އެމްއައިބީގެ ބިޒްނަސް ސެންޓަރު ހުޅުވައިފި
އެމްއައިބީގެ ބިޒްނަސް ސެންޓަރު ހުޅުވައިފި

އެމްއައިބީއިން އެ ބޭންކުގެ އާ ބިޒްނަސް ސެންޓަރެއް ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުވީ ބޮޑުތަކުރުފާނުމަގުގައި މީގެ ކުރިން ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރު ހިންގި ހ. މެރިންޑްރީމްގަ އެވެ. މި ސެންޓަރު ހުޅުވައި ދެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ.

އެމްއައިބީއިން ހުޅުވި އެ ސެންޓަރުން ފައިސާ ކާޑު ނެގުމާއި، އޭޓީއެމް ހިދުމަތުގެ އިތުރުން ބިޒްނަސް ލައުންޖުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އެ ސެންޓަރުގައި ދިވެހި ފައިސާ ޖަމާކުރުމަށާއި ނެގުމަށް އަދި ޑޮލަރު ޖަމާކުރުމާއި ނެގުމަށް އޭޓީއެމް ހުރެ އެވެ.

އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވި ގޮތުގައި މި ސެންޓަރަކީ ވެސް އެ ބޭންކުގެ ހިދުމަތްތައް ފުޅާކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަ މަގުތައް ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ތަނެކެވެ. އަދި މި ސެންޓަރާ އެކު އެ ބެންކުގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އެމްއައިބީއިން ދާދި ފަހުން ވަނީ ޑޮލަރު އޭޓީއެމެއް ވެސް މާލޭގައި ބަހައްޓާފަ އެވެ. އަދި ހިދުމަތްތައް ފުޅާކޮށް ފަސޭހަކުރުމުގެ ގޮތުން އޮންލައިންކޮށް ބޭންކުގެ ކާޑު ހެއްދޭނެ ޕޯޓަލެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.