18 ޖުލައި 2023 - 11:36

ކ. ތުލުސްދޫގައި އިއްޔެ ނިމުނު އޭއެސްއެފް އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން ޓީމުން ރިހި މެޑަލް ހޯދައިފި އެވެ.
ރާއްޖޭން ވަނީ މުބާރާތުގައި ވާދަކުރި ދެކުނު އޭޝިއާގެ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި އިންޑިއާ ފަހަތަށް ޖައްސާލައި ރޭންކިންގެ ދެވަނަ ހޯދައިފަ އެވެ. ލަންކާ އަށް ހަތަރުވަނަ ލިބުނުއިރު އިންޑިއާ އަށް ހޯދުނީ ތިންވަނަ އެވެ. ބަންގްލަދޭޝް އަށް ލިބުނީ 11 ވަނަ އެވެ.
ފިރިހެން އޯޕަން ޑިވިޝަނާއި ފިރިހެން ޖޫނިއާ ޑިވިޝަނުގައި ވެސް ރާއްޖޭގެ އަށް އެތުލީޓުން ވާދަ ކޮށްފައި ވެއެވެ. އޯޕަން ޑިވިޝަނުގައި ރާއްޖޭގެ ހުސެއިން އަރީފް (އިބޫ) ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ވަނީ ރެޕޭޗާޖް ހަވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އަހުމަދު އާގިލް (އަންމަޑޭ) ރެޕޭޗާޖް ފަސްވަނަ ބުރަށް ދަތުރު ކުރިއިރު، އާދަމް މުއީން އިބްރާހިމާއި ހޫދު އަހުމަދު (ހޫބްޒް) އާއި ހަސަން ނާސިހު (ޗިކާ) އަދި އަބްދުﷲ އަރީފް (ފުކޫ) ވަނީ ރެޕޭޗާޖް ހަތަރުވަނަ ބުރުގައި ވާދަ ކޮށްފަ އެވެ. ޖައިލަމް ނިޒާރު މުބާރާތް ނިންމާލީ ރެޕޭޗާޖް 3 އިންނެވެ.
ޖޫނިއާ ކެޓެގަރީ އިން ވާދަކުރި އަށް އެތުލީޓުންގެ ތެރެއިން އެންމެ ދުރަށް ދިޔައީ ޔަސީން އަހުމަދު ނާޝިދާއި ސައްޔިދު ސަލާހުއްދީނެވެ. ދެ އެތުލީޓުން ވެސް ރެޕޭޗާޖް 3 ގައި ވާދަކުރި އެވެ. މުހައްމަދު އިނާން އަބްދުލް ހަންނާނާއި ޝާނިފް ޝަފީގު އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ ރެޕޭޗާޖް 2 ގައި ވާދަ ކުރި އިރު، އިސްމާއިލް މަދުހު އަހުމަދާއި މުހައްމަަދު ޒަޔާން އަދި ކަޔާން އަބްދުﷲ އަރީފް ވަނީ ރެޕޭޗާޖް 1 ގައި ރާޅާ އަޅައިފަ އެވެ.
ރާއްޖޭން ވަނީ ޓީމު އިވެންޓް ކަމަށްވާ އަލޯހާ ކަޕްގެ ތިންވަނަ ހޯދައި ބްރޯންޒް މެޑަލް ހާސިލް ކޮށްފަ އެވެ.
ރާއްޖެ އަށް ވުރެ މަތިން ޕޮއިންޓް ހޯދައި ރޭންކިންގެ އެއްވަނަ ހޯދީ ޖަޕާނެވެ. އޯޕަން ޑިވިޝަނުގެ ދެވަނަ އަދި ހަތަރުވަނަ، ޖަޕާނުގެ އެތުލީޓުން ހޯދި އިރު، ޖޫނިއާ ބައިގެ ފައިނަލް ހީޓުގައި ވާދަކުރި ހަތަރު އެތުލީޓުންނަކީ ވެސް ޖަޕާނުގެ ރާޅާއެޅުންތެރިންނެވެ.
އަންހެން ޑިވިޝަންގައި ރާއްޖެއަށް ލިބުނީ ހަތްވަނަ އެވެ. މުބާރާތުގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި އަންހެން ރާޅާއެޅުންތެރިޔާ މަރިޔަމް ރާހިލް ނަސީމް (އާޔާ) ވަނީ ރެޕޭޗާޖް 2 ގައި ވާދަ ކޮށްފަ އެވެ.
އެއްވަނަ ހޯދީ ޖަޕާންގެ. ޗައިނާއަށް ދެވަނަ ލިބުނުއިރު ތިންވަނަ ހޯދީ ތައިލެންޑުގެ.