔަ ދެ އަހަރަށް ނުބަލަމާ. އޭގެ ކުރިއަށް ބަލައިފިއްޔާ ވަރަށް ބައިވަރު ކާމިޔާބުތަކެއް ވެސް އެބަހުރި. މިދިޔަ ދެ އަހަރުތެރޭ ކަންކަން ކުރިއަށް ނުދިޔައީ ކޮން ރީޒަންތަކަކުންކަން އަޅުގަނޑުމެން އެންމެނަށް އެބަ އެނގޭ. އެހެންވީމަ މީގައި މި އުޅެނީ މި ގޮނޑީގައި [އެފްއޭއެމްގެ ރައީސް ކަމުގައި] ހުރި މީހާގެ މައްސަލައެއް ނޫން ކަންނޭނގެ. އޭގެ ވަށައި އެބައުޅޭ ކަންނޭނގެ ދަތިތަކެއް ހުރި ބައިވަރު ކަންކަން."

އެންމެ މައިގަނޑު ކަމަކަށް އެ ދެ އަހަރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެފްއޭއެމް އަށް ކުރިމަތިވި މާލީ ހާލަތު ކަމަށް ބައްސްމާ ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް 2020 ގައި ފީފާއިން ވަނީ އެ އިދާރާގެ މެންބަރު ކޮންމެ ގައުމަކަށް، 500،000 ޑޮލަރު މެންބަރު ގައުމުތަކަށް ދޫކުރާ ބަޖެޓުން ދޫކޮށްފަ އެވެ.

ޖުމުލަ 1.5 ބިލިއަން ޑޮލަރު އެފްއޭއެމްގެ ކަންކަންކަމަށް އެ ފައިސާ ހަރަދުކުރުމުގެ ބަދަލުގައި ފީފާގެ މެންބަރު ގައުމުތަކުގެ މެދުގައި ބެހީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ބޭނުން ކުރާ ރިލީފް ފަންޑެއްގެ ގޮތުގަ އެވެ. އެކަމަކު އޭގެ ބަދަލުގައި އެފްއޭއަމަށް ވެސް ފޮނުވި އެ ފައިސާ ދިނީ ކްލަބްތަކަށް ކަމަށް ބައްސާމް ވިދާޅުވި އެވެ.