18 ޖުލައި 2023 - 17:51

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރި ވެފައި ނޯންނާނެ ކަމަށާއި، މަގާމުން އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކުރިމަތިވި ނާކާމިޔާބަށް ފަހު އެފްއޭއެމުން ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި ބައްސާމް ވިދާޅުވީ އެ އިދާރާގެ ފައިސާ އަށް ހިޔާނާތްތެރި ވެފައި އޮތްނަމަ، ފީފާ އާއި އޭއެފްސީން އިތުރަށް ފައިސާ ދޫ ނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފީފާގެ ޓީމުތައް އައިސް ގަވާއިދުން އެފްއޭއެމް އޮޑިޓް ކުރާ ކަމަށެވެ. އޭނާގެ ދައުރުގައި އަދި މިހާތަނަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ފާހަގަ ވެފައި ނެތް ކަމަށް ބައްސާމް ވިދާޅުވި އެވެ. އެކަމަކު އެ އެސޯސިއޭޝަންގެ ކުރީގެ ވެރިންގެ ދައުރުތަކުގައި އޮޑިޓް ރިޕޯޓްތަކުގައި މައްސަލަ ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ކުރިން އެންގުމަކާ ނުލައި ކުއްލިއަަށް ވެސް ފީފާގެ އޮޑިޓް ޓީމުތައް އައިސް އެފްއޭއެމް އޮޑިޓް ކުރާ ކަމަށެވެ. އެގޮތުން މި ފަހުން އޭނާ ރަށުން ބޭރުގައި ހުންނެވި ވަގުތެއްގައި ވެސް، ކުރިން އެންގުމަކާނުލައި ފީފާގެ ޓީމެއް އައިސް އެފްއޭއެމް އޮޑިޓް ކުރި ކަމަށެވެ. އެ އޮޑިޓް ރިޕޯޓްގައި ވެސް މައްސަލައެއް ނެތް ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އެ މީހުން އައިސް ބެލިބެލުމުން އަޅުގަނޑުމެންގެ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް އޮތީ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ފީފާއިން ކަމަށް ވިޔަސް އޭއެފްސީން ފޮނުވާ ފައިސާ ކަމަށްވިޔަސް އަދި ސަރުކާރުން ދޭ މަދު ފައިސާކޮޅެއް ވިޔަސް ނުރަނގަޅު ގޮތުގައި އެ ފައިސާގައި އަތް ލެވޭނެ ގޮތެއް ނޯންނާނެ. ކުރީގެ ދައުރުތަކުގެ ގޮތެއް އަޅުގަނޑަކަށް ނޭނގެ،" ބައްސާމް ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ޔަގީންކޮށް އަރުވަން، ކުރިއަށް އޮތްތާންގައި ވެސް އެފްއޭއެމްގެ ކޮރަޕްޝަން މައްސަލައެއް އިރާދަކުރެއްވިޔާ ނޯންނާނެ."
އޭނާ ވިދާޅުވީ ގާތްގަނޑަކަށް 30 މިލިއަނުގައި ހުރި އެފްއޭއެމްގެ ދަރަނި މިހާރު ހަ މިލިއަނަށް ކުޑަ ކުރެވިފައިވާ ކަމަށެވެ. މި އަހަރުގެ ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި އެ އަދަދު ވެސް ކުޑަ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސްކަމުގައި މިހާރު އޭނާގެ ދެވަނަ ދައުރު ގުނަމުންދާ ބައްސާމް ވިދާޅުވީ އޭނާ ފެއިލްވީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ފެއިލްވިނަމަ ފުރަތަމަ ދައުރުގައި ގައުމީ ފުޓްބޯޅަ ޓީމުތަކުން ހޯދި ކާމިޔާބު ނުހޯދޭނެކަން ފާހަގަ ކުރެއްވި އެވެ. ދެވަނަ ދައުރު ކަމެއްނުވާ ކަމަށް ނިންމަން އަދި ވަގުތު ނުޖެހޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"ދެވަނަ ޓާމުގައި އަދި ހަމަ މި ކުރިއަށްދަނީ. ވަކި ހިސާބަކުން ކަންނޭނގެ ނިންމަން ޖެހޭނީ އެއްވެސް ކަމެއް ނުވަންޏާ،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭއެމްގެ އިންތިހާބުގައި އޭނާ އަށް ވޯޓް ދިން ކްލަބްތަކުން އޭނާގެ މަގާމުން އިސްތިއުފާ ދޭން އިއުތިރާޒު ނުކުރާހާ ހިނދަކު އޭނާ އިސްތިއުފާ ދޭން ޖެހޭ އެއް ވެސް ސަބަބެއް ނެތް ކަމަށެވެ.
