ސައުދީ ލީގު މޮޅުކޮށް ރޮނާލްޑޯގެ ފާޑުކިޔުން ޔޫރަޕަށް
ސައުދީ ލީގު މޮޅުކޮށް ރޮނާލްޑޯގެ ފާޑުކިޔުން ޔޫރަޕަށް

ފެރޯ، ޕޯޗުގަލް (ޖުލައި 19) - އޭނާ ސައުދީ އަރަބިއާގެ ޕްރޯ ލީގަށް ބަދަލުވުމުން ފާޑުކިޔުން އަމާޒުވި ކަމަށާއި، މިހާރު ފެންނަ މަންޒަރު ބެލުމުން ސައުދީ ލީގުގެ މިސްރާބު ސާފުވާނެކަމަށް ބުނެ ޔޫރަޕްގެ ފުޓްބޯޅަ އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފާޑުކިޔައިފި އެވެ.

ޔޫރަޕް ފުޓްބޯޅައިގައި ގިނަ ކާމިޔާބުތަކެއް ހޯދުމަށް ފަހު ރޮނާލްޑޯ ސައުދީ ލީގުގެ އަލް ނަސްރަށް ބަދަލުވީ މިދިޔަ ޖެނުއަރީ މަހު އެވެ. ރޮނާލްޑޯއާ އެކު އަލް ނަސްރަށް މިދިޔަ ސީޒަނުގައި ލިބުނީ ދެ ވަނަ އެވެ.

އާ ސީޒަނަށް ތައްޔާރުވާން އަލް ނަސްރުން އަންގާރަ ދުވަހުގެ ރޭ ސްޕެއިންގެ ސެލްޓަ ވީގޯއާ ވާދަކުރި މެޗުން 0-5 އިން ވަނީ ބަލިވެފަ އެވެ. މެޗުގައި ރޮނާލްޑޯ ކުޅުނީ ފުރަތަމަ ހާފުގަ އެވެ. ޕޯޗުގަލްގައި ކުޅުނު މެޗުގައި ސެލްޓާގެ ފަސް ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ރޮނާލްޑޯ ވަނީ ސައުދީ ލީގަށް ތައުރީފްކޮށް ޔޫރަޕް ފުޓްބޯޅަ އަށް ފާޑުކިޔައިފަ އެވެ.

"އަހަރެއްގެ ތެރޭ ސައުދީ ލީގުން ތުރުކީ ލީގާއި ނެދަލެންޑްސް ލީގު ފަހަތައް ޖައްސާލާނެ. ދުނިޔޭގެ މަތީ ފަންތީގެ ކުޅުންތެރިން އަދިވެސް ސައުދީ އަށް އަންނާނެ. ސައުދީ ކުޅުންތެރިން އަންނާނެ ދޮރު އަހަރެން ހުޅުވައިދިނީ. މިހާރު ހުރިހާ ކުޅުންތެރިން އެ އަންނަނީ މި ލީގަށް" އޭނާ އަށް ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅޭގޮތުން ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާ ސައުދީ ލީގަށް ބަދަލުވުމުގެ އެއް ވިސްނުމަކީ ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން އެ ލީގަށް ގެނައުން ކަމަށެވެ. މަޝްހޫރު އަދި ޒުވާން ކުޅުންތެރިން ސައުދީ ލީގަށް ބަދަލުވުމުގެ މައިގަނޑު ސަބަބަކީ ވެސް އޭނާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ފުޓްބޯޅަ ކެރިއަރު ނިންމާލާނީ އޭނާގެ ފުރަތަމަ ކްލަބް ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ކަމަށް ހީކުރެވުނަސް، ރޮނާލްޑޯ ބުނީ ދެން ޔޫރަޕްގެ ފުޓްބޯޅައިން ނުފެންނާނެ ކަމަށެވެ.

"ސަތޭކަ ޕަސެންޓް އަހަރެން ދެން ޔޫރަޕްގެ ކްލަބަކުން ނުފެންނާނެ. އަހަރެންނަށް މިހާރު 38 އަހަރު. ޔޫރަޕް ފުޓްބޯޅައިގެ ކޮލިޓީ މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ދަށްވެއްޖެ. ރަނގަޅަށް އޮތީ ހަމައެކަނި އިނގިރޭސި ޕްރިމިއާ ލީގު. އެ ލީގު އޮތީ އެހެން ލީގުތަކަށް ވުރެ މާބޮޑަށް ވެސް ކުރީގަ" ޔޫރަޕްގެ ފުޓްބޯޅަ އަށް ފާޑުކިޔަމުން ރޮނާލްޑޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ރޮނާލްޑޯ ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށެވެ. ރޮނާލްޑޯ ބުނީ އިޓަލީ އަށް ބަދަލުވިއިރު އެ ގައުމުގެ ލީގު އޮތީ "މަރުވެފައި" ކަމަށެވެ. އޭނާ ޔުވެންޓަސް އަށް ބަދަލުވިފަހުން ލީގަށް ކުރިއެރުން ލިބުނު ކަމަށް ރޮނާލްޑޯ ބުންޏެވެ.

ސައުދީ ލީގުގެ ޓީމުތަކުން މިހާރު އަންނަނީ ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ. ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް ސައުދީ ލީގަށް ބަދަލުވި ކުޅުންތެރިންގެ ތެރޭގައި ކަރީމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭ، ރޮބާޓޯ ފިރްމީނޯ އަދި މާސެލޯ ބްރޮޒޮވިޗް ފަދަ ތަރިން ހިމެނެ އެވެ. އެކަމަކު އެ ލީގުން ގެންނަން އަމާޒުހިފި ލިއޮނެލް މެސީ ބަދަލުވީ އެމެރިކާގެ އިންޓަ މަޔާމީ އަށެވެ.

"އެމެރިކާ ލީގަށް ވުރެ ސައުދީ ލީގު މޮޅު" ދުނިޔޭގެ ވަރުގަދަ ފަސް ލީގުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ސައުދީ ލީގާއި ގުޅޭގޮތުން ރޮނާލްޑޯ ބުންޏެވެ.