އެފްއޭއެމްގެ އިދާރީ އަދި ޓެކްނިކަލް މުވައްޒަފުންނަށާއި ގައުމީ ޓީމުތަކުގެ ކޯޯޗިން ސްޓާފުންނަށް މުސާރަ ނުދޭ މައްސަލަ ވެސް އޮތީ ފެންމަތި ވެފަ އެވެ.
ބައްސާމް ވިދާޅުވިގޮތުން އެފްއޭއެމް މާލީ ހާލަތު މިހާ ދަށަށް ވެއްޓެން ޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ކުރީ ސަރުކާރުގައި ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް ފޯރުކޮށް ދެމުން ގެންދިޔަ ފައިސާ، މި ސަރުކާރުން ހުއްޓާލުމެވެ.
ކުރީގެ ސަރުކާރުން ވަނީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާ ދީފަ އެވެ. އެކަމަކު މި ސަރުކާރުން ނިންމީ އެ ފައިސާ ނުދިނުމަށެވެ. ބައްސާމް ވިދާޅުވި ގޮތުގައި އެ ފައިސާ ދިނުމަށް އެފްއޭއެމުން ހަވާލުވީ ކުއްލިއަކަށް އެކަން ހުއްޓާލައިފިނަމަ އޭގެ ގެއްލުން ކްލަބްތަކަށް މާ ބޮޑަށް ކުރިމަތި ވެދާނެތީ އެވެ.
އެކަމަކު އެކަން އެފްއޭއެމުން ކުރަން ފެށުމުން، އެ އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރި ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކްލަބްތަކަށް ދޫކުރަން ޖެހޭ ފައިސާ 2021 އަށް ހަމައަށް ވެސް ބަރާބަރަށް ކްލަބްތަކަށް ފޯރުކޮށް ދެވުނު ކަމަށެވެ.
"... ތެދުތެދަށް ދަންނަވާ ކަމުގައިވާނަމަ 2019 ގައި އެފްއޭއެމްގެ ބަޖެޓުން މި ފައިނޭންޝިއަލް ސަބްސިޑީ ނުވަތަ އެސިސްޓެންސް [ކްލަބްތަކަށް] ފޯރުކޮށްދޭން ފެށި ހިސާބުން އެފްއޭއެމްގެ ޑިވެލޮޕްމެންޓް ވަރަށް ބޮޑަށް މަޑުޖެހިގެން ދިޔަ. އަޅުގަނޑުމެން މި ދައްކަނީ 24 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ކްލަބްތަކަށް އެކަނި ދެ ވާހަކަ. އެ އުނދަގޫ އެބައާދޭ."
ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މެދުވެރިކޮށް ދިން ފައިސާ އެފްއޭއެމްގެ އެހެން ބޭނުންތަކަށް ހަރަދު ކުރެވުނު ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ ފައިސާ ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިހާރު އަދާކުރެވުމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒަފުންނަށް ދޭން ހުރި މުސާރަތައް ވެސް ކުރިއަށް އޮތް ދެ ހަފުތާ ތެރޭ އަދާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު ބޭނުމަކީ އެފްއޭއެމްއަކީ އެހެން ބަޔަކަށް ބަރޯސާ ނުވެ ހިންގޭ ވަރުގެ ތަނަވަސް އިދާރާއަކަށް ހެދުން ކަމަށް ބައްސާމް ވިދާޅުވި އެވެ.